މި ސަރުކާރުގެ 2 އަހަރަށް ޔާމީން ދެއްވީ 100 އަކުން 20
ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ ދެ އަހަރު ދުވަހުގެ މަސައްކަތަށް އެ މަނިކުފާނު ދެއްވާނީ 100 އަކުން 20 މާކްސް ކަމަށް މިރޭ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގައި، ޒުވާނުންނަށް ޚާއްސަކޮށްގެން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވަނީ މި ދެ އަހަރު ދުވަހު މި ސަރުކާރުން ކުރި މަސައްކަތްތަކާއި، ނިކުތް ނަތީޖާއާ މެދު ވާހަކަފުޅުދައްކަވައިފައެވެ. އަދި މި ސަރުކާރުގެ މަސައްކަތުގެ ފެންވަރު ވަޒަންކުރާނެ މިންގަނޑެއް ވެސް ރައްޔިތުންނަށް ހުށަހަޅުއްވައިދެއްވައިފައެވެ. އެގޮތުން، އެ މަނިކުފާނު ހުށަހެޅުއްވި މިންގަނޑަކީ، އިންޓެގްރިޓީ ނުވަތަ ތެދުވެރިކަމާއި ނަޒާހަތްތެރިކަން، ރެސްޕޮންސިވްނަސް ނުވަތަ އިޖާބަދިނުން، އެކައުންޓެބިލިޓީ ނުވަތަ ޖަވާބުދާރީވުން، އަދި ޓްރާންސްޕޭރެންސީ ނުވަތަ ދެފުށް ފެންނަ ނިޒާމުން ކަންކަން ކުރުމާއި، އެފިޝެންސީ ނުވަތަ މަސައްކަތަށް ހޭދަކުރާ ހަކަތައާއި ނަތީޖާއެވެ. ޔާމީން ވިދާޅުވި ގޮތުގައި މި މިންގަނޑުން ޖުމްލަ 100 މާކްސް ދޭއިރު، ތެދުވެރިކަމާއި ނަޒާހަތްތެރިކަމަށް 60 މާކްސް ކަނޑައެޅުއްވުމަށްފަހު ބާކީ ހަތަރު ކަމަށް ކަނޑައަޅުއްވަނީ 10 މާކުހެވެ. އެއަށްފަހު އެ މަނިކުފާނު މާކްސް ދެެއްވާއިރު، މި ދެ އަހަރު ސަރުކާރުގެ މަސައްކަތްތައް ވަޒަންކުރެއްވުމަށްފަހު އެ މަނިކުފާނު ދެއްވީ: ތެދުވެރިކަމާއި ނަޒާހަތްތެރިކަމަށް: 10 މާކްސް އިޖާބަދިނުން: 5 މާކްސް ޖަވާބުދާރީވުން: 0 މާކްސް ދެފުށް ފެންނަ ސިޔާސަތު: 2 މާކްސް މަސައްކަތަށް ހޭދަކުރި މިންވަރާ އަޅައިބަލާއިރު ނަތީޖާ ނެރުނުވަރު: 3 މާކްސް އެއީ ޖުމްލަ 20 މާކުހެވެ. މި މަހުގެ 14ވަނަ ދުވަހު ސަރުކާރަށް ދެ އަހަރު ފާހަގަކުރަން ޕީއެންސީން ބޭއްވި ބޮޑު އެއްވުމުގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅަށް އިޝާރާތްކުރައްވަމުން ޔާމީން ވިދާޅުވީ މުޅި ވާހަކަފުޅުގައި ވެސް މި ދެ އަހަރު ކޮށްދެއްވި އެއްވެސް ކަމެއްގެ ވާހަކަ ވިދާޅުނުވާ ކަމަށެވެ. ހައްތަހާ ވެސް ވިދާޅުވަމުން ގެންދެވީ ކުރިއަށް ކުރައްވާނެ ކަންކަމުގެ ވާހަކަފުޅުތައް ކަމަށް ވިދާޅުވިއެވެ. އެގޮތުން ރައީސް މުއިއްޒު ވިދާޅުވަމުން ގެންދެވީ އެކި ތަންތަނުން ބިން ހިއްކައި ގޯތި ދެއްވާނެ ވާހަކަފުޅުކަމަށް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ