ރާއްޖެ އަތުން ފިލިޕީންސް މޮޅުވިޔަސް އެއްވަނައަށް ތަޖިކިސްތާން އަރައިފި

އޭޝިއަން ކަޕް ކޮލިފައިންގައި މާލޭގައި ރާއްޖެ އަތުން 2-0 އިން ފިލިޕީންސް މޮޅުވިޔަސް ގްރޫޕް އޭގެ އެއްވަނައަށް ތަޖިކިސްތާނުން މިއަދު އަރައިފި އެވެ.
އޮސްޓްރޭލިޔާގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ތަޖިކިސްތާން މޮޅުވީ 5-0 އިންނެވެ. އެހެންކަމުން ފިލިޕީންސް އާއި ތަޖިކިސްތާން 13 ޕޮއިންޓުން އެއްވަރުވިޔަސް ފައިދާ އެންމެ ގޯލެއްގެ ތަފާތުން އެއްވަނާގައި މިހާރު އޮތީ ތަޖިކިސްތާނެވެ. އެ ގައުމަށް ފައިދާ 11 ލަނޑު އަދި ފިލިޕީންސްއަށް 10 ލަނޑެވެ.
ގްރޫޕްގެ ފަހު ދެ މެޗު އޮންނާނީ 31 މާޗު 2026ގަ އެވެ. މާލޭގައި ރާއްޖެ ބައްްދަލުކުރާނީ ޓިމޯ ލެސްޓޭއާ އެވެ. ފިލީންސް އާއި ތަޖިކިސްތާން މެޗު އޮންނާނީ ތަޖިކިސްތާންގަ އެވެ.
ގްރޫޕްގައި އަދި އެންމެ ޕޮއިންޓެއް ވެސް ނުލިބި އޮތް ރާއްޖެ މިއަދުގެ މެޗަށް ނުކުތީ އެ ސުން ކަނޑުވާލުމުގެ އަޒުމުގަ އެވެ. ނަމަވެސް ފުރަތަމަ ހާފުގައި ފިލިޕީންސްއިން ޖެހި ދެ ލަނޑާ އެކު ރާއްޖެއަށް އެ މަސައްކަތް ބުރަވި އެވެ. ރާއްޖެއިން ރަނގަޅު ޕާސްތަކަކާ އެކު މެޗު ކުރިއަށް ގެންދިޔަ ނަމަވެސް އެއްވެސް ބޯޅައެއް ލަނޑަކަށް ނުހެދުނެވެ.
މިއަދު މެޗުގެ ފަހު ހާފުގައި އުމުރުން 17 އަހަރުގެ އީތަން އިބްރާހިމް ޒަކީ ފުރަތަމަ ފަހަރަށް ގައުމީ ޓީމަށް ކުޅެން ނުކުތެވެ. މިއީ ރާއްޖޭގައި މިހާރު އުފެދެމުން އަންނަ އެންމެ ހުނަރުވެރި ޕްލޭމޭކަރުންގެ ތެރެއިން އެކެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ