ޖިބޫތީގެ ޤާނޫނު ހަދާ މަޖިލީހުން އެ ގައުމުގެ ރައީސްކަމަށް ކުރިމަތިލާ މީހުންގެ އެންމެ ދޮށީ އުމުރުގެ ގޮތުގައި ކަނޑައަޅާފައިވާ އުމުރު އުވާލަން ފާސްކޮށްފިއެވެ.
ޖިބޫތީގެ ގާނޫނުއަސާސީ މިހާރު އޮންނަގޮތުން އުމުރުން 75 އަހަރު ފުރުމުން ރައީސްކަމަށް ކުރިމައްޗެއް ނުލެވޭނެއެވެ. ނަމަވެސް އެ ގަުމުގެ ގާނޫނު ހަދާ މަޖިލީހުން އިއްޔެ ފާސްކުރި ނިންމުމާއެކު އުމުރުން 75 އަހަރު ފުރުނަމަވެސް އެ ގައުމުގެ ވެރިކަމަށް ކުރިމަތިލެވޭނެއެވެ.މި ނިންމުމުގެ ސަބަބުން އުމުރުފުޅުން 77 އަހަރު ގުނަމުންދާ މިހާރު ރައީސް އިސްމާޢީލް ޢުމަރު ގުއްލޭއަށް، 2026 ވަނަ އަހަރު ބާއްވާ އިންތިޚާބުގައި ހަވަނަ ދައުރަކަށް ވާދަކުރުމުގެ މަގު ވަނީ ފަހިވެފައެވެ. އޭނާ އަކީ 1999 ވަނަ އަހަރުން ފެށިގެން ޖުބޫތީގެ ވެރިކަން ކުރައްވަމުން ގެންދަވާ ރައީސެވެ.
އާދިއްތަ ދުވަހު ބޭއްވި ޤާނޫނު ހަދާ މަޖިލީހުގެ ޖަލްސާގައި ބައިވެރިވި 65 މެންބަރުންގެ ތެރެއިން ހުރިހާ މެންބަރުން ވެސް ވަނީ ރައީސްކަމަށް ކުރިމަތިލުމަށް ހުރަހަކަށް ވެފައިވާ 75 އަހަރުގެ އުމުރުގެ ހައްދު ނައްތާލުމަށް ވޯޓު ދީފައެވެ. މި ބަދަލުގެ ސަބަބުން 2026 ވަނަ އަހަރުގެ އޭޕްރީލް މަހަށް ތާވަލުކޮށްފައިވާ އިންތިޚާބުގައި މިހާރު ވެރިކަމުގެ ފަސް ވަނަ ދައުރު ފުރިހަމަކުރަމުންދާ ރައީސް އިސްމާޢީލް ޢުމަރު ގުއްލޭ ވާދަކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. ނަމަވެސް، މި ނިންމުން ތަންފީޒުވުމަށްޓަކައި ރައީސް މި ބިލު ތަޞްދީޤު ކުރެއްވުމަށްފަހު، ނޮވެމްބަރު 2 ގައި ދެވަނަ ފަހަރަށް ޤާނޫނު ހަދާ މަޖިލީހުން ވޯޓުލުން ނުވަތަ ޤައުމީ ރިފަރެންޑަމެއް ބޭއްވުން ލާޒިމުވެއެވެ.
ޢާންމުކޮށް އައި.އޯ.ޖީގެ ނަމުން މަޝްހޫރުވެފައިވާ ރައީސް ގުއްލޭގެ ވެރިކަން ފެށުނީ ޤައުމުގެ ބާނީ ރައީސް ޙަސަން ގޫލޭޑް އަޕްޓިޑޮންގެ ފަހުންނެވެ. ހައިރާންވާފަދަ ކަމަކީ، ރައީސްކަމަށް ކުރިމަތިލުމުގެ އުމުރުގެ ލިމިޓް 2010 ވަނަ އަހަރު ތަޢާރަފްކުރެއްވީ ވެސް ގުއްލޭ އަމިއްލަފުޅަށެވެ. އެއީ ރައީސްކަމުގެ ދައުރުގެ ލިމިޓް ނައްތާލުމުގެ އިޞްލާޙީ މަސައްކަތްތަކުގެ ތެރެއިންނެވެ.
އެ ގައުމުގެ ޤައުމީ މަޖިލީހުގެ ރައީސް ދިލައިތާ މުޙައްމަދު ދިލައިތާ ވިދާޅުވީ، މި ބަދަލަކީ ހަލަބޮލި ސަރަޙައްދެއްގައި ހަމަޖެހުން ދެމެހެއްޓުމަށްޓަކައި ވަރަށް މުހިންމު ކަމެއް ކަމަށެވެ. ރައީސް ގުއްލޭ ވެސް ވަނީ މި އަހަރުގެ ކުރީކޮޅު، ބާރު ދޫކޮށްލުމުގެ އެއްވެސް ވިސްނުމެއް ނެތްކަމުގެ އިޝާރާތެއް ދެއްވާފައެވެ.
''އަހަރެން ދަންނަވާލަން އޮތް ހަމައެކަނި ވާހަކައަކީ އަހަރެން ގައުމު ދެކެ ވަރަށް ބޮޑަށް ލޯބިވާ ވާހަކަ، ޒިންމާދާރުކަން ކުޑަ ނުރައްކާތެރި ކަމެއްގެ ތެރެއަށް ގައުމު ވަދެ ބައިބައިވުމަށް ނޭދޭ ވާހަކަ'' އޭނާ ވިދާޅުވެފަވެއެވެ.
ރައީސް ގުއްލޭ 2021 ވަނަ އަހަރު އޭނާގެ ފަސްވަނަ ދައުރު ކާމިޔާބު ކުރެއްވީ އިދިކޮޅު ފަރާތްތަކުން އިންތިޚާބު ބޮއިކޮޓް ކުރުމުން ވޯޓުގެ 98 އިންސަތައަށް ވުރެ ގިނަ ވޯޓު ހޯއްދަވައިގެންނެވެ. އޭނާ އަކީ ޔޫގަންޑާގެ ޔޮވެރީ މުސެވޭނީ އާއި އިރިޓްރިއާގެ އިސާއިސް އަފްވޭކީގެ ފަހުން އިރުމަތީ އެފްރިކާގައި އެންމެ ދިގު މުއްދަތަކަށް ވެރިކަން ކުރައްވާ ތިންވަނަ ލީޑަރެވެ.
އެއް މިލިއަން މީހުންގެ ކުޑަ އާބާދީއެއް އޮތް ނަމަވެސް، ޖިބޫތީއަކީ ޖިއޯޕޮލިޓިކަލް ގޮތުން ވަރަށް ބޮޑު ނުފޫޒެއް ފޯރުވާ ޤައުމެކެވެ. މި ޤައުމުގައި އެފްރިކާގައި އެމެރިކާގެ ހަމައެކަނި ދާއިމީ އަސްކަރީ މަރުކަޒު ޤާއިމުކޮށްފައިވާއިރު، ފްރާންސް، ޗައިނާ، ޖަޕާން އަދި އިޓަލީގެ މަރުކަޒުތައް ވެސް ހުރެއެވެ. މި އަސްކަރީ މަރުކަޒުތަކުގެ ސަބަބުން ޖިބޫޓީއަށް ބައިނަލްއަޤްވާމީ ގޮތުން ބޮޑު ސަމާލުކަމެއް ލިބިގެންދެއެވެ.
ޖިބޫތީގެ ކުރު ތަޢާރަފެއް
ޖިބޫތީ، ރަސްމީ ނަމުން ޖިބޫތީ ޖުމްހޫރިއްޔާއަކީ އެފްރިކާގައި އޮންނަ ކުޑަ، އަދި ސްޓްރެޓެޖިކް ގޮތުން މުހިންމު ޤައުމެކެވެ. މިޤައުމު އޮންނަނީ ރަތް ކަނޑުގެ ދެކުނު ދޮރާށީގައެވެ. އުތުރުން އެރިތުރިއާއާއި، ހުޅަނގާއި ދެކުނުން އިތިޔޯޕިއާއާއި، ދެކުނު އިރުމަތިން ސޯމާލިއާއާ އިންވެގެންނެވެ. ޖިބޫތީގެ އައްސޭރިފަށް އޮންނަނީ ރަތް ކަނޑާއި އަދަން ކަނޑުގައެވެ. މި ސަރަޙައްދުގައި އޮތުމުން، ޖިބޫތީއަކީ ދުނިޔޭގެ ކަނޑު ދަތުރުފަތުރާއި މުދާ އުފުލުމުގައި ވަރަށް މުހިންމު މަރުކަޒެކެވެ.
1.1 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޖިބޫތީގެ ވެރިރަށަކީ އަދި އެންމެ ބޮޑު ސިޓީއަކީ ޖިބޫތީ ސިޓީއެވެ. ޤައުމުގެ އާބާދީގެ ބޮޑު ބައެއް ދިރިއުޅެނީ މި ސިޓީގައެވެ. ޖިބޫތީގެ ދެ ރަސްމީ ބަހަކީ ފަރަންސޭސި ބަހާއި އަރަބި ބަހެވެ. މީގެ އިތުރުން ސޯމާލި ބަހާއި އަފާރު ބަހަކީވެސް ޤައުމީ ބަސްތަކުގެ ގޮތުގައި ފުޅާ ދާއިރާއެއްގައި ބޭނުންކުރެވޭ ބަސްތަކެކެވެ.
ޖިބޫތީގެ މައިގަނޑު ދެ ނަސްލަކީ ސޯމާލި އަދި އަފާރު ނަސްލެވެ. ޖިބޫތީގެ އާބާދީގެ 94 އިންސައްތައަކީ މުސްލިމުންނެވެ.
ޖިބޫޓީގެ އިޤްތިޞާދު މައިގަނޑު ގޮތެއްގައި ބަރޯސާވެފައިވަނީ ބަނދަރުތަކުގެ ޚިދުމަތްތަކާއި، ލޮޖިސްޓިކްސްއާއި، އަދި އޭގެ ސްޓްރެޓެޖިކް މަޤާމުގެ ސަބަބުން ބޭރުގެ އަސްކަރީ ބޭސްތައް ކުއްޔަށް ދިނުމަށެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
ޖިބޫތީގައި ރައީސްކަމަށް ކުރިމަތިލެވޭ އެންމެ ދޮށީ އުމުރު އުވާލައި، މިހާރުގެ ރައީސަށް ހަވަނަ ދައުރަކަށް ކުރިމަތިލުމަށް މަގު ފަހިކޮށްދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ