ރުކުމާ ތިން ވަނަ ފަހަރަށް ކުންފުނި ބަދަލުކޮށްފި، މި ފަހަރު މޯލްޑިވް ގޭހަށް
ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ), ކަމުގެ މަގާމުގައި ހުންނެވި, މުހައްމަދު އަބްދުލްކަރީމް (ރުކުމާ) މޯލްޑިވްސް ގޭސްގެ ޑީއެމްޑީއަކަށް ބަދަލު ކުރައްވައިފިއެވެ. މިއީ މި ސަރުކާރުގައި ރުކުމާ ކުންފުނި ބަދަލު ކުރެއްވި ތިން ވަނަ ފަހަރެވެ. ސަރުކާރު އައުމާއެކު އެންމެ ފުރަތަމަ އޭނާ އައްޔަން ކުރެއްވީ ކުނި މެނޭޖު ކުރާ ވެމްކޯގެ ޑީއެމްޑީއަކަށެވެ. ނަމަވެސް މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ފަހުކޮޅު އޭނާ ވަނީ ފެނަކައިގެ ޑީއެމްޑީއަކަށް ބަދަލު ކުރައްވައިފައެވެ. އެސްޓީއޯގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ ކުންފުނީގެ ސަޕްސިޑަރީ ކުންފުންޏެއް ކަމަށްވާ މޯލްޑިވްސް ގޭސްގެ ޑީއެމްޑީއަކަށް މި ހަފުތާގެ ތެރޭގައި ރުކުމާ އައްޔަން ކުރައްވާފައިވާ ކަމަށެވެ. މި ބަދަލު ގެނައި ސަބަބެއް ސާފެއް ނުވެއެވެ. ރުކުމާއަށް ގުޅާލުމުން ފޯނަށް ޖަވާބެއް ނުދެއްވައެވެ. މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރަކީ ކުރިން ޓީޗަރަކަށް އުޅުއްވުމަށް ފަހުން ސިޔާސީ މައިދާނަށް ނުކުންނެވި, އަބްދުﷲ މުޙައްމަދެވެ. ވަރަށް ފަހުން ވަނީ އެ ކުންފުނިން ގޭސް ޝިޕްމަންޓަކަށް ދެއްކި އެޑްވާންސް ފައިސާ 'ވީނުވީއެއް' ނޭނގި ގެއްލުނު މައްސަލައެއް ފެންމަތިވެފައެވެ. އެ ފައިސާ އަދިވެސް ލިބުނު ކަމެއް ނޭނގެއެވެ. މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ރުކުމާގެ މައްޗަށް ވަނީ ދަރަންޏެއް ވެސް ސާބިތުވެފައެވެ. އެއީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އޭނާއަށް ދޫކޮށްފައިވާ ވިސާ ގޯލްޑް ކްރެޑިޓް ކާޑު ބޭނުންކޮށް، އެ ކާޑަށްވާ ފައިސާ ދައްކައިފައި ނުވާ މައްސަލައެކެވެ. އޭނާ އެ ކާޑަށް ދައްކަންޖެހޭ ފައިސާ ވަނީ، 4542.72 ޑޮލަރަށް އަރައިފައެވެ. އެއީ، 70،185 ރުފިޔާއެވެ. ސިޔާސީ މައިދާނުން ރުކުމާ ފާހަގަ ވެގެން ދިޔައީ އެމްޑީޕީގެ ތެރެއިންނެވެ. އެގޮތުން އޭނާ ވަނީ އެމްޑީޕީގެ ޓިކެޓުގައި މާލޭ ސިޓީ ކައުންސިލްގެ މެންބަރުކަމާއި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާފައެވެ. ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި 2019 ވަނަ އަހަރު އޮތް މަޖިލިސް އިންތިޚާބުގައި ވާދަ ކުރަން އެމްޑީޕީގެ ޕްރައިމަރީގައި ވެސް އޭނާ ވާދަ ކުރެއްވެވިއެވެ. ނަމަވެސް އެ ޕްރައިމަރީން އޭނާވީ ނާކާމިޔާބެވެ. ދެން އޭނާ އެ ފަހަރުގެ މަޖިލިސް އިންތިޚާބަށް ނުކުންނެވީ އަމިއްލަ ގޮތުންނެވެ. އެ އިންތިޚާބު ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ޓިކެޓުގައި ނުކުންނެވި ހުސައިން ޝަހީމް (އަނދުން ހުސައިން) އެވެ. ފަހުން ރުކުމާ ވަނީ 2021 ވަނަ އަހަރު އޭރު އިދިކޮޅުގައި އޮތް ޕީޕީއެމާ ގުޅިވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ