ޕްރޮފެޝަނަލްކޮށް ރައީސަށް އެނގިވަޑައިގަންނަވަނީ އިތުރުފުޅު ހައްދަވަން: އިމްރާން

ޕްރޮފެޝަނަލްކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކުރައްވަން އެނގިވަޑައިގަންނަވާ ކަމަކީ އިތުރުފުޅު ހެއްދެވުން ކަމަށް ވިދާޅުވެ، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުالله މިއަދު ފާޑު ވިދާޅުވެއްޖެއެވެ. އަދާލަތު ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިމްރާން ވިދާޅުވީ، ވެރިކަންކުރާ ޕީއެންސީން މީހުން އެއްކޮށްގެން އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި ޖަލްސާއަކީ ބޮޑު "ފެއިލިއާ"އެއް ކަމަށާއި، މާލޭން މީހުން ނާންނާނެކަން ޔަގީންވާތީ ދައުލަތުގެ މާލިއްޔާއިން 50 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ބައިލައްކަ މީހުން ވެސް އެއް ނުކުރެވުނު ކަމަށެވެ. އެއީ ރައްޔިތުން ރައީސް މުއިއްޒު ބަލައިނުގަންނަ ކަމުގެ ހެއްކެއް ކަމަށް ވިދާޅުވެ، އެމަނިކުފާނަށް އިމްރާން ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުالله --- ސަން ފޮޓޯ: އާއިޝް އަޝްރަފް "ރައްޔިތުން މަނިކުފާނު ކިޔާހާ ލަވައަކަށް އަންބާއަކަށް ނުނަށާނެ، އެހެންވީމާ ތިފަދަ ސަކަރާތް ޖަހަން ނޫޅުއްވާށޭ، ތި އުޅުއްވީ 23 ޑިސެމްބަރާއި 1 މޭއަށް ވުރެ ބޮޑު އެއްވުމެއް ބާއްވަން ކަމަށް ހީކުރައްވައިގެން ނޫންހެއްޔޭ، ތިއޮތީ ބޮޑުތަނުން އަމިއްލަފުޅަށް ފެއިލްވިކަން ސާބިތުކޮށްދެއްވާފައި،" އިމްރާން ވިދާޅުވިއެވެ. އެއަށްފަހު، އަންނަ ރަމަޟާން މަހު ހުރިހާ ގޭބިސީއެއްގެ ކަރަންޓު ބިލުތައް 400 ރުފިޔާއަށް ވުރެ އިތުރުނުވާނެ ކަމަށް ރައީސް ދެއްކެވި ވާހަކަފުޅަށް އިޝާރާތްކުރައްވައި އިމްރާން ވިދާޅުވީ، ރައީސްގެ އެ ވާހަކަފުޅު އެއްވެސް ރައްޔިތަކު ގަބޫލުނުކުރާނެ ކަމަށެވެ. އެކަމަކު 400 ރުފިޔާއަށް ވުރެ ބިލުތައް ކުޑަކޮށްފިއްޔާ ރަމަޟާން މަހާ ޖެހިގެން އަންނަ މަހު 4،000 ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ބިލުގައި ހިމެނޭނެ ކަމަށް އިމްރާން ވިދާޅުވިއެވެ. ބޯހިޔާވަހިކަމުގެ ދާއިރާއިން ރައީސް ވެވަޑައިގެންނެވި އެއް ވައުދުފުޅު ކަމަށްވާ ނޮވެމްބަރު 2023ގެ ލިސްޓާ އެއްގޮތަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙުގެ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު ލިބުނު މީހުންނަށް ފްލެޓު ދެއްވާނެކަމުގެ ވައުދުފުޅަށް އިޝާރާތްކުރައްވައި އިމްރާން ވިދާޅުވި ގޮތުގައި މި ސަރުކާރުން އެ ވައުދު ފުއްދުމަށް މަސައްކަތްކުރިނަމަ، ސަރުކާރަށް ދެ އަހަރު ފުރުމުގެ ކުރިން ފްލެޓުތައް އޮންނާނީ ހަވާލުކުރެވިފައެވެ. ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ރައީސް ވެވަޑައިގެންނެވި އެންމެ ބޮޑު ވައުދު ކަމަށްވާ ރަސްމާލެ ހިއްކުމުގެ ވައުދާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އިމްރާން ތުހުމަތުކުރެއްވިގޮތުގައި މި ސަރުކާރުން ރަސްމާލެ ހިއްކަނީ ރައްޔިތުންގެ ލޮލުގައި ބޮޑު އަނދުނެއް އަޅުވައި އަމިއްލަ މަންފާއެއް ހާސިލްކުރުމުގެ މަޤްސަދުގައެވެ. އަދި އެސްއީޒެޑު ގާނޫނު އިސްލާހުކުރި ސަބަބެއް ކަމަށް އިމްރާން ވިދާޅުވީ، އެ ގާނޫނު އިސްލާހުކުރުމުގެ ސަބަބުން ރާއްޖޭން ބޭރުގެ ބޮޑެތި މުއްސަނދިންނަށާއި ކުށްކުރާ ފަރާތްތަކަށް ރައްޔިތުކަން ލިބޭ ގޮތަށް މަގުފަހިކުރުމުގެ ބޭނުމުގައި ކަމަށެވެ. "ރައީސް މުއިއްޒު އެންމެ ފުރަތަމަ އުޅުއްވީ ސިޓިޒަންޝިޕް ގާނޫނަށް އިސްލާހު ގެނެސްގެން، ސިޓިޒަންޝިޕް ގާނޫނަށް ބޮޑު ބަދަލެއް ގެނެސްގެން ރާއްޖޭގެ ރަށްވެހިކަން ދުނިޔޭގެ ބޮޑެތި މުއްސަނދިންނާއި ނުފޫޒުގަދަ ފަރާތްތަކާއި ބޮޑެތި ކުށްތައް ކޮށްގެން އެ މީހުންގެ ގައުމުތަކުން ބޭރުކުރާ ފަރާތްތަކަށް ރާއްޖޭގެ ރަށްވެހިކަން ނުވަތަ ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ރައީސް މުއިއްޒު ފެއްޓެވީ ކޮންމެވެސް ބައެއްގެ އަވައިގައި ޖެހިގެން،" އިމްރާން ވިދާޅުވިއެވެ. އިމްރާން ވިދާޅުވީ، އެސްއީޒެޑު ގާނޫނަށް ބަދަލެއް ގެންނަން ރައީސް ނިންމެވީ ކެބިނެޓުުގެ ތެރެއިން ސިޓިޒަންޝިޕް ގާނޫނު އިސްލާހުކުރުމަށް ދެކޮޅު ހަދާފައިވާތީ ކަމަށެވެ. މި ސަރުކާރުން ގާނޫނުތައް ހަދަނީ ރައްޔިތުންނަށް އަނިޔާކޮށް، ރައްޔިތުންނަށް އޮޅުވާލައި މުޅި ދައުލަތުގެ ނިޒާމު އޮޅުވާލުމަށް ކަމަށް ވިދާޅުވެ، ޚިޔާލު ހޯދުމުގެ ވޯޓުލުމުގެ ގާނޫނު އިސްލާހުކުރީ އެ ގާނޫނުގެ ތެރެއިން ބާރު ހޯދައި މި ސަރުކާރުގެ ދައުރު ހަތް އަހަރަށް ދަންމާލުމަށް ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. "އާދެ، ޕްރޮފެޝަނަލީ ރައީސް މުއިއްޒަށް މިހާރު ކުރައްވަން އެނގިވަޑައިގަންނަވަނީ އެންމެ ކަމެއް، އެއީ ޕްރޮފެޝަނަލީ ދޮގު ހެއްދެވުން، އެކަން ވަރަށް ރަނގަޅަށް އެބަ ކުރައްވާ،" އިމްރާން ވިދާޅުވީ، ހުރިހާ ޕާޓީތަކުންނާއި ޖަމިއްޔާތަކުން މި ކަންކަމާ ދެކޮޅަށް ތެދުވެ މަސައްކަތްކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ