ގުދުރަތީ ތަންތަނަށް ނަންދިނުމަށް، ހޯމް މިނިސްޓްރީއާއި ޑިފެންސް މިނިސްޓްރީ ހިމެނޭ ކޮމިޓީއެއް

ގުދުރަތީ ތަންތަނަށް ނަންދިނުމަށް, ޖިއޮގްރަފިކް ނަންތަކާ ބެހޭ ކޮމިޓީ ނަމުގައި ޚާއްސަ ކޮމިޓީއެއް އުފައްދަން ނިންމައިފިއެވެ. ފިނޭންސް މިނިސްޓްރީން ބުރާސްފަތި ދުވަހު ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރި އިއުލާނެއްގައި ވަނީ ގުދުރަތީ ތަންތަނަށް ނަންކިޔުމުގެ އުސޫލެއް އާންމުކޮށްފައެވެ. އެ އުސޫލުގެ ދަށުން ނަން ކިޔުމާއި ނަން ބަދަލުކުރުމަށް ހަމަޖެހިފައިވަނީ، ރަށްރަށާއި ބިންބިމާއި ފަޅުފަޅާއި ފަރުފަރާއި ހާހަލާއި ގިރިގިރިއާއި މި ނޫން ވެސް ގުދުރަތީ އެފަދަ ތަންތަނާއި އުފައްދާފައިވާ ތަންނާއި ސަރަހައްދުތަކަށެވެ. ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ އެ އުސޫލަކީ، ގުދުރަތީ ތަންތަނުގެ ތެރެއިން ވަކި ނަމެއް ދިނުމަށް ބޭނުންވާ ތަންތަނަށް ނަން ކިޔުމާއި އަލަށް އުފައްދާ ތަންތަނަށް ނަން ކިޔުމާއި ވަކި ތަނަކަށް ދީފައިވާ ނަމެއް ނުވަތަ ރަސްމީ ނަމެއް ބަދަލުކުރުމުގައި އަމަލުކުރާނެ ގޮތް ބަޔާންކޮށްފައިވާ އުސޫލެއް ކަމަށެވެ. އެ އުސޫލުގެ މަގުސަދަކީ ގުދުރަތީ ތަންތަނަށް ނަން ކިޔުމަށްޓަކައި ނަން ފާސްކުރުމުގައި ބަލާނެ މިންގަނޑުތައް ކަނޑައެޅުމާއި ނަން ކިޔުމުގައި އަމަލުކުރާނެ ހަަމަތަކާއި އިޖުރާތުތައް ބަޔާންކުރުން ކަމަށް އިއުލާނުގައި ބުނެފައިވެއެވެ. އެ އުސޫލަށް މިދިޔަ ބުރާސްފަތި ދުވަހު އަމަލުކުރަން ފަށައިފައިވާއިރު، އުސޫލުގެ ދަށުން، ނަން ކިޔުމަށާއި ނަން ބަދަލު ކުރުމަށް ކޮމިޓީއެއް އެކުލަވައިލަން ޖެހެއެވެ. އެ ކޮމިޓީގައި ތިބޭނީ: ރައީސް އޮފީހުން ކަނޑައަޅާ ފަރާތެއް ބިން ސާވޭކޮށް ޗާޓް ހެދުމާ ގުޅޭ ކަންކަމާ މަސްއޫލުވާ ވުޒާރާގެ މެންބަރެއް ތަރައްގީގެ ރޭވުންތެރިކަމާ ގުޅޭ މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ ކަންކަމާ މަސްއޫލުވާ ވުޒާރާގެ މެންބަރެއް ދިވެހި ބަހުގެ އެކަޑަމީގެ މެންބަރެއް އެންވަޔަރަމެންޓް މިނިސްޓްރީގެ މެންބަރެއް އެގްރިކަލްޗާ މިނިސްޓްރީގެ މެންބަރެއް ލޯކަލް ގަވަމެންޓް އޮތޯރިޓީގެ މެންބަރެއް ހޯމް މިނިސްޓްރީގެ މެންބަރެއް ޑިފެންސް މިނިސްޓްރީގެ މެންބަރެއް އެ އުސޫލުގެ ދަށުން ގުދުރަތީ ތަނަކަށް ނަން ދިނުމަށް، ދައުލަތުގެ އޮފީސްތަކުންނާއި އަމިއްލަ ފަރާތްތަކުން ފޯމެއް މެދުވެރިކޮށް، މިނިސްޓްރީގައި އެދެވޭނެއެވެ. އެހެންނަމަވެސް، ރަށަކަށް ނުވަތަ ފަޅަކަށް ނުވަތަ ފަޅަކަށް ދީފައިވާ ނަމެއް ބަދަލުކުރުމަށް ނުވަތަ ނަމަށް ބަދަލެއް ގެނައުމަށް ހުށަހެޅޭނީ ދައުލަތުގެ އިދާރާއަކަށް ނުވަތަ އެ ތަނެއް ކުއްޔަށް ހިފާފައިވާ ފަރާތަކަށް ނުވަތަ އެ ތަނެއް ހަވާލުކޮށްފައިވާ ފަރާތަކަށް އެކަނި ކަމަށް އުސޫލުގައިވެއެވެ. އެ ހުށަހަޅާ ނަމެއް ފާސްކުރުމުގައި ބަލަން ޖެހޭ މިންގަނޑުތައް ވެސް އުސޫލުގައިވެއެވެ. އެއީ: ދިވެހިބަހުން ކިޔާ ނަމެއް ކަމުގައިވުން އާންމު އިޖުތިމާޢީ މިންގަނޑުތަކަށާއި އަޚުލާގީ މިންގަނޑުތަކަށް ފެތޭ ނަމެއް ކަމުގައިވުން ކިޔަން ފަސޭހަ، ރީތި، ސާދާ ނަމަކަށް ވުން އެހެން ތަނަކަށް ކިޔައިފައިވާ ނަމަކަށް ނުވުން މީހަކަށް ކިޔާ ނަމަކަށް ނުވުން ނުވަތަ އެހެން ތަނަކަށް ކިޔާ ނަމަކަށް ނުވުން މީގެ އިތުރުން ރަށަކަށް ނުވަތަ ފަޅަކަށް ނަން ކިޔުމުގައި ބަލަން ޖެހޭ ކަންތައްތަކުގެ ތެރޭގައި، އެ ތަނެއްގެ ގުދުރަތީ އުމުރާއި އެ ތަނެއްގެ ނުވަތަ ސަރަހައްދެއްގެ ތާރީޚާއި އެ ތަނެއް އޮތް ތަން ހިމެނެއެވެ. އަދި އެ ތަނެއް އުފެދުމުގައި ހުރި ސިފަތަކަށާއި އެ ތަނެއްގެ ކުޑަބޮޑު މިނަށް ވެސް، ނަން ކިޔުމުގައި ބަލަން ޖެހޭ ކަމަށް އުސޫލުގައިވެއެވެ. އެ އުސޫލުގައިވާ ގޮތުން، ގުދުރަތީ ތަނަކަށް ކިޔާނެ ނަން ފިނޭންސް މިނިސްޓްރީއަށް ހުށަހެޅުމުން އެ މިނިސްޓްރީން ދިރާސާކުރުމަށް ފަހު، 15 ދުވަހުގެ ތެރޭގައި ކޮމިޓީއަށް ފޮނުވަން ވާނެއެވެ. އަދި އެ ކޮމިޓީން 15 ދުވަސް ތެރޭގައި ގޮތް ނިންމަން ޖެހޭނެއެވެ. ކޮމިޓީން ނަމެއް ފާސްކޮށްފި ނަމަ، އެ ނަމެއް ފިނޭންސް މިނިސްޓްރީން އާންމުކޮށް އިއުލާން ކުރަން ޖެހޭނެ ކަމަށް އުސޫލުގައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ