ޝިމަން އާއި މަހުޒޫމްގެ މައްޗަށް އުފުލި ޖިނާއީ ދައުވާގެ ޝަރީއަތް އަންނަ މަހު ފަށަނީ ޝިމަން އާއި މަހުޒޫމްގެ މައްޗަށް އުފުލި ޖިނާއީ ދައުވާގެ ޝަރީއަތް އަންނަ މަހު ފަށަނީ

ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދު އަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި މާލޭގައި ޒުވާނުން ކުރި މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވި އައިޝަތު ޝިމަން އާއި މަހްޒޫމް މާޖިދުގެ މައްޗަށް އުފުލި ދައުވާގެ ޝަރީއަތް އަންނަ މަހުގެ 24، ގައި ފަށާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ޝިމަންގެ މައްޗަށް އުފުލީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅުމުގެ ކުށުގެ ދައުވާ އެވެ. އެއީ ގާނޫނުލްއުގޫބާތުގެ 532 ވަނަ މާއްދާގެ ހ. އާ ހަވާލާދީ އެ މާއްދާގެ ށ. ގެ ދަށުން އުފުލި ދައުވާއެކެވެ.
އެ ދައުވާގެ އިބްތިދާއީ އަޑުއެހުމުގައި ބައިވެރިވުމަށް އަންނަ މަހުގެ 24، ވަނަ ދުވަހުގެ ހެނދުނު 10:00 ޖަހާއިރަށް ޝިމަންއަށް ވަނީ ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް ޗިޓު ފޮނުވާފަ އެވެ.
ޝިމަންގެ މައްޗަށް އުފުލި ދައުވާގައި ދެވޭ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. އެ ކުށަށް ދެވޭ އެންމެ ބޮޑު އަދަބަކީ އެއް އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ.
ޝިމަންގެ އިތުރުން ޒުވާނުންގެ މުޒާހަރާތަކުގައި އިސްކޮށް އުޅުނު މަހުޒޫމްގެ މައްޗަށް ވެސް ދައުލަތުން ވަނީ ދައުވާ އުފުލައިފަ އެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލީ ފުލުހެއްގެ ގައިގައި އަތްލުން ނުވަތަ އަނިޔާއެއް ކުރުމުގެ ކުށުގެ ދައުވާ އެވެ.
ޕީޖީ އޮފީހުން ބުނީ އެ ދެ މީހުންނަށް ނަސޭހަތުގެ އެއްބަސްވުމެއް ވެސް އެ އޮފީހުން ހުށަހެޅި ކަމަށެވެ. ނަމަވެސް އެ އެއްބަސްވުމުގައި ސޮއިކުރަން އެ ދެ މީހުން ވެސް ދެކޮޅު ހެދި ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ނަމަވެސް ޝިމަން އޭރު ބުނީ ޕީޖީން ނަސޭހަތުގެ އެއްބަސްވުމެއްގެ ގޮތުގައި ހުށަހެޅީ އުފުލާފައިވާ ހުރިހާ ދައުވާތަކަށް އިއުތިރާފުވާން މަޖުބޫރު ކޮށްފައި އޮތް އިންޒާރުގެ އެއްބަސްވުމެއް ކަމަށެވެ.
ޝިމަން އާއި މަހްޒޫމް ހައްޔަރުކުރީ ސުލްހަވެރިކަމާއެކު މުޒާހަރާ ކުރަމުން ދަނިކޮށް މުޒާހަރާ ރޫޅާލާނެ ކަމުގެ އިންޒާރެއް ވެސް ނުދީ އެވެ. މުޒާހަރާ ރޫޅާލި ހަމައެކަނި ސަބަބަކީ މަގުމަތީ މުޒާހަރާ ކުރުމުން ވިޔަފާރިތަކަށް ދަތިވުމާއި އޯލެވެލް ޓެސްޓު ހަދާ ކުދިންނަށް މުޒާހަރާގެ ސަބަބުން އުނދަގޫވުން ކަމަށް ފުލުހުން ބުންޏެވެ.
މުޒާހަރާގެ ތެރެއިން އެ ދެމީހުން ހައްޔަރު ކުރީ ހާލަތާ ނުބައްދަލު ބާރު ބޭނުން ކޮށްގެން ކަމަށް އެ ވަގުތު އެ ސަރަހައްދުގައި ތިބި މީހުން ބުންޏެވެ. ހައްޔަރު ކުރުމަށް ފުލުހުން އަމަލު ކުރި ގޮތުން އެ ދެ މީހުންނަށް ވެސް އަނިޔާ ލިބުނެވެ.
އެ ދެ މީހުން ހައްޔަރުކޮށް ބަންދުގެ މުއްދަތު ވެސް ޖެހި އެވެ. ނަމަވެސް ފަހުން ކުރިމަތިވި ޕްރެޝަރާއެކު އެ ދެ މީހުން ވަނީ ދޫކޮށްލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ