ގަން-ފޭދޫ ބްރިޖް ހާލަތު ވަރަށް ދަށް، ނުރައްކަލެއް!

އައްޑޫ ގަމާއި ފޭދުއާ ދެމެދު އޮންނަ ބްރިޖްގެ ހާލަތު ވަރަށް ބޮޑަަށް ދަށްވެ، އާންމުން އެކަމާ ކަންބޮޑޮވުން ފާޅުކުރަން ފަށައިފި އެވެ.
މި ބްރިޖަކީ މެދުން ޕޭވްމަންޓެއް ހަދައި ދެ ފަރާތުން ދެކޮޅަށް ދުއްވޭ ގޮތަށް ހަދާފައި އޮންނަ ތަނެކެވެ. މި ބްރިޖަށް މިހާރު ލިބިފައިވާ ގެއްލުންތަކަށް ބަލާ އިރު، ފޭދޫން ގަމަށް ދަތުރުކުރާ ލޭންގެ ތާރުގަނޑު ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.
އެގޮތުން އެ ލޭނުގެ މެދުންނާއި ދެ ފަރާތުގެ އަރިމަތިން ވެސް ރެނދުތައްލައި ތާރުގަނޑު އެކި ހިސާބުތަކުން ކަނޑައިގެން ގޮސް ބައެއް ދިމަދިމާލުން ވަޅުގަނޑުތައް ހެދި ވެސް ބައެއް ދިމާލުން ތާރުގަނޑުން އެއްކޮށް ކަހަލަ ގޮތަކަށް ފޫގޮސްފައިވެ އެވެ.
އަދި އެ ލޭނުގެ ބައެއް ދިމާތަކުން ތާރުގަނޑު ވަރަށް ބޮޑަށް ހަލާކުވުމާ ގުޅިގެން ބައެއް ދިމާލުން އަޑިގުޑަންވެ، ބައެއް ދިމާތަކުން މޫދާ ވީ ފަޅިން އަރި ވެސް ވެފައިވެ އެވެ.
ބްރިޖްގެ ތާރުގަނޑަށް ބޮޑެތި ގެއްލުންތަލެއް ލިބި ދުއްވާ މީހުން ނުރައްކަށް ހުށަހެޅިފައިވާ އިރު، ލި ލޭނުން ހަލާކުވެފައިވާ ބައެއް ތަންތަނަށް ބައެއް ތަންތަނަށް ވެލި އަޅައި، އަދި ބައެއް ތަންތަނަށް ކޮންކްރީޓް ވެސް އަޅާފައިވާކަން ފާހަގަކޮށްލެވެ އެވެ. ވޭރޭ ވެހިއްޖެ ހާލަތެއްގައި ލޭނުގައި ހުރި ވަޅުގަނޑުތަކުގައި ހެދި، ވަޅުގަނޑެއް ހުރި ފާހަގަ ނުކުރެވި ސައިކަލެއް ފަދަ ވެހިކަލާ އެކު މީހަކު ވެއްޓުމުގެ ފުރުސަތު ވެސް ބޮޑެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓް ވެސް އޮތް ގަމާއި ފޭދުއާ ދެމެދުގެ ބްރިޖަކީ ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު ދަތުރުކުރާ ތަނެެކެވެ. އެތަނުގެ ހާލަތު މިހާރު އެ އޮތް ގޮތަށް އަޅާނުލައި ދޫކޮށްލައިފި ނަމަ ނުރައްކާތެރި ހާދިސާއެއް ހިނގުމުގެ ފުރުސަތު ބޮޑެވެ.
"ހާއްސަކޮށް ތަންކޮޅެއް ބަރު ހެވީ ވެހިކަލް ދުއްވާ ނަމަ ވަރަށް ކައިރި ނުރައްކާތެރި ހާދިސާއެެއް ހިނގުން." އާންމުކޮށް މި ބްރިޖުން ދަތުރުކުރާ މީހަކު ބުންޏެވެ.
މިތަނުގެ ހާލަތު ދަށްވެ، އެކި ފަހަރު މަތިން ވަރަށް ގިނަ ބަޔަކު މިކަން އައްޑޫ ސިޓީ ކައުންސިލްގެ ސަމާލު ކަމަށް ވެސް ގެނެސްފައިވެ އެވެ.
"އެކަމަކު މިހާތަނަކަށް މިކަމަށް ހައްލެއް ގެންނަން އެއްވެސް މަސައްކަތެއް ކުރާ ތަނެއް ނުފެނޭ." އެހެން މީހަކު ބުންޏެވެ.
އޭނަ ބުނީ ބްރިޖްގެ ހާލަތު މިހާރު އޮތް ގޮތުން ކޮންމެ ފަދަ ވަގުތެއްގައި ވެސް ނުރައްކާތެރި ހާދިސާއެއް ހިނގުމަކީ ވުން ވަރަށް ކައިރި ކަމެއް ކަމަށެވެ.
"އެހެންވެ އެބަޖެހޭ ބޮޑު ހާދިސާއެެއް ހިނގައި ބަޔަކަށް ގެއްލުންވުމުގެ ކުރިން މިތަން ރަނގަޅު ކުރަން." އޭނަ ބުންޏެވެ.
ގަމާއި ފޭދުއާ ދެމެދު އޮތް ބްރިޖަކީ ދެވަނަ ބޮޑު ގަނގުރާމައިގެ ދުވަސްވަރު އިނގިރޭސި ސިފައިން އައްޑޫ ގަމުގައި މަރުކަޒުވެގެން ޔިބި ދުވަސްވަރު ދެ ރަށް ގުޅުވައިލި ބްރިޖެވެ. އެންމެ ފުރަތަމަ ބްރިޖް އޮތީ ވަރަށް އާދައިގެ ގޮތަކަށް ހަމައެކަނި އެންމެ ލޭނަކަށެވެ. ފަހުން ދެ ލޭނަކުން ދުއްވޭ ގޮތަށް އަދި ބްރިޖްގެ މެދުން ޕޭވްމަންޓެއް ހަދައި ލައިޓްތައް ޖަހައި، ބްރިޖް ފުޅާކޮށްފައިވެ އެވެ.
މިތަން އެންމެ ފަހުން މަރާމާތުކޮށްފައި ވަނީ 2011 ގައި އައްޑޫގައި ބޭއްވި ސާކް ސަމިޓާ ދިމާކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ