މާލޭގެ އެންމެ ޒަމާނީ މިސްކިތުގެ ގޮތުގައި، ބޮޑުގެ މިސްކިތް އިމާރާތްކުރަން ފަށައިފި

މ. މުއިވެޔޮދޮށުގެ (ބޮޑުގެ) ސަރަހައްދުގައި އަލަށް ތަރައްގީކުރުމަށް ހަމަޖެހިފައިވާ ޒަމާނީ މިސްކިތާއި ދައުވާ ސެންޓަރުގެ ބިންގާ، ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު އަޅުއްވައިދެއްވައިފިއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ 'މަސްޖިދުއް ދައުވާ'ގެ ނަން ދިނުމަށް ހަމަޖެހިފައިވާ އެ މިސްކިތުގައި 1250 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ ކަމަށެވެ. އެ މިސްކިތުގައި މައި ނަމާދު ކުރާ ބަޔާއި ވުޟޫ ކުރާ ސަރަޙައްދާއި ފާޚަނާ ބަރި ހެދުމަށް ހަމަޖެހިފައިވާއިރު, އަންހެނުން ނަމާދު ކުރާ ބަޔަކާއި އިއުތިކާފް ސަރަޙައްދެއް ހަދާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އަދި މިސްކިތުގެ ދެވަނަ ބުރީގައި 150 މީހުންގެ ޖާގައިގެ ކޮންފަރެންސް ހޯލަކާއި، ޒަަމާނީ ކްލާސްރޫމްތަކެއްގެ އިތުރުން ލައިބްރަރީއަކާއި އެޑްމިން އޮފީސް ގާއިމްކުރުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. މިނިސްޓްރީން ބުނީ، މިސްކިތުގެ ޓެރަސްއަކީވެސް ނަމާދު ކުރެވޭ ގޮތަށް ގާއިމްކުރާނެ ބަޔެއް ކަމަށެވެ. އެ މިސްކިތުގައި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހައިން ވަދެނިކުމެވޭނެ އިންތިޒާމް ގާއިމް ކުރުމަށް ހަމަޖެހިފައިވާއިރު އެފަދަ ފަރާތްތަކަށް ބޭނުންކުރެވޭނެ ފާޚާނާއާއި ވުޟޫ ކުރާ ސަރަޙައްދު ގާއިމް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. https://x.com/MVIaffairs/status/1983860431354515727 ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއުއަކީ އަމިއްލަ ފަރާތްތަކަކުން ޚަރަދުކުރާ މަޝްރޫއުއެކެވެ. މި މަޝްރޫއު ނިންމުމަށް ދީފައިވަނީ 540 ދުވަހުގެ މުއްދަތެކެވެ. އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ ބޮޑުގެ ސަރަހައްދުގައި ބިނާ ކުރާ މިސްކިތުގެ މަޝްރޫޢު ނިމުމާއެކު އެއީ މާލޭގައި ހުރި އެންމެ މިޒަމާނަށް ފެތޭ، އެއް ތަނަކުން އެންމެ ގިނަ ވަސީލަތްތައް ބޭނުންކުރެވޭ މިސްކިތަކަށް ވާނެ ކަމަށެވެ. އެ މިސްކިތަކީ ދީނީ އެކި ހަރަކާތްތަކާއި ޕްރީ ސްކޫލްތަކުގެ ހަރަކާތްތައް ވެސް ހިލޭ ކުރިއަށް ގެންދެވޭނެ ސެންޓަރަކަށް ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މާލެ ސިޓީގައި ބާވެފައި ހުރި މިސްކިތްތަކުގެ ބަދަލުގައި ޒަމާނީ ބޮޑެތި މިސްކިތްތައް ބިނާކުރުމަކީ ސަރުކާރުގެ އަމާޒެެކެވެ. އެގޮތުން ރައްދެބައިމަގާއި މަޖީދީމަގު ކަންމަތީގައި ހުރި ދުވަސްވީ ބަރުބަރީ މިސްކިތުގެ މަސައްކަތް ވެސް މިދިޔަ އަހަރުވަނީ ފެށިފައެވެ. ތިން ބުރިއަށް ބިނާކުރާ ޒަމާނީ އެ މިިސްކިތް މި އަހަރުގެ ޑިސެމްބަރު މަހު ހުޅުވުމަށް ބާރު ސްޕީޑުގައި މަސައްކަތް ކުރިއަށްގެންދާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ