17އަހަރު ފަހުން ލިބުނު ދަރިފުޅު ވިހެއިތަނުންވީ މަރު: އިހުމާލުގެ ތުހުމަތު ވިލިނގިލީ ހޮސްޕިޓަލަށް

ސަތާރަ އަހަރަށްފަހު، މިއަދު ވިހެއި ދަރިފުޅު ގއ. ހޮސްޕިޓަލުގެ އިހުމާލުގެ ސަބަބުން މަރުވީ، މަންމައަށް ލިބެންޖެހޭ ފަރުވާ ނުލިބި ލަސްވުމުގެ ސަބަބުންކަމަށް ބުނެ އޭނާގެ އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ހާދިސާގައި މަރުވީ ގއ. ދާންދުއަށް ނިސްބަތްވާ އުމުރުން 38 އަހަރުގެ އަންހެނަކު ވިހެއި އަންހެން ކުއްޖެކެވެ. މަރުވި އަންހެން މީހާގެ އާއިލާގެ ފަރާތުން މެންބަރަކު "ސަން"އާ ވާހަކަދައްކަމުން ބުނީ، މާބަނޑުއިރު، ރަހިމުގެ ދޮރާ ދިމާލުން ލޭ އަންނާތީ އެންމެ ފުރަތަމަ ދެއްކީ ގއ. ދާންދޫ ސިއްހީ މަރުކަޒަށް ކަމަށެވެ. ސިއްހީ މަރުކަޒުން ރިފާކުރީ މާލެއިން އައިޖީއެމްއެޗުން ޑޮކްޓަރަކަށް ދައްކަން ކަމަށް ބުންޏެވެ. އެެހެންވެ މާލެ އައިސް، ޑޮކްޓަރަށް ދެއްކުމުން ލޭ އަންނަ ކަމަށް ފާހަގަވީ، ރަހިމުގެ ދޮރާ ދިމާއިން ހުޅުވިފައި ހުރުމުން ކަމަށާއި، އެހެންވެ އެ ތަން ފަހައި، ރަނގަޅުވަންދެން ހޮސްޕިޓަލުގައި އެޑްމިޓް ކުރީ ކަމަށް އާއިލާއިން މައުލޫމާތު ދިން މީހާ ބުންޏެވެ. ހޮސްޕިޓަލުގައި ދުވަސްތަކެއް ހޭދަކުރުމަށްފަހު ރަނގަޅުކަމަށް ފާހަގަވުމުން ހޮސްޕިޓަލުން ދޫކޮށްލުމާއެކު، އަނެއްކާ ވެސް ދާންދޫއަށް އައީ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް މާ ގިނަ ދުވަހެއް އަނެއްކާ ވެސް ލޭ އަންނާތީ މި މަހުގެ ހަތްވަނަ ދުވަހުގެ ދަންވަރު ދިޔައީ ގއ. ވިލިނގިއްޔަށް އެ ރަށުގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ދައްކަން ކަމަށް ބުންޏެވެ. "ގެނައި ގޮތަށް މިތާނގާ އެޑްމިޓްކޮށްފައި އެ އޮންނަނީ، މިއަދަށް މިވީ ނުވަ ދުވަހެއް ނޫންތޯ. އެއްވެސް އަނެއްހެން ބުނަންޏާ ރަނގަޅު ފަރުވާއެއް ނުދެވޭ. އެމަޖެންސީއެއް ވެއްޖެޔާ ފުރުވާލަން މިޖެހެނީ ތިނަދޫއަށް ނުވަތަ މާލެއަށް. އަޅުގަނޑުމެން ޑޮކްޓަރު ކައިރީގައި އެދުނިން މިކޮޅަކުން ކަމެއް ވެއްޖެޔާ ނީންނާނެ އެއްނޫންހޭ ކަމެއް [ފަރުވާއެއް ދެވޭކަށް] ވާކަށެއް. ކުރީ ފަހަރު ވެސް ރިފާކޮށްގެން މާލެއޭ ފޮނުވީ. އެހެންވީމާ މިފަހަރު ވެސް ރިފާކޮށްދޭންވީނޫންހޭ މާލެއަށް،" ނަމަވެސް އެ ރަށު ހޮސްޕިޓަލުގައި އެ ފަދަ ފަރުވާއެއް ދެވެން ނެތްކަން އެނގުމުން ވެސް މާލެއަށް ފޮނުވަން ޑޮކްޓަރު ދެކޮޅު ހަދަމުން ދިޔަ ކަމަށާއި، ބުނަމުން އައީ މާބަނޑު އަންހެން މީހާއާއި އޭނާގެ ބަނޑުގައި އޮތް ދަރިފުޅުގެ ވެސް ހާލު ރަނގަޅުކަމަށް ކަން އާއިލާގެ ފަރާތުން ވާހަކަދެއްކި މީހާ ބުންޏެވެ. "ބްލީޑު ވަންޏާ ވަރަށް ބޮޑު މައްސަލައެއްތާ. އެހެން ބުނީމާ ޑޮކްޓަރު ބުނަނީ ތިމަންނަމެންނަށް ނުއެއް ފޮނުވޭނޭ. ތިމަންނަމެން ހޭންޑްކުރާނަމޭ، މެނޭޖުވާނޭ، ދަންޏާ ދާންޖެހޭނީ އަމިއްލައަށޭ،" ނަމަވެސް އަމިއްލައަށް ދިއުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ފާހަގަކޮށް އޭނާ ބުންޏެވެ. އާއިލާއިން ބުނީ މާބަނޑު އަންހެން މީހާއަށް އެއްވެސް ތަދެއް ނުވާކަމަށް ބުނަމުން އައި ނަމަވެސް ތިން އިރު، ޕެރަސެޓަމޯލާއި، ތަދުކަނޑުވާ ބޭހާއި، ޕެނެޑޯލާއި އައިވީ ޑޮކްޓަރުގެ އެންގުމުގެ މައްޗަށް ދެމުން އައި ކަމަށެވެ. އެެހެންވެ ނަރުހުން ވެސް ސުވާލުކުރި ނަމަވެސް ޑޮކްޓަރު އެފަދައިން އަންގައިފައި އޮތުމުން މަޖުބޫރުވީ، ބޭސް ނަގަން ކަމަށް އާއިލާއިން ބުންޏެވެ. އެންމެފަހުން ރޭ ދަންވަރު 03:00 ހާއިރު ލޭ އައީ ވަރަށް ބޮޑަށް ކަމަށާއި، އައިއިރު ލޭ ހުރީ ގަނޑުގަނޑަށް ނުވަތަ ބްލަޑް ކްލޮޓްގެ ގޮތުގައި ކަމަށް އާއިލާއިން ބުންޏެވެ. އެއާއެކު ބަނޑުގައި އޮތް ކުޑަދަރިފުޅުގެ ލާމެދު އިތުރަށް އާއިލާއިން ކަންބޮޑުވެ ހޮސްޕިޓަލުން، ޑޮކްޓަރަށް ގުޅުމުން ވެސް ޑޮކްޓަރު ވާހަކަދެއްކީ ހިތްހަމަނުޖެހިގެން ކަމަށް އެނގުނު ކަމަށް އާއިލާއިން ބުންޏެވެ. އަދި ޑޮކްޓަރަށް އާދެވުނު އިރު އަންހެންމީހާ ވިހައިވެސްފި ކަމަށް އާއިލާއިން ބުންޏެވެ. އަދި ވިހެއީ ބާއްވާފައި އޮތް ވޯޑު ތެރެއަށް، އެނދުމައްޗަށް ކަމަށް ވެސް ބުންޏެވެ. އާއިލާއިން ބުނީ، ހޮސްޕިޓަލުގައި މާބަނޑު މީހަކު އޮތްކަން ހޮސްޕިޓަލުގެ މެނޭޖުމަންޓަށް އެނގުނީ ވެސް އާއިލާއިން ގުޅުމުން ކަމަށެވެ. އަދި ހޮސްޕިޓަލުގައި ނުވަ ދުވަސް އެނދުމަތިކޮށްފައި އޮތްއިރު އެ ޚިދުމަތް ލިބެން ނެތްއިރު ބޭއްވީ ކީއްވެތޯ ވެސް ސުވާލު އުފެއްދިއެވެ. އަދި ދެވޭނެ ފަރުވާއެއް ނޭނގުނީ ކީއްވެތޯ ވެސް އާއިލާއިން ސުވާލު އުފެއްދިއެވެ. އާއިލާއިން ބުނީ މި މައްސަލަ ކަމާ ގުޅޭ އިދާރާތަކަށް ހުށަހަޅާނެ ކަމަށާއި އެ ކަމުގެ ތައްޔާރީތައް ވަމުން އަންނަކަމަށެވެ. https://sun.mv/203037 މި މައްސަލައާ ގުޅިގެން ގއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު "ސަން"އަށް ވިދާޅުވީ އާއިލާއިން މި މައްސަލަ ހުށަހަޅައިފިނަމަ، ހޮސްޕިޓަލުން ވެސް މިކަން ބަލާނެ ކަމަށާއި އޮންނަ އުސޫލުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ޑޮކްޓަރުގެ މައްސަލައެއްވާނަމަ ވަޒީފާއިން ވަކިކުރާނެކަމަށް ވެސް ވިދާޅުވިއެވެ. ހެލްތު މިނިސްޓްރީގެ ބަހެއް ހޯދުމަށް މީޑިއާ އޮފިޝަލާ ގުޅި ނަމަވެސް ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ. ގއ. ވިލިނގިލީ ހޮސްޕިޓަލުގައި މިފަދަ މައްސަލަތައް މީގެ ކުރިން ވެސް ވަރަށް ގިނައިން ހިނގަފައި އެބަހުއްޓެވެ. މި އަހަރުގެ ފެބްރުއަރީ މަހު ވެސް ވަނީ ސިޒޭރިއަން ހެދުމަށްފަހު ފަރުވާ ލަސްވެ، ދެމައިން މަރުވެފައެވެ. މިއީ އެ ރަށުގެ ރައްޔިތުންނާއި، އެ އަތޮޅުގެ ރައްޔިތުންގެ ވެސް ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ