އައިބީގެ ވިސްނުމަކީ ޓޫރިސްޓުންނަށް ރާ ވިއްކަން މަގުފަހިކުރަން ސަވާހިލި ފޭދޫއާ ވަކިކުރަން އައިބީގެ ވިސްނުމަކީ ޓޫރިސްޓުންނަށް ރާ ވިއްކަން މަގުފަހިކުރަން ސަވާހިލި ފޭދޫއާ ވަކިކުރަން

އައްޑޫ ސިޓީ ފޭދޫ ކައިރީ އޮންނަ ކުޑަ ފަޅު ރަށެއް ކަމަށްވާ ސަވާހިލީގައި ރާ ވިއްކަން މަގުފަހިކުރަން ފޭދޫއާ ވަކިކުރުމަކީ އޭނާ ގެންގުޅުއްވާ ވިސްނުމެއް ކަމަށް ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު، އިބްރާހިމް ދީދީ (އައިބީ) ވިދާޅުވެއްޖެ އެވެ.
ފޭދޫގައި ވަކި ކައުންސިލެއް ހަދަން ކުރަމުންދާ ކެމްޕެއިންގެ ތެރެއިން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ އައިބީ ވަނީ ސަވާހިލި ފޭދޫގެ އިހުތިސޯސުން ވަކިކުރުމުގެ ފައިދާތައް ކިޔައިދެއްވާފަ އެވެ. މި ވާހަކަތައް ހިމެނޭ ލީކުވެފައިވާ އޯޑިއޯއެއް އަންނަނީ ދައުރުވަމުންނެވެ.
އައިބީ ވިދާޅުވީ ޔޫރަޕްގެ ފަތުރުވެރިންގެ އުފާވެރި ދިރިއުޅުމަކީ ރާ ބޮއިގެން އެ މީހުން ބޭނުންވާ އެކަހަލަ ވަސީލަތްތައް އެތަނެއްގައި ހުރުން ކަމަށްވާއިރު، ޕްރައިވެޓް ތަނެއް ގޮތުގައި ސަވާހިލި ތަރައްގީކުރުމަކީ ގެންގުޅުއްވާ ވިސްނުމެއް ކަމަށެވެ. އަދި ގާނޫނު ބުނާގޮތުން މީހުން އުޅޭ ތަންތަނުގައި ރަލެއް ނުވިއްކޭނެ ކަމަށާއި ސަވާހިލިއަކީ މި ވަގުތު ވަކިން އޮތް ތަނަކަށްވާތީ އެތަނުގައި އެ އިންތިޒާމު ހަމަޖެއްސޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގެސްޓުން ދާކަށް ނުޖެހޭނެ އެހާ ދުރަށް ރާ ނުބޮވިގެން. އާންމުކޮށް އަހަރުމެން ގަބޫލުކުރާ ގޮތުގައި ޔޫރަޕް މީހުންނަށް ބޭނުންވާނެ. ދެން އަހަރުމެން ދެން ބުނާނީ އެމީހުން އަންނާނެއޭ އެއްޗެއް ނުލިބުނަސް. ރަނގަޅު އެއްޗެއް ނުލިބުނަސް އެމީހުން އަންނާނެ. އެކަމަކު އެމީހުންގެ އުފާވެރި ދިރިއުޅުމަކީ އެމީހުން އުޅޭއިރު މި ވަސީލަތްތައް،" އައްޑޫ ބަހުރުވައިން ވާހަކަ ދައްކަވަމުން އައިބީ ވިދާޅުވި އެވެ.
"އެހެންވީމަ ގާނޫނު އޮންނަ ގޮތުން މީހުން އުޅޭ ތަންތަނުގައި ރަލެއް ނުވިއްކޭނެ. އެގޮތަށް ބަލާއިރު ސާވިހިލިއަކީ ރަށާ ގުޅިފައި އޮތް ތަނެއް ނޫން. ވަކިން އޮތްތަނެއް. ހުޅުދޫ ކޮޅުގައި ހެރެތެރެ ވެސް އޮންނަނީތާ. ހަމަ ބްރިޖަކުން ދެވޭތާ."
މީގެ އިތުރުން އައިބީ ވިދާޅުވީ ސަވާހިލި އާއި އެ ރަށް ކައިރީގައި އޮންނަ ކަފަތަޅާ ގުޅުވާލައިގެން، ބީޗު ހަދައިގެން ރިސޯޓެއް ގޮތުގައި ވެސް ތަރައްގީ ކުރެވިދާނެ ކަމަށެވެ.
ފޭދޫ ޓޫރިޒަމް ޒޯނަށް އަންނަ ޓޫރިސްޓުންނަށް ހިދުމަތް ދޭން ބީޗެއް ވެސް ނެތް ސަވާހިލި، ސާވިސް އައިލެންޑެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ސަރުކާރުން ވަނީ ހުއްދަ ދީފަ އެވެ. އެކަމަކު ރަސްމީކޮށް މިހާތަނަށް އެ ހުއްދަ ދީފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ