އަބުރުފުޅު ކަތިލި ކަމަށް ވިދާޅުވެ، ނިއު ޔޯކް ޓައިމްސްއަށް ޓްރަމްޕް 15 ބިލިއަން ޑޮލަރުގެ ދައުވާއެއް ކުރައްވަނީ
އަބުރުފުޅާއި ބެހި ބަދުބަސް ބުނުމާ ގުޅިގެން ކަމަށް ވިދާޅުވެ، ދަ ނިއު ޔޯކް ޓައިމްސްއާ ދެކޮޅަށް 15 ބިލިއަން ޑޮލަރު (11 ބިލިއަން ޕައުންޑް)ގެ ދައުވާއެއް ކުރައްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ފްލޮރިޑާގެ އެމެރިކާގެ ޑިސްޓްރިކްޓް ކޯޓަށް ހުށަހެޅި ދައުވާގައިވާ ގޮތުން ނިއު ޔޯކް ޓައިމްސްއިން ގަސްތުގައި އަދި ނުބައި ނިޔަތުގައި ރައީސް ޓްރަމްޕްގެ އަބުރުފުޅު ބަދުނާމު ކުރަމުން އަންނަތާ އެތައް އަހަރެއް ވެއްޖެއެވެ. އަދި، 2024 ވަނަ އަހަރުގެ އިންތިޚާބާ ދިމާކޮށް ޝާއިއުކުރި ގިނަ އަދަދެއްގެ ލިޔުންތަކާއި ޓައިމްސްގެ ދެ ނޫސްވެރިންގެ ލިޔެފައިވާ ފޮތެއްގެ ނަން ވަނީ ފާހަގަކޮށްފައެވެ. މިދިޔަ އަހަރު ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޓްރަމްޕާ ވާދަކުރެއްވި ކަމަލާ ހެރިސްއަށް ޓައިމްސްއިން ތާއީދުކުރެއްވި ކަމަށާއި އެ ނޫހަކީ ވައަތު ފިޔައިގެ ނޫހެއް ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އެ މަނިކުފާނުގެ ރިޔާސީ ދައުރާ ދެކޮޅަށް ވާއަތު ފިޔައިގެ މީޑިއާތައް މަސައްކަތްކުރާ ކަމަށް ބުނެ ޓްރަމްޕް އަބަދު ވެސް ނުރުހުން ފާޅުކުރައްވައެވެ. ހޯމަ ދުވަހުގެ ރޭ ދަންވަރު ކުރި ޕޯސްޓެއްގައި ޓްރަމްޕް ވަނީ އެ މަނިކުފާނުގެ އިންތިޚާބީ ވާދަވެރިޔާ ކަމަލާއަށް ޓައިމްސްއިން ތާއީދުކޮށް ފުރަތަމަ ސަފުހާގައި އެ ވާހަކަތައް ދައްކާފައިވާ ކަމަށެވެ. އެއީ، މީގެ ކުރިން ދުވަހަކު ވެސް ނުވާ ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވެފައެވެ. އެ ޕޯސްޓުގައި ޓްރަމްޕް ވަނީ އެހެން މީޑިއާތަކާއި ޓީވީ ޕްރޮގްރާމްތަކުން ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އެ މަނިކުފާނުގެ އިއްޒަތަށް އަރައިގަންނަ ކަމަށް ވެސް ތުހުމަތުކުރައްވާފައެވެ. މިއީ ނިއު ޔޯކް ޓައިމްސްއަށް ޓްރަމްޕް ފިޔަވަޅު އެޅުއްވި ފުރަތަމަ ފަހަރެއް ނޫނެވެ. އެގޮތުން، 2023 ވަނަ އަހަރު ވެސް ޓްރަމްޕް، އެ ނޫހާ ދެކޮޅަށް މައްސަލަ ހުށަހެޅުއްވިއެވެ. ނަމަވެސް، ކޯޓުން ވަނީ އެ ދައުވާ ބާތިލްކޮށްފައެވެ. އޭރު ހުށަހެޅި 100 މިލިއަން ޑޮލަރުގެ ދައުވާގައި ވަނީ އެ ނޫހާއި ޓްރަމްޕްގެ ކޮއްކޮގެ ދަރިފުޅު މޭރީ ޓްރަމްޕް އެ މަނިކުފާނުގެ ޓެކްސް ރިކޯޑުތައް މަކާރާއި ހީލަތުން ހޯދަން އުޅުނުކަމުގެ ތުހުމަތުކުރައްވާފައެވެ. ހަމަ އެ އަހަރު ސީއެންއެންއާ ދެކޮޅަށް ޓްރަމްޕް ހުށަހެޅުއްވި މައްސަލައެއް ވެސް ވަނީ ނާކާމިޔާބުވެފައެވެ. ޖުމުލަ 475 މިލިއަން ޑޮލަރުގެ އެ ދައުވާގައި ޓްރަމްޕް ވަނީ އެޑޮލްފް ހިޓްލާއާއި އެ މަނިކުފާނާއި އެއްގޮތްކުރަން ސީއެންއެންއިން މަސައްކަތް ކުރި ކަމަށް ތުހުމަތުކުރައްވާފައެވެ. ފައިނޭންސާ ޖެފްރީ އެޕްސްޓައިންއާއި ޓްރަމްޕްގެ ގުޅުމާ ބެހޭގޮތުން ރިޕޯޓެއް ޝާއިއުކުރުމުން ޖުލައި މަހު ދަ ވޯލް ސްޓްރީޓް ޖާނަލްއާއި މީޑިއާ މޮގަލް ރޫޕާޓް މާޑޮކްއާ ދެކޮޅަށް 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާއެއް ވެސް ޓްރަމްޕް ވަނީ އުފުއްލަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ