ބަންޑުން ޖަހައިލި ލޭންޑިން ކްރާފްޓުން ގެއްލުނު މީހާ އަދިވެސް ނުފެނޭ
މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރަނިކޮށް ކާށިދޫ ކަނޑަށް އިއްޔެ ބަންޑުން ޖަހާލި ލޭންޑިން ކްރާފްޓުން ގެއްލުނު މީހާ އަދިވެސް ފެނިފައިނުވާ ކަމަށާއި، އޭނާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށް, މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން މިއަދު ބުނެފިއެވެ. ސިވެކްގެ ލޭންޑިން ކްރާފްޓެއް ކަމަށްވާ "އެލްސީ 308" އިއްޔެ ބަންޑުން ޖަހައިލީ، ޅ. ކުރެންދޫގެ ހުޅަނދު ދެކުނުން ހަތަރު މޭލު ބޭރަށެވެ. އެ ހާދިސާގެ ރިޕޯޓު އެމްއެންޑީއެފަަށް ލިބުނީ ހެނދުނު 10:30 ހާއިރެވެ. އެ އުޅަނދުން ހަ މީހުން ދަތުރުކުރި ކަމަށާއި އޭގެތެރޭގައި ހިމެނެނީ ތިން ސިފައިންނާއި ތިން ބިދޭސީން ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އޭގެ ތެރެއިން ގެއްލުނީ ދެ މީހުންނެވެ. އިއްޔެ އެމްއެންޑީއެފުން ކުރި މަސައްކަތުން އެތަނުން އެކަކު ހޯދުނުއިރު އެ މީހާ އޮތީ ނިޔާވެފައެވެ. އެއީ ސިފައިންގެ މީހެއް ކަމަށްވާ، ވޮރަންޓް އޮފިސާ ދޭއް، އަލީ ހާމިދެވެ. https://sun.mv/207789 އެމްއެންޑީއެފުން ބުނި ގޮތުގައި އުޅަނދުން ސަލާމަތް ކުރި މީހުން ގެންދިޔައީ ޅ. އަތޮޅު ހޮސްޕިޓަލަށެވެ. އަދި ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ހާމިދު ވަނީ ނިޔާވެފައި ކަމަށް ސިފައިން އިއްޔެ ބުންޏެވެ. އެ ހާދިސާގައި ނިޔާވި ހާމިދު ވަނީ ދިވެހި އަސްކަރިއްޔާއަށް 27 އަހަރު ޚިދުމަތްކުރައްވައިފައެވެ. ހާމިދުގެ ޖަނާޒާ ރަސްމީ އިއްޒަތުގައި ރޭ ބާއްވާފައި ވަނީ މަސްޖިދުއްޒައިދު ބިން ސާބިތު ނުވަތަ ހުޅުމާލޭ ސަހަރާ މިސްކިތުގައެވެ. އޭނާ ނިޔާވުމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ހިތާމަފާޅުކުރައްވައި، އޭނާގެ އާއިލާއާއި މުއައްސަސާއަސް ތައުޒިޔާ ވިދާޅުވެފައެވެ. އޭގެފަހުން އެމްއެންޑީއެފުން ވަނީ، ލޭންޑިން ކްރާފްޓުގައި ހުރި ސާމާނުތައް އިރުމައްޗަށް ވާ ގޮތަށް އޮޔާދާ ކަމަށް ބުނެފައެވެ. އެހެންވެ، ޚާއްސަކޮށް ރޭގަނޑަށް އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތައް އެކަމަށް ސަމާލުވާން އެމްއެންޑީއެފުން އިލްތިމާސްކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ