ރައްޔިތުންގެ މަޖިލީހުގެ ސަލާމާތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ބަލަމުންދާ މައްސަލަތަކުގައި ދައުލަތުގެ އިދާރާތަކުން، ވަކިން ހާއްސަކޮށް ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަމަލުކުރަމުންދާ ގޮތާ މެދު ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެންބަރުން ނުރުހުން ފާޅުކޮށްފި އެވެ.
އެ ކޮމިޓީން ބަލަމުން ދަނީ މިދިޔަ އަހަރު ވަގަށް ސިނގިރޭޓުތަކެއް އެތެރެކުރި މައްސަލަ އަކާއި ބޮންޑެޑް ވެއާހައުސްއެއްގައި ރައްކާކޮށްފައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓުތަކެއް ގެއްލުނު މައްސަލަ އަދި ކަސްޓަމްސްގެ އޮފިސަރުންތަކެއްގެ އެކައުންޓުގައި 400 މިލިއަން ރުފިޔާ އަށް ވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވާ މައްސަލަ އެވެ.
އެ މައްސަލަތައް މަޖިލީހުގެ 241 ކޮމިޓީގައި އޮންނަތާ އަށް މަސްދުވަސް ވެފައިވާތީ އާއި މުއައްސަސާތަކުން މައްސަލަތައް ގަސްދުގައި ލަސްކުރަމުންދާ ކަމަށް ތުހުމަތުކޮށް ވަނީ މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
މައްސަލަތައް ކުރިއަށް ނުދާތީ އިދާރާތަކުގެ ދޯދިޔާ ކަމުގެ ސަބަބުން ކަމަށާއި މިކަމުގައި ފިޔަވަޅު އަޅަން ޖެހޭ ކަމަށް ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވި އެވެ.
"ކަންބޮޑުވޭ އިދާރާތަކުގެ ދޯދިޔާ ވާހަކަ ރިޕޯޓުގައި ހިމެނިގެންދިޔައިމަ. މިއެއް ނޫން ދެއްތޯ ރައްޔިތުން އެދޭ އެދުމަކީ. ރައީސުލްޖުމްހޫރިއްޔާ ވެސް ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ބޭނުންފުޅުވަނީ މިއެއް ނޫން. މިއަށް ވުރެ މާ ފުރިހަމައަށް މިކަންކަން ކުރެވޭނެ މަގުފަހިކޮށްދީ، އިދާރާތަކަށް އެ ކަމަށް ގާބިލު ބޭފުޅުން މި އައްޔަނު ކުރަނީ. އެ ބޭފުޅުންގެ ދުލުން މި ވިދާޅުވަނީ އިދާރާތަކުގައި ކަންކަން ހުރި ވާހަކަ،" އޭނާ ވިދާޅުވި އެވެ.
"މިހާ މުހިންމު ކަންތައް، ގައުމީ ސަލާމަތަށާއި، ދިވެހިރާއްޖެއަށާއި، ރައްޔިތުންނަށާއި، ސަރުކާރަށް މިހާ ބޮޑެތި އޮޅުވާލުންތައް އޮޅުވާލައި، ގެއްލުންތައް ދޭ ކަންކަން ހިނގައިދިޔައިރު، މިކަން ނުކޮށް އިތުރު ކޮން ކަމެއްތޯ ކުރަންވީ މިކަން ބެލުމަށްޓަކައި އަައްޔަނުކޮށްފައި ހުރި ވުޒާރާތަކުގެ ވެރިން؟ މި ނޫންތޯ 24 ގަޑިއިރު ހޭލާ ތިބެގެން ވެސް ކުރަންވީ ކަމަކީ."
ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމު ވިދާޅުވި ގޮތުގައި މުއައްސަސާތަކުގައި މައްސަލަތައް ހުއްޓިފައި ވަނީ "އެއް ގަލަކުން ފެހި ކައިގެން ތިބި މީހުން ތިބުމުން" ނެވެ.
"ވަކި މީހަކު ނެތް. ތިރިން މައްޗަށް އައިސްފައި ތިބި ވެރިންނަކީ އެތާ ތިބި އެހެން މުވައްޒަފުންނާއެކު އެ ކަންކަމުގައި ބައިވެރިވެގެން ކޮމްޕްރޮމައިޒްވެފައި ތިބި މީހުން. އެހެންވެ ކަންކަން އެހެން ވަނީ. އެހެން ނޫން ނަމަ ނުވާނެ،" އޭނާ ވިދާޅުވި އެވެ.
މައްސަލަތައް ލަސްވެގެން ދިޔުން ހުޅުދޫ ދާއިރާގެ މެންބަރު ޝާހިދު ސިފަ ކުރެއްވީ އެންމެން ގުޅިގެން ހިންގާ ޖަރީމާއެއްގެ ގޮތުގަ އެވެ. އެހެންވެ، އެއީ ކޮންބައެއްތޯ ބަލައި، އެ މީހުން މަގާމުން ދުރުކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވީ މުއައްސަސާތަކުގެ ވެރިން ވަގުތުން ކޮމިޓީއަށް ހާޒިރު ކުރަންޖެހޭ ކަމަށެވެ.
"ހާޒިރުކޮށްފައި މައްސަލަ ނުހިނގަނީ ކީއްވެގެންތޯ ބަލަން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.
މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އަށް ނިސްބަތްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ހުށަހެޅުއްވީ ސިނގިރޭޓު އެތެރެކުރި މައްސަލަ މިހާރު ގޮސްފައިވާ ހިސާބެއް ބެލުމަށް ޓްރާންސްޕޯޓް މިނިސްޓްރީ އާއި ފުލުހުން އަދި ކަސްޓަމްސް ހާޒިރު ކުރުމަށެވެ. އަދި ކޮމިޓީން ދިފައިވާ ރެކޮމެންޑޭޝަންތަކަށް އަމަލުނުކޮށްފިނަމަ ގާނޫނީ ފިޔަވަޅު އަޅާނެކަން އަންގަން ވެސް އޭނާ ހުށަހެޅުއްވި އެވެ.
ކޮމިޓީން ބަލާ އަނެއް މައްސަލައަކީ މިދިޔަ އަހަރު 200 މާސްޓާ ކާޓޫން ސިނގިރޭޓު އެތެރެކުރި މައްސަލައެކެވެ. އެ ތުހުމަތު ކުރަނީ ރާއްޖެ އަށް ތެޔޮ އެތެރެކުރާ ދަ ހޯކްސް ޕްރައިވެޓު ލިމިޓެޑުގެ މައްޗަށެވެ.
އެ މައްސަލައާ ގުޅިގެން ހޯކްސްއިން ކުރިން ބުނެފައިވަނީ އެ ކުންފުނިން ކުރަނީ ތެލުގެ ވިޔަފާރި ކަމަށާއި ސިނގިރޭޓު އެތެރެ ކުރުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށެވެ. އެ މައްސަލައާ ގުޅިގެން ހޯކްސްގެ 14 މުވައްޒަފަކު ސަސްޕެންޑުކުރި ކަމަށް ބުނެފައިވެ އެވެ.
ކޮމިޓީން ބަލާ މައްސަލަތަކުގެ ތެރޭގައި ކަސްޓަމްސް އޮފިސަރުންތަކެއްގެ އެކައުންޓުގައި ވޭތުވެދިޔަ ހަތަރު އަހަރުތެރޭގައި ކަސްޓަމްސްގެ 21 އޮފިސަރެއްގެ އެކައުންޓުގައި 400 މިލިއަން ރުފިޔާ ދައުރުކުރި މައްސަލަ އާއި ކަސްޓަމްސްއާ ގުޅޭ އިތުރު އެހެން ބައެއް މައްސަލަތައް ހިމެނެ އެވެ. ފައިސާ ދައުރުކުރި މައްސަލާގައި ހަތަރު މުވައްޒަފެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވެ އެވެ.
ބޮންޑެޑު ވެއާހައުސްއެއްގައި ހުއްޓައި ގެއްލިފައިވަނީ ގާތްގަނޑަކަށް 575 ކޭސް ސިނގިރޭޓެވެ. އެ އަދަދުން ބަލާނަމަ އެއީ 34،500 ކާޓޫނެވެ. ވަކިވަކިން ބަލާނަމަ އެއީ ހަތް މިލިއަނެއްހާ ސިނގިރޭޓެވެ. މީގެތެރޭގައި ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ތިން ބްރޭންޑެއްގެ ސިނގިރޭޓު ހިމެނެ އެވެ. ގެއްލުނު ސިނގިރޭޓުތަކަށް އިމްޕޯޓު ޑިއުޓީ އާއި ރެވެނިއު ސްޓޭމްޕުގެ ގޮތުގައި ދައުލަތަށް ދައްކަން ޖެހޭ ފައިސާގެ އަދަދު މަދުވެގެން 60 މިލިއަން ރުފިޔާއަށް އަރާ ކަމަށްވެ އެވެ.
މަޖިލީހުގެ 241 ކޮމިޓީގެ ބައްދަލުވުންތައް އާންމު ގޮތެއްގައި ކުރިއަށް ގެންދަނީ ސިއްރުކޮށްގެން ކަމަށް ވިޔަސް، މި މައްސަލަތައް އިއްޔެ ކުރިޔަށް ގެންދިޔައީ ސިއްރު ބައްދަލުވުމެއްގެ ގޮތުގައެއް ނޫނެވެ.
ޕީއެންސީ މެންބަރުންގެ ނުރުހުން ޕޮލިސް ކޮމިޝަނަރަށާއި ޕީޖީއަށް ޕީއެންސީ މެންބަރުންގެ ނުރުހުން ޕޮލިސް ކޮމިޝަނަރަށާއި ޕީޖީއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ