އޭޝިއަން ޔޫތު ގޭމްސް 2025: ދީމާާއާއި އަޒްކާގެ ޕެއާއިން މޮންގޯލިއާވެސް ބަލިކޮށް ކުއާޓާއާ ގާތަށް

ބަހްރެއިންގެ މަނަމާގައި ކުރިއަށްދާ ތިންވަނަ އޭޝިއަން ޔޫތު ގޭމްސްގެ އަންހެން ބީޗްވޮލީ އިވެންޓްގައި ރާއްޖޭގެ އައިޝަތު ދީމާ ނަދީމާއި އަޒްކާ ބިންތު މުހައްމަދު ސިދުގީ ކުޅުނު ދެވަނަ މެޗުގައި މޮންގޯލިއާވެސް ބަލިކޮށް، ކުއާޓާ ފައިނަލާ ގާތަށް ޖެހިލައިފިއެވެ. ބަހްރެއިންގެ ސަމާ ބޭ ބީޗްވޮލީ އެރީނާގައި މިރޭ ދީމާއާއި އަޒްކާ ވާދަކުރީ މޮންގޯލިއާގެ ނަންދިނާރްޑޭން ނަރަންބަޓާރާއި ސެލްމޫން އެލްބެގެޔާރާ ދެކޮޅަށެވެ. ރާއްޖޭގެ ޕެއާއިން މެޗު ކާމިޔާބުކުރީ 2-1 ސެޓުންނެވެ. ރާއްޖެއާއި މޮންގޯލިއާ މެޗުގެ ތެރެއިން-- ފޮޓޯ: އެމްއޯސީ މިހާތަނަށް ގޭމްސްގެ ގްރޫޕް ބީގައި ކުޅުނު ދެ މެޗުން ވެސް ދީމާއާއި އަޒްކާގެ ޕެއާއިން ވަނީ މޮޅުވެފައެވެ. އެންމެ ފުރަތަމަ މެޗުގައި ދީމާއާއި އަޝްކާ ވަނީ ހޯސްޓް ބަހްރެއިން ބަލިކޮށްފައެވެ. ގްރޫޕް ބީގައި ހަ ގައުމަކުން ވާދަކުރާއިރު، އިތުރު އެއް މޮޅާއެކު ރާއްޖޭގެ ޕެއާއަށް ކުއާޓާ ޔަގީންކުރެވޭނެއެވެ. މެޗުގެ ފުރަތަމަ ސެޓުގައިވެސް ދީމާއާއި އަޒްކާ ފެނުނީ ތަފާތުކޮށެވެ. ޚާއްސަކޮށް ރާއްޖޭގެ ޕެއާއިން ރަނގަޅު ސާވިސްތަކެއްކޮށް، އެ ސެޓު ގެންދިޔައީ 21-17 އިންނެވެ. ދެވަނަ ސެޓުގައިވެސް ރާއްޖޭގެ ޕެއާއިން މޮޅަށް ކުޅެ، ލީޑުގައިވެސް އޮތެވެ. އެ ސެޓު ފަހުވަގުތު ގެއްލުނީ 21-18 އިންނެވެ. ދެވަނަ ސެޓު ގެއްލުނު ނަމަވެސް، ޓައި ބްރޭކް ސެޓުގައި ރާއްޖޭގެ ޕެއާ ފެނުނީ ޔަގީންކަމާއެކު ކުޅުނު ތަނެވެ. ރަނގަޅު ރޫހެއްގައި ކުޅެ، ދީމާއާއި އަޒްކާ ފަހު ސެޓު ކާމިޔާބުކުރީ ބޮޑު ތަފާތަކުން 15-3ގެ ސްކޯއަކުންނެވެ. ބީޗްވޮލީ އަންހެން ޕެއާއަށް މިރޭ އިތުރު މެޗެއް އޮންނާނެއެވެ. ބައްދަލުކުރާނީ އިންޑޮނޭޝިއާގެ ޕެއާއާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ މިރޭ ރާއްޖެގަޑިން 10:00 ގައެވެ. އިންޑޮނޭޝިއާއަކީ ގޭމްސްގައި އެންމެ ވަރުގަދަ އެއް ޓީމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ