ރާއްޖެ އެތެރެ ކުރަން އުޅުނު 2.4 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ވައިގެ މަގުން ރާއްޖެއަށް އެތެރެ ކުރަން އުޅުނު 2.4 މިލިއަން ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން މިއަދު ކުރި ޕޯސްޓުގައި ވާގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގަނެވުނު މި މަސްތުވާ ތަކޭތީގައި ހިމެނެނީ ނެބިސް ފަތެވެ. އަދި އެތަކެތީގެ ބަރުދަނުގައި ހުރީ 3 ކިލޯގްރާމް (3050 ގްރާމް) އެވެ.  
ކަސްޓަމުން ބުނީ އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީގެ އަގު 2.4 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.
އެތަކެތި އަތުލައިގެންފައިވަނީ މިމަހުގެ 13 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށް ވެސް ކަސްޓަމުން ވަނީ ބުނެފައެވެ. ނަމަވެސް އެތަކެތި އެތެރެ ކުރަން އުޅުނީ ދިވެއްސެއް ކަމެއް ނުވަތަ ބޭރު މީހެއް ކަމެއް ކަސްޓަމުން ހާމަކޮށްފައެއް ނުވެއެވެ.
ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ ޝިޕްމަންޓެއް ކަސްޓަމުން އަތުލައިގަނެފައިވާއިރު، އެ އިދާރާއިން ވަނީ މިމަހުގެ 4 ވަނަ ދުވަހު ގަވާއިދާ ޚިލާފަށް ރާއްޖެ އެތެރެކުރަން އުޅުނު އެތައްހާސް ވޭޕް ކާޓްރިޖްތަކެއް އަތުލައިގަނެފައެވެ. އެތަކެތީގެ އަގު 2.4 މިލިއަން ރުފިޔާއަށް އަރާކަަމަށް ކަސްޓަމުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ