މަތީތައުލީމަށް ދޫކުރި ލޯނުތަކުން 190 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބޭ: އޮޑިޓް

މަތީ ތައުލީމަށް ދޫކުރި ލޯނުތަކުން 2022 ވަނަ އަހަރުގެ ނިޔަލަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 190 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބޭކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވެއްޖެއެވެ.
އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ ހަޔާ އެޑިއުކޭޝަނުގެ 2022 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ލޯނު ދެއްކުމަށް ހަނދާންކޮށްދީ އަދި  ޝަރީއަތަށް ހުށަހަޅައި އަދި އޭގެ ފަހުންވެސް ނުދައްކައިފިނަމަ ފިނޭންސަށް ހުށަހެޅުމަށް އޮންނަ އުސޫލާ ހިލާފަށް އެއަހަރުގެ ނިޔަލަށް 190.7 މިލިއަން ރުފިޔާ ލިބެންޖެހޭ ކަމަށެވެ. މީގެ  ތެރެއިން މިނިސްޓްރީން  ބަލަހައްޓާ ލޯނުތަކުން ލިބެންޖެހޭ އަދަދު 81.5 މިލިއަން ރުފިޔާއަށް އަރާއިރު، ބޭންކް އޮފް ސިލޯން މެދުވެރިކޮށް ދަރިވަރުންނަށް ދޫކުރި ފައިސާއިން އަނބުރާ ލިބެންޖެހޭ 106.8 މިލިއަން ރުފިޔާ ހުރިކަމަށް އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ. އަދި މި ފައިސާ ހޯދުމަށް ޤަވާއިދާ އެއްގޮތަށް އަމަލުކުރަމުން ނުދާކަންވެސް ވަނީ ފާހަގަކޮށްފައެވެ.
މަތީ ތައުލީމް ފޯރުކޮށްދިނުމުގެ މަގްސަދުގައި ހަޔަރ އެޑިއުކޭޝަނުން ވަނީ 2022 ވަނަ އަހަރުގެ ނިޔަލަށް ދަރިވަރުންނަށް ޖުމްލަ 3.1 ރުފިޔާގެ ލޯނު ދޫކޮށްފައެވެ. މީގެ ތެރެއިން 2.9 ބިލިއަން ރުފިޔާއަކީ ދައުލަތުގެ ޓެކްސް އިދާރާ އާއި ބީއެމްއެލްގެ އިތުރުން ބޭންކް އޮފް ސިލޯނުން ބަލަހައްޓަމުންދާ ލޯނުތަކެވެ. މި ލޯނުތައް ބަލަހައްތަމުންދަނީ މާލީ ވުޒާރާ އާ އެ އިދާރާތަކާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި ބާކީ 134.7 މިލިއަން ރުފިޔާގެ ލޯނު ބަލަހައްޓަމުންދަނީ ސީދާ ހަޔަރ އެޑިއުކޭޝަނުންނެވެ.
އޮޑިޓް ރިޕޯޓްގައި ބުެނފައިވަނީ 3.1 ބިލިއަން ރުފިޔާގެ ލޯނު ސްކީމުގެ ދަށުން އަނބުރާ ދައްކަންޖެހޭ މުއްދަތު ހަމަވުމާއެކު، 2022 ވަނަ އަހަރުގެ ނިޔަލަށް ލިބިފައިވަނީ 651.3 މިލިއަން ރުފިޔާއެވެ. އެއަހަރުގެ ނިޔަލަށް ނުލިބިވަނީ 190.7 މިލިއަން ރުފިޔާއެވެ.
ދަރިވަރުންނަށް ދޫކުރި ލޯނުގެ ތެރެއިން ލިބެންޖެހޭ ފައިސާގެ ތާވަލް
އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްގައި ބުނެފައިވަނީ މުއްދަތު ހަމަވެފައިވާ ލޯނު ފައިސާގެ ތެރެއިން މިނިސްޓްރީން މެނޭޖްކުރާ ލޯނުތަކަށް ލިބެންޖެހޭ 81 މިލިއަން ރުފިޔާ ހޯދުމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ކަނޑައަޅާފައިވާ އުސޫލްތަކާ އެއްގޮތަށް ފިޔަވަޅު އަޅާފައި ނުވާކަމަށެވެ. އަދި ދެ ބޭންކު މެދުވެރިކޮށް ދޫކުރި ލޯނުތަކުން ލިބެންޖެހޭ 106 މިލިއަން ރުފިޔާ ހޯދުމަށްވެސް އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިނުވާކަމަށެވެ.
މީގެ ތެރެއިން ބީއެމްއެލުން ބަލަހައްޓަމުންދާ ލޯނުތަކުގެ ތެރެއިން އަނބުރާ ދައްކަންޖެހޭ ފައިސާ ނުލިބި ލަސްވަމުންދާތީ ބޭންކުން ނަގާ އިދާރީ ފީތައް އިތުރުވެ، 2021 އަދި 2022 ވަނަ އަހަރު އިދާރީފީގެ ގޮތުގައި 3.5 މިލިއަން ރުފިޔާ ނަގާފައިވާކަމަށް އޮޑިޓަރ ޖެނެރަލް ވަނީ ފާހަގަކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ