ކަރެކްޝަންސްއިން ބަލަހައްޓަމުންދާ ޖަލުތަކުގައި ތިބޭ ގައިދީންނަށާއި އޮފިސަރުންނަށް ކާން ދިނުމުގެ އިންތިޒާމުތައް ހަމަޖައްސަން ދިމާވާ އެންމެ ބޮޑު ދައްޗަކީ ފިނޭންސް މިނިސްޓްރީން ބިލުތަކަށް ފައިސާ ނުދިނުން ކަމަށް އެ އިދާރާގެ ވެރިން ރައްޔިތުންގެ މަޖިލީހުގައި މިއަދު ބުނެފި އެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި، ކަރެކްޝަންސް މުވައްޒަފުންގެ ކޯޕަރޭޓިވް ސޮސައިޓީ، ޕްރިސްކޯއާ ގުޅޭ ގޮތުން ބޭއްވި ބައްދަލުވުމުގައި މި ވާހަކަ ދެކެވުނީ، ގައިދީންނާއި އޮފިސަރުންނަށް ކާން ދިނުމުގެ ކަންކަމާ ޕްރިސްކޯއާ ހަވާލުކުރުމާ ގުޅިގެން ކުރެވުނު މަޝްވަރާތަކުގަ އެވެ.
ކަރެކްޝަނުގެ ވެރިން ކޮމިޓީގައި ބުނީ، ޕްރިސްކޯއާ ކޭޓަރިން ކަންކަން ހަވާލުކުރަން ޖެހުނީ ޖަލުތަކުގައި ތިބޭ މީހުންނަށް ގަވާއިދުން ކާން ދިނުމުގައި ދިމާވި މައްސަލަތަކާ ގުޅިގެން ކަމަށެވެ. މިހެން ދިމާވާ މައިގަނޑު ސަބަބަކީ، ކަރެކްޝަނުން ބުނި ގޮތުން ނަމަ، ކޭޓަރިން ހަވާލުކުރާ ޕާޓީތަކަށް ފިނޭންސް މިނިސްޓްރީން ދޭން ޖެހޭ ފައިސާ ނުލިބި ލަސްވުމެވެ.
"މިއިން ކޮންމެ ޕާޓީއަކަށް ވެސް ދިމާވާ މައްސަލައަކީ ފައިސާގެ މައްސަލަ. ފިނޭންސް މިނިސްޓްރީން އެ މީހުންނަށް ފައިސާ، އެންމެ މަހެއްގެ ބިލެއްގެ ފައިސާ ނުލިބުނަސް ހަމަ އޮފިސަރުންނަށް ދޭން ޖެހޭ އައިޓަމްތަކަށް އެބަ އާދޭ ބަދަލު އަދި ގައިދީންނަށް ހިދުމަތް ދިނުމުގައި އެބަ ހުރި ކޮލިޓީ ދަށް ވެފައި،" އޭނާ ވިދާޅުވި އެވެ.
ޕްރިސްކޯއިން ބުނީ ގަވާއިދުން ގަޑިންގަޑިއަށް ކާން ނުދެވުމަކީ ޖަލުގެ ސަލާމަތާއި ރައްކާތެރިކަމާއި މަސްލަހަތާ ސީދާ ގުޅިފައިވާ ކަމެއް ކަމަށެވެ. އަދި މިކަމުގައި ކަރެކްޝަނުން ކޯޓާއި ހިއުމަން ރައިޓްސް ކޮމިޝަނާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ޖަވާބުދާރީވާންޖެހޭ ކަމަށް އޭނާ ބުންޏެވެ.
އެހެންވެ، ގައިދީންނަށް ކާން ދިނުމުގެ ކަންކަމުގެ ކޮންޓްރޯލް ކަރެކްޝަނުގައި އޮތުން މުހިންމު ކަމަށް ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވި ކަރެކްޝަނުގެ އޮފިޝަލަކު ބުންޏެވެ. އަދި މިހާރު އޮތް ގޮތަށް ޕްރިސްކޯގެ ދަަށަށް އެކަންކަން ބަދަލުކުރެވިގެން ދިޔައީ، ކާން ދިނުމުގެ ހިދުމަތަށް ބުރޫއަރައި، ޖަލުގެ މަސްލަހަތު ގެއްލިގެންދާ ފަދަ ހާލަތެެއް ކުރިމަތިވިޔަ ނުދިނުމަށް ކަމަށް އެ އޮފިޝަލް ބުންޏެވެ.
"[ޖަލުތަކުގެ] އޮޕަރޭޝަން މި ގޮތަށް ހިންގާ އިރުގައި، ހިދުމަތްދޭ ފަރާތުގެ އެއްވެސް ކަހަލަ ތަކުލީފެއް، ނޫނީ މީގެ ގޯހެއް، ނޫނިއްޔާމުން އެ މީހުންގެ ފަރާތުން މީގެ ކަމެއް ދިމާވެއްޖެއްޔާމުން އަޅުގަނޑުމެން މުޅި އޮޕަރޭޝަން ހުއްޓާލަން ޖެހޭ،" އޭނާ ބުންޏެވެ.
"އަނެއްކާ ޖަލު ކޮންޓްރޯލް ކުރުމަށް އެންމެ އުނދަގޫ ވާނެ ކަަމަކީ ބަނޑުހައިހޫނު ކަމާއި މި ކަހަލަ ކަންކަމުގެ ހަޅުތާލަކަށް ގޮސް ކާއެއްޗެހީގެ ޝަކުވާ ކުރުން."
މާލޭ ސަރަހައްދުގެ ޖަލުތަކުގައި ކާން ދިނުމުގެ ކަންކަން ކަރެކްޝަނުން މިދިޔަ އޭޕްރިލް މަހުގެ ފެށިގެން ހަވާލުކޮށްފައި ވަނީ ޕްރިސްކޯއާ އެވެ. ޕްރިސްކޯއިން އެ މަސައްކަތް މޭނާ ކޭޓަރިންއަށް އައުޓްސޯސްކޮށްގެންނެވެ.
މިހެން އޮތުމުން، ކަރެކްޝަނުން ބޭނުންވާ ކޮންޓްރޯލު އޮތުމުގެ މަގުސަދު ހާސިލުވޭތޯ މާލިއްޔަތު ކޮމިޓީގައި އިންނަވާ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ސުވާލުއުފެއްދެވި އެވެ. މި ސުވާލަށް ޖަވާބު ދިން ކަރެކްޝަނުގެ އޮފިޝަލް ބުނީ، އެ ކޮންޓްރޯލް އޮތީ މިހާރު ކަރެކްޝަނުގައި ކަމަށެވެ.
އެ ގޮތުން މިހާރު ވެސް ޕެންޑިން ބިލުތަކުގެ އަދަދު 30 މިލިއަން ރުފިޔާއަށް އަރާއިރު، ކަރެކްޝަނާއި މޭނާ ކޭޓަރިންއާ އޮންނަ ގާތް ގުޅުމުގެ ދަށުން އެ ފައިސާ ނުލިބުނަސް ކާން ދިނުމުގެ ކަންކަން ހަމަޖައްސަމުން އަންނަ ކަމަށް ކަރެކްޝަނުން ބުންޏެވެ.
ގަވާއިދުން ފައިސާ ނުލިބޭ މައްސަލައިގައި ހުރި ޝަކުވާތައް އޮއްސާލަމުން، ހަ މަސް ދުވަހުގެ ބިލުތައް ތާށިވެފައި ހުރި ކަމަށް ކަރެކްޝަނުން ބުންޏެވެ. އަދި ބަރާބަރަށް ފިނޭންސަށް ބިލުތައް ޕޯސްޓު ކުރަމުން ދިޔަ ނަމަވެސް އެ ބިލުތަކަށް ފައިސާ ދޭން އެތައް މަސްދުވަހެއް ހޭދަވާ ކަމަށް އެ އިދާރާއިން ބުންޏެވެ.
"މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފައިސާ ލިބުނީ މިދިޔަ މަހުގައި ބައެއް ކުންފުނިތަކަށް، އަޅުގަނޑުމެންނަށް ޕްރިސްކޯއަށް ލިބުނީ. މިއަށް ވުރެ ބޮޑަށް ވެސް ތާށިވެގެން ގޮސްފި. މި އަހަރުގެ ގާތްގަނޑަކަށް އޭޕްރިލް މަހާ ހަމައަށް އައި އިރުގައި އެއްވެސް ފައިސާއެއް ނުވަދެ ވެސް ހިނގައްޖެ އަޅުގަނޑުމެންނަށް،" އޮފިޝަލް ބުންޏެވެ.
ކަރެކްޝަނުން މި ޝަކުވާތައް އޮއްސާލިއިރު، ގިނަ ވިޔަފާރިތަކުން، ހާއްސަކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން، ވެސް އަންނަނީ މި ޝަކުވާ ކުރަމުންނެވެ. ވާރުތަވީ ބިލުތައް ހިމެނޭހެން ބިލުތަކަށް ގަވާއިދުން ފައިސާ ދައްކަމުން އަންނަ ކަމަށް ސަރުކާރުން ބުނި ނަމަވެސް، ގިނަ ވިޔަފާރިތަކުން ބުނަނީ ލިބެން ޖެހޭ ފައިސާތައް އަދިވެސް ނުލިބޭ ކަމަށެވެ.
ސަރުކާރުން އާންމުކުރާ ރަސްމީ ތަފާސްހިސާބުތަކުގައި، ނުދައްކައިވާ ބިލުގެ އަދަދެއް ފެންނާކަށް ނޯވެ އެވެ. އިދިކޮޅު އެމްޑީޕީން ލަފާކުރަނީ، ނުދައްކައިވާ ބިލުތަކުގެ އަދަދު 13 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. މިއީ މިދިޔަ އަހަރުގެ ނިޔަލަށް ހުރި ހަތް ބިލިއަން ރުފިޔާއަށް އަހަރުގެ މިހާތަަަނަށް އިތުރުވީ ފައިސާ އެވެ.
ކަރެކްޝަނުގެ އޮތީ ސަރުކާރުން ބިލުތަކަށް ފައިސާ ނުދެއްކުމުގެ ޝަކުވާ, 30 މިލިއަން ރުފިޔާ ޕެންޑިންގައި ކަރެކްޝަނުގެ އޮތީ ސަރުކާރުން ބިލުތަކަށް ފައިސާ ނުދެއްކުމުގެ ޝަކުވާ, 30 މިލިއަން ރުފިޔާ ޕެންޑިންގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ