އިސްލާމީ ޝަރީޢަތަކީ ދިރިއުޅުމުގެ ހުރިހައި ދާއިރާއެއް ޝާމިލުވާ ފުރިހަމަ ނިޒާމެއް: ހުކުރު ހުތުބާ

އިސްލާމީ ޝަރީޢަތަކީ ދިރިއުޅުމުގެ ހުރިހައި ދާއިރާއެއް ޝާމިލުވާ ގޮތަށް އޮތް ފުރިހަމަ ނިޒާމެއް ކަމަށް މިއަދު ރާއްޖޭގެ މިސްކިތްތަކުގައި ދިން ހުކުރު ހުތުބާގައި ބުނެފިއެވެ.
"ބާއްޖަވެރިކަމުގެ އަސާސަކީ އިސްލާމްދީން" މި މައުޟޫއަށް ގެނެސްދިން ހުތުބާގައި ވަނީ އިސްލާމްދީނުގެ ފުރިހަމަކަން ފާހަގަކޮށް، ބާއްޖަވެރިކަން ހޯދުމުގައި އެ ދީނުގެ މުހިންމުކަން ބަޔާންކޮށްފައެވެ.
ހުތުބާގައި ބުނެފައި ވަނީ ބާއްޖަވެރިކަމުގެ އަސާސަކީ އިސްލާމް ދީން ކަމަށެވެ. އެހެނީ އިސްލާމް ދީނަކީ الله سُبْحَانَهُ وَتَعَالَى އިންސާނުން މި ދުނިޔޭގައި ދިރިއުޅުމަށް ޓަކައި އިޚްތިޔާރުކުރައްވައިފައިވާ މަގެވެ. އެއީ ނަފުސުގެ ހަމަޖެހުމާއި ހިތްތައް އިޞްލާޙުގެ މަގަށް ގެންދާ ފުރިހަމަ ނިޒާމެކެވެ. މި ނިޒާމުން ހެޔޮކަމާއި ބަރަކާތުގެ މަގުތައް ހުޅުވައިދޭ ކަމަށް ހުތުބާގައި ފާހަގަކުރިއެވެ.
ބާއްޖަވެރިކަމުގެ އެއް ސަބަބަކީ، އިސްލާމީ ޝަރީޢަތަކީ ފުރިހަމަ އަދި ޝާމިލު ޝަރީޢަތެއްކަން އެނގުމެވެ. ބައެއް މީހުންނަށް ހީވެފައި އޮންނަނީ، އިސްލާމީ ޝަރީޢަތަކީ ހަމައެކަނި އަޅުކަމާއި ޙައްދުތައް ޤާއިމުކުރުން ކަމަށް ކަމަށް ހުތުބާގައި ބުނެފައިވާއިރު، އިސްލާމީ ޝަރީޢަތަކީ ދިރިއުޅުމުގެ ހުރިހައި ދާއިރާއެއް ޝާމިލުވާ ގޮތަށް އޮތް ފުރިހަމަ ނިޒާމެއް ކަމުގައި ހުތުބާގައި ބުނެފަވެއެވެ.
އިސްލާމީ ޝަރީޢަތުގައި ޢަޤީދާއާއި އަޅުކަމާއި އަޚްލާޤާއި ޢާއިލީ ގުޅުންތަކާއި ތަރިކައާއި އިޤްތިޞާދާއި ސިޔާސީ އަދި ބައިނަލްއަޤުވާމީ ގުޅުންތަކާއި ހަމަހަމަކަމާއި ޢަދުލު އިންޞާފާއި މި ފަދަ އެންމެހައި ދާއިރާތަކާއި ކަންކަން ހިމެނެއެވެ. އެހެންކަމުން އެއީ، އިންސާނާ ދުނިޔޭގައި ބާއްޖަވެރި ޙަޔާތެއް އުޅުމަށް ބޭނުންވާ ހުރިހައި ކަމެއް ފުރިހަމަވެފައިވާ ހަމައެކަނި ދީންކަން ހުތުބާގައި ވަނީ ބަޔާންކޮށްފައެވެ.
މުސްލިމް އަޚުންނަށް ޚިޠާބު ކުރައްވަމުން ހުތުބާގައި ބުނެފައި ވަނީ، އެ ކަމެއް ހޯދާން މީސްތަކުން މަސައްކަތްކުރަމުން މިދާ ދުނިޔެވީ ބާއްޖަވެރިކަން، އޭގެ އެންމެ ފުރިހަމަ ގޮތުގައި އިސްލާމީ ޝަރީޢަތް ވަނީ ހޯދައިދީފައި ކަމަށެވެ. އިސްލާމީ ޝަރީޢަތުގައި ވަނީ ޢަދުލުވެރިކަމާއި އިޙްސާންތެރިކަމާއި، މީސްތަކުންގެ ޙައްޤުތައް ރައްކާތެރިކޮށްދީފައެވެ. މި ޝަރީޢަތުގައި ފަޤީރުންނާއި ޔަތީމުންނާއި، އަންހެނުންނާއި ކުޑަކުދީންނާއި ޣައިރުމުސްލިމުންނަށް ވެސް ދުނިޔޭގެ އެއްވެސް ނިޒާމެއްގައި ނުދޭހާ ފުރިހަމައަށް، އެ ޙައްޤުތައް ވަނީ ކަށަވަރުކޮށްދީފައެވެ. ހަމަ އެހެންމެ އިސްލާމީ ޝަރީޢަތްވަނީ މީސްތަކުންގެ ކިބައިގައި ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި، ރަޙުމަތާއި، ޢިއްފަތްތެރިކަމާއި، އިޙުސާންތެރިކަން އަށަގެންނެވުމަށް ވަރަށް ބޮޑަށް ބާރުއަޅުއްވައިފައެވެ.
މީގެ އިތުރަށް ވެސް އެތައް ދާއިރާއަކުން ވަނީ މި ބާއްޖަވެރިކަން ގެނެސްދިނުމަށް، ގިނަގުނަ ކަންކަން ޝަރުޢުކުރައްވައިފައެވެ. ހުތުބާގައި ބުނެފައިވާ ގޮތުގައި މި ފަދަ ފުރިހަމަ ނިޒާމެއް، ފަލްސަފާއެއް ނުވަތަ އުޞޫލެއް އިސްލާމްދީން ފިޔަވައި މި ދުނިޔެއަކު، ނުވެއެވެ. މިއީ ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމާއި ނިޢުމަތަށް އިންސާނާ ގެންދާ ދީނެވެ.
ބާއްޖަވެރިކަމަކީ ބޭނުން މީހަކު ބޭނުން ގޮތަކަށް ހޯދޭނެ އެއްޗެއްނޫން ކަމަށް ހުތުބާގައި އިޝާރާތްކުރިއެވެ. އެހެނެއްކަމަކު އެއީ އީމާންކަމުގެ މޭވާއެވެ. ދީނަށް އުޅުމުގެ ނަތީޖާއެވެ. ކެތްތެރިކަމުގެ ޖަޒާއެވެ. އަދި އެއީ الله سُبْحَانَهُ وَتَعَالَىގެ ޙަޟުރަތުން އަންނަ ތައުފީޤެކެވެ. އަލްއިމާމު އިބުރާހީމް ބުނު އަދުހަމް ވިދާޅުވެފައިވާ ބަސްފުޅެއް ހުތުބާގައި ގެނެސްދީފައިވާ އިރު އެ ބަސްފުޅުގައި ބުނެފައިވަނީ، (لَوْ عَلِمَ الْمُلُوْكُ وَأَبْنَاءُ الْمُلُوْكِ مَا نَـحْنُ فِيْهِ مِنَ النَّعِيْمِ وَالسُّرُوْرِ لَـجَالَدُوْنَا بِالسُّيُوْفِ) މާނައީ: "ރަސްރަސްކަލުންނާއި އެ މީހުންގެ ދަރީންނަށް، އަހަރެމެން މިތިބަ ނިޢުމަތްތަކާއި އުފާވެރިކަން އެނގޭ ނަމަ، އެބައިމީހުންގެ ކަނޑިތަކުން އަހަރުމެންނާ ހަނގުރާމަ ކުރީސްކަން ކަށަވަރެވެ!"
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ