ސިނގިރޭޓު ވައްކަން: އާއްޓޭއައި މުއާޒު ހިމެނޭ ގޮތަށް، ފަސް މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ގަވާއިދާ ޚިލާފަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގައި ހުރި 13 މިލިއަން ސިނގިރޭޓު ވަގަށް ނެގި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ހަތަރު މީހަކު ޝަރީއަތް ނިމެންދެން މިއަދު ބަންދުކޮށްފިއެވެ. މިދިޔަ އޭޕްރިލް މަހުގެ 26ވަނަ ދުވަހު ކަސްޓަމުން ހިފެހެއްޓުމަށްފަހު އެމްޕީއެލާ ހަވާލުކުރި ދެ ކޮންޓެއިނަރުގެ 13 މިލިއަން ސިނގިރޭޓު ވަގަށްނެގި މައްސަލަ ފުލުހަށް ރިޕޯޓުކުރީ މި މަހުގެ ނުވަވަނަ ދުވަހެވެ. އެ މައްސަލައިގައި މިހާތަނަށް ނުވަ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ފުރަތަމަ ހައްޔަރުކުރި ހަތަރު މީހުންގެ ތެރޭގައި ހިމެނޭ ލޮޓަސް ފިހާރައިގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ)އާއި އެޕޯލޯ ހޯލްޑިންސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި)ގެ މައްޗަށް ކުރަނީ ވައްކަމަށް ފަންޑުކުރުމުގެ ތުހުމަތެވެ. https://sun.mv/212717 ކަސްޓަމްސްގައި ކުރިން މަސައްކަތް ކުރި، މިހާރު މިފްކޯގެ ޖެނެރަލް މެނޭޖަރެއް ކަމަށްވާ މުއާޒު އަލީ އާއި ކަސްޓަމްސްގެ މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއީލަށް ކުރަނީ، އަމަލީ ގޮތުން ވައްކަން ރާވައި ހިންގިކަމަށް ތުހުމަތެވެ. އެ ދެ މީހުން ވަނީ ވަޒީފާއިން ސަސްޕެންޑުކޮށްފައެވެ. އާދަމް ވަހީދާއި ފިރުސާން: އެ ދެ މީހުން ވެސް ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފައި -- ފޮޓޯ/ ފުލުހުން ފުލުހުން ވަނީ، ވަގަށް ނެގި ދެ ކޮންޓެއިނަރުގެ ބައިތައް ތިލަފުށިން މި މަހުގެ 19ގައި ހޯދާފައިވާ ކަމަށް ބުނެފައެވެ. އެ ކޮންޓެއިނަރު އުފުލި ކަމަށް ބެލެވޭ ދޯނީގެ ކެޕްޓަން ނ. މިލަދޫ ކެނެރީގޭ، އާދަމް ވަހީދު ވަނީ މިދިޔަ ހަފުތާގެ އަންގާރައިގައި ހައްޔަރުކޮށްފައެވެ. އެއަށްފަހު ފުލުހުން ވަނީ އެމްޕީއެލްގެ ތިން މުވައްޒަފަކު ވެސް ހައްޔަރުކޮށްފައެވެ. އެއީ: އަހްމަދު ޝަހީމް / ނޫރަލީގެ، ހދ. ވައިކަރަދޫ (42 އަހަރު) އަހްމަދު ފިރުޝާން / ހ. ރުމޭނިއާ (35 އަހަރު) ހުސައިން ސާމިހު / ޗާންދަނީ، އައްޑޫ ހިތަދޫ (35 އަހަރު) އޭގެ ތެރެއިން ދިގަލި ޝަރީއަތް ނިމެންދެން ބަންދުކުރަން މިދިޔަ ހޮނިހިރު ދުވަހު ވަނީ އަމުރުކޮށްފައެވެ. https://sun.mv/213118 އާއްޓޭއާއި މުއާޒާއި ޒިވާރާއި ފިރުޝާނާއި އާދަމް ވަހީދުގެ ބަންދުގެ މުއްދަތު ހަމަވާތީ އެ މީހުން މިއަދު ކްރިމިނަލް ކޯޓުގެ ބަންދު މަޖިލީހަށް ހާޒިރުކުރިއެވެ. ހާޒިރުކުރުމުން، އެ ފަސް މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަހުމަދު ޝަހީމާއި ސާމިހަށް ފުރަތަމަ ޖެހީ ހަތް ދުވަހުގެ މުއްދަތު ކަމުން، އެ ދެ މީހުންގެ ބަންދުގެ މުއްދަތު އަދި ހަމަވެފައިނުވެއެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން 12 މީހަކު ފުރުން މަނާކުރި ނަމަވެސް އެ މީހުންގެ ތަފުސީލެއް ހާމައެއްނުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ