ސިނގިރޭޓް މައްސަލަ: ފަސްވަނަ މީހާ ޝަރީއަތް ނިމެންދެން ބަންދު

އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓާ ވަގަށް ނެގި 13 މިލިއަން ސިނގިރޭޓުގެ މައްސަލައިގައި ރޭ ހައްޔަރުކުރި މީހާގެ ވަނަވަރު ފުލުހުން އާންމުކޮށްފި އެވެ.މި މައްސަލައިގެ ތުހުމަތުގައި ފުލުހުން އިއްޔެ ހައްޔަރުކުރީ ކ. ތުލުސްދޫ، ލިންކް، އަބްދުއްރަހްމާން (52އ) އެވެ.އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ސިނގިރޭޓު ވައްކަމާއި ގުޅިގެން މީގެ ކުރިން ފުލުހުން ހައްޔަރުކުރީ ބޮޑު ދެ ވިޔަފާރިވެެރިން ކަމަށްވާ އަހުމަދު އާރިފާއި މުހައްމަދު ވަހީދު އާއި ކަސްޓަމްސްގެ ކުރީގެ އޮފިސަރެއް ކަމަށްވާ މުއާޒް އަލީ އަދި ކަސްޓަމްސްގެ ސީނިއާ މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއިލް އެވެ.އާރިފް އާއި ޒިވާރުގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ދިނެވެ. މުހައްމަދު ވަހީދުގެ ބަންދަށް ދިނީ 10 ދުވަހެވެ. މުއާޒް ބަންދުގައި ބަހައްޓަން ފުރަތަމަ ފަސް ދުވަސް ޖެހުމަށްފަހު ފަހުން އިތުރު 10 ދުވަސް ވަނީ ޖަހައިފަ އެވެ.މި މައްސަލައާ ގުޅިގެން ކަސްޓަމްސް އިން ވަނީ ހައްޔަރުކުރި ޒިވާރު ވަޒީފާއިން ސަސްޕެންޑުކޮށްފަ އެވެ. އަދި، އެމްޕީއެލްގެ ހަ މުވައްޒަފަކު ވެސް ވަނީ ސަސްޕެންޑުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ