ސިޔާސީ މަގާމެއް ފުރުއްވި ޝަހީދު ފަނޑިޔާރަކަށް އައްޔަން ކުރުން ހުއްޓުވަން އެދުނު މައްސަލަ ކޯޓުން ބަލައިގެންފި
ޕީއެންސީގެ ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވި، އަދި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން މި ފަހަކާ ޖެހެންދެން ކުރެއްވި މުހައްމަދު ޝަހީދު ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުން މަޑުޖައްސާލަން އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ މިއަދު ބަލައިގެންފިއެވެ. ޖޭއެސްސީން ޝަހީދު ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރަން ނިންމީ، ހައިކޯޓުން ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ކުރިމަތިލީ 18 މީހުންގެ ތެރެއިންނެވެ. ހައިކޯޓުގެ ފަނޑިޔާރުކަމަށް، ޝަހީދާ އެކު ދެން އައްޔަންކުރަން ޖޭއެސްސީން ނިންމީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާއެވެ. ވަގުތީ އަމުރަކަށް އެދި ސިވިލް ކޯޓަށް މި މައްސަލަ މިދިޔަ ބުރާސްފަތި ދުވަހު ހުށަހެޅުއްވީ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލެއްވި, އަދި ޕްރޮސިކިއުޓާ ޖެނެެރަލް އޮފީހުގެ ވަކީލް, އަހުމަދު ނައުޝާދެވެ. މި މައްސަލަ މިއަދު ކޯޓުން ބަލައިގެންފައިވާއިރު, ޖޭއެސްސީއިން ވަނީ މިރޭ ހައި ކޯޓުގެ އައު ފަނޑިޔާރުން ހުވާ ކުރަން ނިންމައިފައެވެ. އެ ރަސްމިއްޔާތު އޮތީ މިރޭ 20:30 ގައި ސުޕްރީމް ކޯޓުގައެވެ. ޝަހީދަކީ މިދިޔަ ރިޔާސީ އިންތިހާބު އަދި އޭގެ ފަހުން އޮތް މަޖިލިސް އިންތިހާބުގައި ވެސް މިހާރު ވެރިކަން ކުރާ ޕީއެންސީއަށް ވަރުގަދައަށް ކެމްޕެއިން ކުރެއްވި ބޭފުޅެކެވެ. އަދި ހޯމް މިނިސްޓަރީގެ ނައިބު ކަމުގެ މަގާމުގައި ހުންނަވައިގެން، ސަރުކާރު ދިފާއު ކުރުމުގައި އެކިއެކި ޕްލެޓްފޯމްތަކުގައި ވަރުގަދައަށް ވަކާލާތު ކުރެއްވި ސިޔާސީ ބޭފުޅެކެވެ. ރައީސް މުއިއްޒުގެ އެންމެ ބޮޑެތި ވައުދުތަކުގެ ތެރޭގައި ޝަރުއީ ދާއިރާއަށް ނުފޫޒު ނުފޯރުވުން ހިމެނެއެވެ. ނަމަވެސް ސަރުކާރުގެ މަސްލަހަތު ވަރަށް ބޮޑަށް އޮތް ދުސްތޫރީ މައްސަލައެއް ބަލަމުން ދަނިކޮށް, ކުއްލި ގޮތަކަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ވަކި ކުރި ކުރުމާއެކު ވެސް ޝަރުއީ ދާއިރާއަށް ސަރުކާރުގެ ނުފޫޒު ވަރަށް ބޮޑަށް ފޯރުވާ ކަމުގެ އަޑުތައް ވަނީ އިތުރުވެފައެވެ. https://sun.mv/209329 ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން ހުސްނުއްސުއޫދު ވަކި ކުރިއިރު މި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ގިނަ ބޭފުޅުން އެންމެ ބޮޑަށް ދެއްކެވި ވާހަކައަކީ ސުއޫދަކީ ކުރިން އެމްޑީޕީގައި އުޅުއްވި ބޭފުޅެއް ކަމަށެވެ. އަދި ސިޔާސީ ހަރަކާތްތަކުގައި އުޅުއްވާފައިވާ ބޭފުޅުން ފަނޑިޔާރުންގެ މަގާމުގައި ތިބެގެން ނުވާނެ ކަމަށް މި ސަރުކާރުގެ އިސް ބޭފުޅުން އޭރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ