ހުޅުދޫ އާއި މީދޫއިން ނިންމީ އަމިއްލަ ރަށު ކައުންސިލްތަކެއް އުފެއްދުމަށް ހުޅުދޫ އާއި މީދޫއިން ނިންމީ އަމިއްލަ ރަށު ކައުންސިލްތަކެއް އުފެއްދުމަށް

އައްޑޫ ސިޓީ ކައުންސިލުން ވަކިވެ ހުޅުދޫ އާއި މީދޫގައި ވަކިވަކި ރަށު ކައުންސިލް އުފެއްދުމަށް ފެންނަ ކަމަށް އެ ދެ ރަށުގެ ރައްޔިތުން މިއަދު ވޯޓު ދީފި އެވެ.
އައްޑޫ ރައްޔިތުންގެ މެދުގައި އާންމު ވޯޓަކަށް އެހީ ހުޅުދޫ އަދި މީދޫގައި ވަކި ކައުންސިލްތަކެއް ގާއިމު ކުރުމަށް ފެނޭތޯ އެވެ. ހުޅުދޫ އާއި މީދޫއިން ވެސް ވޯޓު ދިނީ އޭގެ ތެރެއިން ކޮންމެ ރަށެއްގައި ވެސް ވަކި ރަށު ކައުންސިލެއް އުފެއްދުމަށެވެ.
ހުޅުދޫގައި ވަކި ކައުންސިލެއް އުފެއްދުމަށް 720 މީހުން ވޯޓު ދިންއިރު ނުފެންނަ ކަމަށް ވޯޓު ދިނީ 325 މީހުންނެވެ.
މީދޫގައި ވަކި ކައުންސިލެއް އުފެއްދުމަށް 841 މީހުން ވޯޓު ދިންއިރު އައްޑޫ ސިޓީ ކައުންސިލްގެ ބައެއްގެ ގޮތުގައި ދެމިއޮތުމަށް ވޯޓު ދިނީ 144 މީހުންނެވެ.
ވޯޓުލުން ކުރިއަށް ދިޔައީ އައްޑޫ އާއި މާލޭގަ އެވެ. މާލޭގައި ހަތް ވޯޓު ފޮށި ބަހައްޓާފައިވާއިރު، ހުޅުދޫ އާއި މީދޫގައި، ކޮންމެ އަވަށެއްގައި ތިން ފޮށި ބެހެއްޓި އެވެ.
ހުޅުދޫ އާއީ މީދޫގެ އާބާދީ އެއްކޮށްލުމުން 6،845 އަށް އަރަ އެވެ. މިއަދުގެ ވޯޓު ނަތީޖާ އާއެކު މި ދެ ރަށުގެ ކައުންސިލަށް ވެސް 12 މިލިއަން ރުފިޔާ އާއި 15 މިލިއަން ރުފިޔާގެ ބަޖެޓެއް ލިބޭނެ ކަމަށް ބެލެވެ އެވެ.
ލާމަރުކަޒީ ގާނޫނުގައި އޮންނަ ގޮތުން 3،000 އަށް ވުރެ ބޮޑު އާބާދީއެއް އޮންނަ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިހާބުކުރަން ޖެހެނީ ހަތް މެންބަރުންނެވެ. ހަތް މެންބަރުން ހިމެނޭ ރަށު ކައުންސިލުތަކުގެ ރައީސާއި ނައިބު ރައީސާއި ކައުންސިލަރުންނަށް މުސާރަ ދޭން މަހަކު 135،500ރ. ހަރަދު ވެ އެވެ. މިއީ އަހަރަކު 1.6 މިލިއަން ރުފިޔާ އެވެ. އަދި ފަސް އަހަރުގެ ތެރޭގައި 8.1 މިލިއަން ރުފިޔާ އެވެ.
މިއީ ލާމަޒުކަޒީ ގާނޫނަށް އަމަލުކުރަން ފެށިތާ މިވީ 15 އަހަރުގެ ތެރޭގައި ސިޓީ ކައުންސިލެއް ރޫޅާލި ފުރަތަމަ ފަހަރަށެވެ. މި ތިން ރަށް އައްޑޫ ސިޓީ ކައުންސިލުގެ އިހުތިސާސުން ވަކިވިޔަސް، އެ ކައުންސިލަށް ލިބިފައިވާ ސިޓީ ކައުންސިލެއް ލަގަބު ގެއްލިގެން ނުދާނެ އެވެ. ސަބަބަކީ ހިތަދޫގެ އާބާދީ އެކަނި ވެސް 17،000 އާ ގާތްކުރާތީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ