ގައިގަ ނުބީހުނަސް ދެމީހުންގެ ގައިގަ ނަރައިގެ ހޫނުކަން ބީހޭނެ ޙާލަތު-

ބައެއް މީހުންނަށް ފާފަތައް ކުރެވެނީ ނުވެސް ވިސްނި ތިބެއެވެ. އެއިގެ ކުޑަކުޑަ މިޘާލަކުން ފަށާނަމެވެ. ވިސްނައި އަޑުއަހާށެވެ!  
"ތިބާ ހާދަ ރީއްޗެވެ! ހާދަ ހޫނެވެ!" ބުނެވިއްޖެނަމަ ދުނިޔޭގެ އެންމެންހެން މިއަދު ވިސްނާނީ އެއީ އޭނާއަށް ކުރި ތަޢްރީފެއް ކަމަށެވެ. ނަމަވެސް އެކަމުގެ ޙަޤީޤަތް މުޅިން ތަފާތެވެ. އަދި އަހުރެންގެ ވިސްނުމުން މާނަވެސް ވަރަށް ތަފާތެވެ.  
އަހުރެންގެ ވިސްނިމުގައި ހިލޭ އަންހެނަކަށް އެފަދަ ބަހެއް ބުނެވިއްޖެނަމަ އެބުނެވެނީ ތިބާގެ ސަބަބުން އަހުރެންނަށް ނަރަކައިގެ ހޫނުކަން މިހާރުވެސް އެބަލިބެއެވެ. އެގޮތަށް މާނަނުކުރަންވީ ކީއްވެގެން ހެއްޔެވެ؟ ފުރަތަމަ ކަމަކަށް އެފަދަ ބަހެއް އެބުނެވެނީ ޢާންމުގޮތެއްގައި ހިލޭ އަންހެނަކަށް ބެލުނީތީއެވެ. ނުބެލޭނަމަ އޭނާގެ ރީތިކަމެއް ނުވަތަ ހޫނުކަމެއް ނުއެނގޭނެއެވެ. އޭނާއަށް ބެލުނު ހިސާބުން އެވަނީ ފާފައެއް ކުރެވިފައިކަމަށްވާއިރު އެމީހަކަށް ނަރަކައިގެ ހޫނުކަން އިޙްޞާޞްނުކުރެވެންވީ ސަބަބެއް ނެތެއް ނޫންހެއްޔެވެ؟  
ހަމައެއާއިއެކު އަންހެނުން ބިރުވެތިވާށެވެ! އެކަނބަލުންގެ ގައިގައިވެސް އެހޫނުކަން އެބަ ބީހެއެވެ. އެހެނީ ތިބާގެ ރީތިކަމާއި ހޫނުކަން ހިލޭ ފިރިހެނަކަށް އެނގުނީ ﷲ ތަޢާލާ އަންގަވާފައިވާ މިންވަރަށް ތިބާ ނިވާނުވެ ހުރީތީއެވެ. އެކަމަށް ތިބާ ފާފަވެރިވާނެއިރު އެހޫނުކަން ތިބާގެ ގައިގައިވެސް ނުބީހެންވީ ކީއްވެގެން ހެއްޔެވެ؟  
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ދުނިޔޭގެ ދަޅަތަކަށް އަހުރެމެން ގެއްލި ޣަރަޤުވެގެން ތިބޭއިރު މިބުނި ފަދަ ކަންކަމަކަށް ނުވެސް ވިސްނޭނެއެވެ. ނަރަކައިގެ ހޫނު ތިމާމެންގެ ގައިގައި ބީހެމުންދާކަމުގެ އިޙްޞާޞެއްވެސް ނުކުރެވޭނެއެވެ. ތިބެވޭނީ އަވާމެންދުރެއްގައެވެ.  
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އަވަހަށް ހޭލާށެވެ! އަވާމެންދުރުން ބޭރުވެ ހަމަހޭވެރިކަން ލިބިގަންނާށެވެ! ނަރަކައިގެ ހޫނުގަދަ އަލިފާނަށް ބިރުވެތިވެ އެއަލިފާނުން ސަލާމަތްވާން ގަދައަޅައި މަސައްކަތްކުރާށެވެ! ކޮންމެ ކަމެއްގައިވެސް ﷲ ތަޢާލާގެ އިންތަކުގައި ހިފަހައްޓައިގެން ކުރިއަށްދާން ގަދައަޅައި މަސައްކަތްކުރާށެވެ!  
ނޫންނަމަ އެއީ މާބޮޑު ކަމެއް ކަމަށް ނުދެކި ކުރެވޭ މިބުނި ޒާތުގެ ކަންކަމުގެ ސަބަބުންވެސް ނަރައިގެ އަލިފާނުން އަނދައަނދާ އޮންނަން ޖެހޭނެ މީހަކަށްވާންޖެހިދާނެއެވެ! އެއިރުން އެކަމުން ސަލާމަތްވާން އެމީހަކަށް ކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ. ސަލާމަތްވާން މަސައްކަތަކުރުމުގެ ބާރާއި އިޚްތިޔާރު ދެއްވަޥާފައިވަނީ މިދުނިޔޭގައެވެ. މަރުވުމުގެ ކުރިންނެވެ. ވީމާ ފުރުޞަތު ނަގައިނުލާށެވެ!
 
- އިސްލާމީ ތިލަފަތުގެ ދަރުސްކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ