ވާވު އަތޮޅު ދެވަނަ ކަނޑު ހޮހޮޅައިން އިޓަލީގެ ތަޖުރިބާކާރު ޑައިވިން އިންސްޓްރަކްޓަރު ޖިއަންލޫކާ ބެނެޑެޓީގެ ހަށިގަނޑު ފެނުނު ހާދިސާއާ ގުޅިގެން މިއަދާ ހަމައަށް ވެސް ރާއްޖެ އާއި ބައިނަލްއަގުވާމީ މީޑިއާތަކުގެ ހަބަރުތައް ހުރީ އެއް ގޮތަކަށެވެ. އެންމެން ވެސް ބުނަމުން ދިޔައީ އޭނާ ފެނުނީ ހޮހޮޅައިގެ އަނގަމަތިން ކަމަށެވެ.
މި ގޮތަށް ޖިއަންލޫކާ ފެނުނު ކަމަށް ބުނުމުން ދޭހަވީ އޭނާގެ ޑައިވިން ގްރޫޕު ދޫކޮށްލުމަށް ފަހު ހޮހޮޅައިން ނުކުންނަން އުޅެނިކޮށް އޭނާ މަރުވީ ކަމަށެވެ. އަދި، އޭނާ ފެނުނު ތަނުގެ މައްޗަށް ބިނާކޮށް މީޑިއާތަކާއި ޑައިވިންގައި އުޅޭ މީހުންގެ ތެރޭގައި ކަންހިނގައިދިޔަ ގޮތް ކަމަށް ތަފާތު ގޮތްގޮތަށް ބޮޑެތި ބަހުސްތައްކޮށް ތިއަރީތަކެއް އުފެެދުނެވެ. ގިނަ މީހުންގެ ސުވާލަކަށްވީ އޭނާގެ ގްރޫޕާ އެހާ ބޮޑަށް ވަކިވީ ކީއްވެގެންތޯ އާއި އެ ގްރޫޕުގެ އެހެން މީހުން ހޮހޮޅައިގެ މާ އެތެރޭގެ ޓަނަލްތަކުން ފެނުނީ ކީއްވެގެންތޯ އެވެ.
ނަމަވެސް، އަދަދު ނޫހަށް މިހާރު ކަށަވަރުކުރެވިފައިވާ ގޮތުގައި އެއީ މުޅިން ނުބައި، ގޯސް މައުލޫމާތުތަކެއްގެ މައްޗަށް ދެކެވުނު ވާހަތަކާއި ލިޔެވުނު ހަބަރުތަކެވެ.
ޖިއަންލޫކާ ފެނުނީ ހޮހޮޅައިގެން އަނގަމަތިންނެއް ނޫނެވެ. އޭނާ އޮތީ ކަނޑުގެ ފުނުގައި ހުރި އެ ހޮހޮޅައިގެ މާ އެތެރޭގަ އެވެ. އެ ތަނުން އޭނާ ފެނުނީ އަމިއްލަ ފުރާނަ ނުރައްކަލުގެ ތެރެއަށް ހުށަހަޅައިގެން ޖިއަންލޫކާ ސަލާމަތް ކުރަން މަސައްކަތް ކުރި، އޭނާއާއެކީ މަސައްކަތްކުރި އޭނާގެ ދެ އެކުވެރިއަކު ކުރި ޑައިވުންނެވެ. އެ ދެވެރިންނަށް ޖިއަންލޫކާ ފެނުނީ އެ މީހުންގެ އަޒުމާއި ހިތްވަރާއި ވިސްނުންތެރިކަމާއި ރޭވުންތެރިކަމާއި ނަސީބު އެއްތަންވެގެންނެވެ.
އެ ދެ މީހުންނަށް ޖިއަންލޫކާ ނުފެނުނުނަމަ ގެއްލުނު މީހުން ހޯދާނެ ބަލާނެ ތަނެއް ވެސް ނޭނގި، އެންމެނަަށް ވީނުވީއެއް، ވީތަނެއް ނޭނގި، ގެއްލުނު އެންމެން ތާއަބަދަށް ކަނޑުގެ އަޑީގައި ފޮރުވުނީހެވެ.
މިއީ މެއި 14، 2026، ގައި ޖިއަންލޫކާ އާއި އޭނާއާ އެކީ ފީނަން ދިޔަ އެންމެން މަރުވި ހިތާމަވެރި ހާދިސާގެ ކުރިން ކަން ކަން ހިނގި ގޮތާއި އެ މީހުން ހޯދަން ކުރި މަސައްކަތުގެ އަސްލު ވާހަކަތަކެވެ.
މި ހާދިސާގެ ފެށުމަކީ އެ ދުވަހުގެ ހެނދުނު 11:00 އެވެ. "ޑިއުކް އޮފް ޔޯކް" ސަފާރީގައި ތިބި ޔުނިވާސިޓީ އޮފް ޖެނޯއާގެ ޕްރޮފެސަރުންނާއި ދަރިވަރުން ހިމެނޭ 24 މީހުންގެ ގްރޫޕުން ތިބީ ދުވަހުގެ ދެވަނަ ޑައިވުގެ ބްރީފިން އަޑުހާށެވެ. އެ ދުވަހު ހެނދުނު ފޮއްތެޔޮ ކައިރިއަށް ފައިބާ އެ ތަނުގެ ރީތި މުރަކަތަކާއި ދިރުންތައް ބެލުމަށް ފަހު ލިބުނު އުފަލާއި ހިތްހަމަޖެހުމާއެކީ، އެންމެން ވެސް ތިބީ ދެވަނަ ޑައިވަށް ކެތްމަދުވެފަ އެވެ.
މެންދުރަށް އެ މީހުން ތައްޔާރުވީ ދެވަނަ ކަނޑަށް ފައިބާށެވެ. ކުރޫން ދިން ބްރީފިންގައި އޮތީ އާދައިގެ މަތިން އެ ކަނޑުއޮޅިއަށް ކުރާ "ފަން ޑައިވް" އެވެ. މިއީ އެ ސަފާރީގެ ޑައިވު ގައިޑުން ފަރިތަ، އެތައް ބަޔަކު ގޮވައިގެން، އެތައް ސަތޭކަ ފަހަރު، އެއްވެސް މައްސަލައެއް ނުޖެހި ނިންމާފައިވާ ފަސޭހާ ޑައިވެކެވެ.
ޖިއަންލޫކާ އާއި އޭނާއާ ޑައިވުކުރާ ހަތަރު މީހުން ގްރޫޕުން ވެސް ތައްޔާރުވީ މި ޑައިވަށެވެ. ސަފާރީގެ ލޮގާއި ބްރީފިންގައި ދިން އިރުޝާދުތަކުގައި ވެސް، ކަނޑުއަޑީގައި ހުންނަ ހޮހޮޅައަކަށް ވަންނަ ވާހަކައެއް ނެތެވެ. މީހަކަށް އަޑު އިވޭ ހިސާބެއްގައި ވެސް ހޮހޮޅައަކަށް ފީނާ ވާހަކަ ދެއްކި ކަމަކަށް ނުވެ އެވެ. އެހެންވެ، އާދައިގެ ޑައިވިނަށް ދާ އާލާތްތަކާއެކީ، އެންމެ އާދައިގެ ބައްތިގަނޑެއް ހިފައިގެން އެންމެ ވައިފުޅިއެއް އަޅައިގެން އެ މީީހުން ފޭބިއިރު މީހަކު ސުވާލެއް ވެސް ނުކުރެ އެވެ.
ސަފާރީގައި ދިން ބްރީފިނަށް ފަހު ޑައިވިން ދޯންޏަށް އަރައިގެން ގޮސް އެންމެ ފުރަތަމަ ކަނޑަށް ފޭބީ ޖިއަންލޫކާ އާއި އޭނާގެ ޑައިވު ޓީމުގައި ހިމެނޭ އިޓަލީގެ އިކޮލޮޖީ ޕްރޮފެސަރު މޮނިކާ މޮންޓެފަލްކޯން އާއި އޭނާގެ ދަރިފުޅު އަދި ބަޔޯމެޑިކަލް އިންޖިނިއަރު ޖޯޖިއާ ސޮމަކަލް އާއި މެރިން ބަޔޮލޮޖިސްޓު ފެޑެރީކޯ ގޯލްޓިއޭރީ އާއި ރިސާޗަރު މުރިއެލް އޮޑެނީނޯ އެވެ.
އެއީ އެ ދުވަހުގެ މެންދުރުކުރި 11:30 ހާއިރެވެ. މިއީ އެ ފަސް މީހުން ދިރިތިއްބައި އެހެން އެއްވެސް މީހަކަށް ފެނުނު ފަހު ފަހަރެވެ.
ޖިއަންލޫކާގެ ގްރޫޕުން ފޭބީ ކަނޑު އޮޅީގެ ދެކުނު ފަރާތަށެވެ. ބާކީ ތިބި 20 މީހުން އެ މީހުންނާ ހަވާލުވެގެން ތިބި ތިން ދިވެހި ގައިޑުންނާއެކީ ފޭބީ އެ ކަނޑު އޮޅީގެ އުތުރަށެވެ. އެންމެން ކަނޑަށް ބާލާފަ ގޮސް، ޑައިވް ދޯނި އޮތީ ޖިއަންލޫކާމެންނާ ސަފާރީ ބޯޓާ ދޭތެރޭގައި ކަނޑުއޮޅީގެ މެދެއްހާ ހިސާބުގަ އެވެ.
ޑައިވިން ދޯނި އެ ތަނުގައި އޮއްވާ ޖިއަންލޫކާމެންނަށް ވުރެ ފަހުން ފޭބި ގްރޫޕުން ޑައިވިން ނިންމާފަ ބެލޫން ޖެހުމުން ދޯނި ދިޔައީ އެ މީހުން ނަގާށެވެ. އެ މީހުން ނަގައިގެން އަނބުރާ އައިއިރު ޖިއަންލޫކާމެންގެ ޑައިވު ވަގުތު ހަމަވެއްޖެ އެވެ. އެއީ ގާތްގަނޑަކަށް 12:30 ހާއިރެވެ. އޭރު ވެސް އެ ސަރަހައްދުން އެ މީހުންގެ ހިލަމެއް ނެތެވެ.
އެހާ ހިސާބުން ޑައިވް ދޯނިން ވަނީ އެ މީހުން ހޯދުމުގެ މަސައްކަތް ފަށާފަ އެވެ. އެންމެ ފުރަތަމަ އެ މީހުން ބެލީ ފަސް ޑައިވަރުން ފުއްމާލި ސަރަހައްދުން ވައިފުޅި ބޭނުންކޮށްގެން ނޭވާލާއިރު ބޭރުވާ ބޮކި އަރާތޯ އެވެ. އެއްވެސް ބޮއްކެއް ފެންނަން ނެތުމުންނާއި އެ ވަގުތު ކަނޑުއޮޅިން ބޭރަށް ކުޑަ އޮއެވަރެއް ހުރުމާ އެކީ، ދެން ބެލީ އޮޔާ އެކީ ކަނޑުއޮޅިން ބޭރަށް ގޮސްދާނެ ކަމަށެވެ.
އެކަމަކަު 15 މިނިޓު ވަންދެން ފެން މަތިން އެ މީހުން ފެނޭތޯ ބަލައިގެން ވެސް ނުފެނުމުން، އެ މީހުން ގެއްލިގެން އުޅޭ ކަން ސަފާރީގެ ކައްޕި، އިބްރާހިމް ރަޝީދު (ފެއްސޭ) އަށް އެންގި އެވެ. ކައްޕިއަށް މި މައުލޫމާތު ލިބުނު ހިސާބުން އޭނާ ވަނީ އެ ސަރަހައްދުގައި އޮތް އެކުވެރި އެހެން ސަފާރީއަކާއި ޑައިވް ދޯންޏެއްގެ އެހީ ހޯދައިގެން އެ މީހުން ހޯދުމުގެ މަސައްކަތް ފުޅާކޮށްފަ އެވެ. އިރުތަކެއް ނުވެ، ވ. ފުލިދޫގައި ގާއިމުވެ ތިބޭ މެރިން ޕޮލިހުން ވެސް ވަނީ އެ މީހުން ހޯދުމުގެ މަސައްކަތާ ގުޅިފަ އެވެ.
"އަޅުގަނޑަށް ގެރެންޓީވޭ ފަސް މީހުން ސާފަސްއަށް ވާހަކައަކީ ނުގެއްލޭނެ. އެއަށް ވުރެ ބޮޑު ގުރޫޕެއް. ހުރިހާ އެންމެން އަތުގަ ބެލޫން ހުންނާނެ. އަނެއްކާ އާދައިގެ މީހުންނެއް ނޫން ތިބީކީއެއް،" ފެއްސޭ ބުންޏެވެ.
ފެނުން މައްޗަށް އެރި ނަމަ އެ މީހުން ނުގެއްލޭނެ ކަމުގެ ޔަގީންކަން އޮތަސް، އެ ޑައިވަރުން ހޯދުމުގެ މަސައްކަތުގައި ފަހުން ބައިވެރިވި އަލިމަތާ ރިސޯޓުގެ އެކްސްކާޝަން ދޯންޏެއް ހިމެނޭހެން އަމިއްލަ ފަސް އުޅަނދާއި މެރިން ފުލުހުންގެ ލޯންޗު ނިކުގެ އެ މީހުން ފެނުންމަތިން ފެނޭތޯ ބޮޑު ސަރަހައްދެއް ހޯދާ ބެއްޔެވެ. ސަފާރީން އެކަނި 42 މޭލުގެ ސަރަހަައްދެއް ބެއްޔެވެ. އެކަމަކު އެ މީހުންގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ.
ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް "ކޮންޓެ މެކްސް" ސަފާރީގައި ތިބި ޑިއޭގޯ އާއި ރަޝީދަށް ޑައިވަރުން ގެއްލުނު ހަބަރު ލިބުނީ މެންދުރުފަހު 13:30 ހާއިރު، ޑިއުކް އޮފް ޔޯކުގައި ތިބި މީހުން ގުޅާފަ އެ މައުލޫމާތު ދިނުމުންނެވެ. އެ ހަބަރު ލިބުނުއިރު ވެސް އެ މީހުން ހޯދާތާ އިރުތަކެއް ވެފައިވާތީ އާއި އެ ޑައިވަރުންގެ ހުނަރު ރަނގަޅެއް އެނގޭ ރަޝީދަށް ވެސް ގަބޫލުކުރެވުނީ އެ މީހުން އަޑިން ނާރާ ކަމަށެވެ. އެއާ އެކީ، އޭނާގެ ހަނދާނަށް އައީ ދެވަނަ ކަނޑުގެ ފަރުގެ އުރަފަށުން ގޮސް 60 މީޓަރު ފުނުގައި އޮންނަ ބޮޑު ހޮހޮޅަ އެވެ.
މި ހޮހޮޅައަކީ ހުޅަނގު މޫސުމުގައި، ފަރުމަތީގައި އުޅޭ މިޔަރުތައް ހިޔާވަހިކަން ހޯދާ ތަނެއްގެ ގޮތުގައި ޑައިވަރުންގެ މެދުގައި މަޝްހޫރު އަދި ގިނަ ޑައިވަރުން ދަންނަ ތަނެކެވެ. މިހެންވެ އާއި މަތިން ހޯދާހޯދާ ވެސް ނުފެންނާތީ، ގެއްލިގެން އުޅޭ ޑައިވަރުން ވެސް މި ތަން ބަލަން ގޮސްދާނެ ކަމަށް ނިންމާ، ހޮހޮޅަ ހުންނަ ސަރަހައްދަށް ފީނައި އެ މީހުން ތިބިތޯ ބަލަން ނިންމި އެވެ.
ދެވަނަ ކަނޑު ހޮހޮޅަ ހިމެނޭހެން އެ ސަރަހައްދުގެ އަޑި ބަލަން ފުރަތަމަ ޑައިވްކުރީ މެންދުރުފަހު 2:15 ހާއިރެވެ. މި ޑައިވުގައި ބައިވެރިވީ "ޑިއުކް އޮފް ޔޯކް" ގައި ތިބި ތިން ދިވެހި ގައިޑުންނާއި އެ މީހުންގެ އެކުވެރި ދިވެހި ޑައިވަރަކާއި އިޓަލީގެ ޑައިވަރެކެވެ.
"ވަރަށް ކުރު ޑައިވިނެއް ޖެހީ. ހަމަ ސީދާ އެ ކަނޑުއޮޅީގެ އެ ސަރަހައްދު ބެލީ. އެތާ ކޭވެއް އިންނަކަން އެނގޭނެ ހުރިހާ އެންމެނަށް ވެސް. އެހެންވެ ކޭވު ދޮރުމަތި ބެލިއިރުގަ ވެސް ފެންނާކަށް ނެތް،" ފެއްސޭ ކިޔައިދިނެވެ.
ހޮހޮޅައިގެ އަނގަމަތިން އެއްވެސް މީހަކު ނުފެނުމުން ޑައިވިނަށް ފޭބި ފަސް މީހުން ވަނީ މައްޗަށް އަރާފަ އެވެ. އެ މީހުން ވިސްނީ ހޮހޮޅައިގެ ފުރަތަމަ ޗެމްބަރުން އެތެރެއަށް އެ މީހުން ނުވަންނާނެ ކަމަށެވެ.
އޭރު ޑިއޭގޯ އާއި ރަޝީދު ދިޔައީ ލޯންޗުގައި ސަފާރީ އޮތް ސަރަހައްދަށް ދަތުރުކުރަމުންނެވެ. މި ދެ މީހުންނަށް "ޑިއުކް އޮފް ޔޯކް" އަށް ދެވުނީ ހަވީރު 4:30 ގަ އެވެ. ސަފާރީއާ ހަމައަށް ދެވުނު އިރު ވެސް އެ ދެ މީހުން ވަނީ ގެއްލުނު މީހުން ފީނީ ހޮހޮޅައިގެ އެ ތެރެއަށް ކަމަށް ނިންމައިގެން، އެ ތަން ބަލަން ފީނަން ނިންމާފަ އެވެ.
ޑައިވު ކުރާތާ އެތައް ޒަމާންތަކެއް ވެފައިވާ ދެ ޑައިވަރުން ވެސް ބުނީ އެ ދެ މީހުން ވެސް އެ ހޮހޮޅައަށް ފީނާފައިވާ ކަމަށެވެ. ޑިއޭގޯ ބުނީ އޭނާ އެތަނަށް ފޭބި ދެ ފަހަރު ވެސް ހޮހޮޅައަށް ވަދެ، ފުރަތަމަ ޗެމްބަރުގެ އެންމެ އެތެރެއަށް ވަދެ، އެނބުރި ހޮހޮޅައިގެ އަނގަމަތި ބެލުމަށް ފަހު ނިކުމެގެން ދިޔައީ ކަމަށެވެ. ރަޝީދު ބުނީ އޭނާ އެ ތަނުން އެއް ޓަނަލްގެ ތެރެއަށް ވަން ކަމަށެވެ. އަދި އެ ތަނުގައި އެ ތަނުގައި އިތުރު މަގުތަކާއި ޗެމްބަރުތައް ހުންނަކަން އޭނާއަށް އެނގޭ ކަމަށް ވެސް ބުންޏެވެ.
ފެނުގެ މަތިންނާއި ހޮހަޅައިގެ ބޭރުން އެއްވެސް މީހަކު ނުފެނުމުން، އެ ދެ މީހުން ނިންމީ ހޮހަޅައިގެ އެތެރެއަށް ވަދެ ބެލުމަށެވެ.
"ޑިއޭގޯ ކައިރީ މަ ބުނިން މަށަށް އިނގެޔޭ އެތާނގަ އިންނާނެޔޭ އިތުރު ޓަނަލެއް. ވަދެވޭ ތަނެއް އެބައިނޭ. އަހަރެން އެ ތަނަކަށް ވަނީމޭ. ވަނީ ބައްތި ބަހައިގެން ނިކުމެވޭ ގޮތަށް،" ރަޝީދު ކިޔައިދިނެވެ.
ޑިއޭގޯ އާއި ރަޝީދު ވެސް ހޮހޮޅައިގެ އެތެރެ ބަލަން ދާން ފޭބީ އެންމެ އެކަށީގެންވާ އާލަތްތައް ހިފައިގެނެއް ނޫނެވެ. ނަމަވެސް އެންމެ އާދައިގެ ގިއަރުގެ ބަދަލުގައި، 15 ލީޓަރުގެ ބޮޑެތި ޓޭންކްތަކެއް ހޯދައި، ކޮންމެ މީހަކު ތިން ޓޯޗު ހިފައިގެން، ވަކި ހިސާބެއްގައި އިތުރު ވައިފުޅި ހިފައިގެން ދެ ޑައިވަރުން ތިބޭ ގޮތަށް ޕްލޭނެއް ހަދައިގެން ހަވީރު 5:30 ގައި ކަނޑުގެ 60 މީޓަރު ފުނަށް ދަތުރު ފެށި އެވެ.
ހޮހޮޅައާ ހިސާބަށް ފީނާފަ ގޮސް، އެ ދެ މީހުން ވަނީ އަނގަމަތިން އެތެރައަށް ވަދެފަ އެވެ. ހޮހޮޅައިގެ ފުރަތަމަ ޗެމްބަރަކީ ގާތްގަނޑަކަށް 35 މީޓަރުގެ ދިގު ބަޔެކެވެ. މި ބައި ހުރަސްކޮށް އެތެރެއަށް ވަދެވެން އޮންނަ މަގަކީ ހަތް ވަރަކަށް މީޓަރަށް ދެމިގެންދާ ތިން ވަރަކަށް މީޓަރު ފުޅާ މަގެކެވެ.
އެ ހަނި މަގުން އެތެރެއަށް ނުވަދެ، އެ މީހުން ބޭރުގައި ތިބެ އެ މީހުންގެ ޓޯޗުން އެތެރޭގައި އިންނަ ދެވަނަ ޗެމްބަރަށް އަލިއެޅުވި އެވެ. މި ދެވަނަ ޗެމްބަރަކީ ޑަޔަމީޓަރުގައި ގާތްގަނޑަކަށް 15 މީޓަރު ހުންނަ ތަނެކެވެ. އެ ތަނުގެ ތަޅުމުގައި ބޮޑު ވެލި ފުންޏެއް ވެސް އޮވެ އެވެ. އެ ވަގުތު ޓޯޗުގެ އަލި އެޅުނީ އެ ޗެމްބަރުގެ ތެރޭގައި އޮތް މީހެއްގެ ހަށިގަނޑަކަށެވެ. ޑިއޭގޯ އާއި ރަޝީދަށް ވެސް އެއީ ކާކު ކަމެއް އޭރަކު ނޭނގެ އެވެ.
ދެވަނަ ޗެމްބަރު ތެރެއިން ހަށިގަނޑު ފެނުމުން އެތެރެއަށް ފީނީ ޑިއޭގޯ އެވެ. ރަޝީދު މަޑުކުރީ އެ ތަނަށް ވަންނަން އޮންނަ ހަނި މަގުގެ ދޮރުމަތީގަ އެވެ. އޭނާގެ ޓޯޗުގެ އަލި ބެހެއްޓީ ބޭރަށް ނިކުންނަށް އޮތް މަގަށް އަލިއެޅޭ ގޮތަށެވެ. ޑިއޭގޯ އެ ޗެމްބަރު ތެރެއަށް ވަދެ އެތެރޭގައި އޮތީ ކާކުކަން ބެލިއިރު، ބޭނުންކޮށްފައި ހުރި ގިއަރުތަކުން އެއީ ޖިއަންލޫކާކަން އޭނާއަށް ވަގުތުން އެނގުނެވެ.
ކަނޑުގެ 66 މީޓަރު ފުނުގައި އޮތް ޖިއަންލޫކާގެ ހަށިގަނޑު ނަގައިގެން ގޮސް، ޑިއޭގޯ ހަވާލުކުރީ ފުރަތަމަ ޗެމްބަރުގައި އޮތް ރަޝީދާ އެވެ. ރަޝީދާ އެ ހަށިގަނޑު ހަވާލުކުރުމަށް ފަހު، މަޑުކޮށްލަން އިޝާރާތްކުރުމަށް ފަހު ޑިއޭގޯ އަލުން ފީނައިގަތީ ދެވަނަ ޗެމްބަރުގެ ތެރެއަށެވެ. ދެވަނަ ފަހަރަށް އެ ތަނުގެ ތެރެއަށް ވަދެ ބުރެއް ޖަހާލައި އިތުރު މީހަކު ފެނޭތޯ އޭނާ ބަލާލި އެވެ. އެކަމަކު ޑިއޭގޯއަކަށް އިތުރު މީހަކު ނުފެނުނެވެ.
"އަހަރެން ވަދެ ބަލާލީ ދެން ތިބި މީހުން ފެނޭތޯ. އެކަމަކު ދެ ވަނަ ޗެމްބަރުގެ ތެރޭގަ އެ މީހުންގެ އެއްވެސް ނިޝާނެއް ނެތް. ދެން އަހަރުން ޕްލޭން ވެސް ނުކުރަން ހޮހޮޅަ އެކްސްޕްލޯކުރާކަށް. އެހެންވެ އަވަހަށް ނިކުތީ،" ޑިއޭގޯ ބުންޏެވެ.
ޑިއޭގޯ ކިޔައިދިން ގޮތުގައި ދެވަނަ ޗެމްބަރުގެ ތެރެއިން ފަރުގެ އެކި ދިމަދިމާލަށް ފުނަށް ދެވޭ ގޮތަށް އިތުރު ތިން މަގު ހުރެ އެވެ. އޭގެ ތެރެއިން އެއް މަގަކީ އަނެއް ހަތަރު މީހުންގެ ހަށިގަނޑު ފެނުނު މަގެވެ. އެ މަގު އޮންނަނީ ހޮހޮޅައިގެ އަނގަމައްޗާ ދިމާލުން ވަންނައިރު، ކަނާތްފަރާތުގަ އެވެ.
ހޮހޮޅައިގެ އެތެރެ ސިފަކޮށްދެމުން ޑިއޭގޯ ބުނީ ދެވަނަ ޗެމްބަރުގެ ތެރޭގައި އެއްވެސް ވަރަކަށް ގުދުރަތީ އަލިކަމެއް ނުހުރެ އެވެ. އެކަމަކު ޓޯޗުން އަލިކުރުމުން އެތަން ސާފުކޮށް ފެންނަ ކަމަށް އޭނާ ބުންޏެވެ. ޑިއޭގޯގެ ވާހަކަތަކުން އެތަނުގެ ތެރެއަށް ވަން މީހުން މަގު އޮޅުނީ ކަމަށް ދެކެވޭ ވާހަކަތަކަށް ވެސް ބާރު ލިބެ އެވެ.
އެ ހޮހޮޅައިގެ އެތެރެ އުފެދިފައިވާ ގޮތުން، އެ ތަން އޮންނަނީ ވަރަށް އޮޅޭ ގޮތަކަށެވެ. އެތެރެއަށް ވަދެފައި އެނބުރި ނިކުންނަން އުޅޭއިރު، އަސްލު ނިކުންނަން އޮންނަ މަގު ހުންނަނީ ގަލުގެ ބައްޓަމާއި ވެލިފުނީގެ ސަބަބުން ފޮރުވިފަ އެވެ. އޭގެ ބަދަލުގައި، ކަނާތްފަރާތަށް އޮތް ނުބައި މަގު ފެންނަނީ މާ ބޮޑޮކޮށް، މާ ހާމައަށް ކަމުން، ނޭނގި ތިބޭ މީހަކު ސީދާ ދާނީ އެ ނުބައި މަގުން ހޮހަޅައިގެ މާ އެތެރެއަށެވެ.
ޑިއޭގޯ ބުނި ގޮތުގައި އޭނާއަށް ވެސް ބޭރަށް ނިކުންނަން އޮތް މަގު ފެނުނި ރަޝީދުގެ ޓޯޗުން އަލިކޮށްފަ އޮތުމުންނެވެ. އެ މަގު ހޯދައިގެން އަވަހަށް ނިކުމެ، ޖިއަންލޫކާގެ ހަށިގަނޑު ހިފައިގެން އޭނާ އާއި ރަޝީދު ހޮހޮޅައިން ނިކުތެވެ. ނިކުމެގެން ދެ މީހުން ވެސް ފިންސުތައް ޖަހައިގަތީ 30 މީޓަރުގައި ތިބި ސަޕޯޓު ޑައިވަރުންނާ ދިމާލަށެވެ.
ޖިއަންލޫކާ ފެނުނު ޑައިވުގައި މޫދަށް ފުއްމާލާފަ ގޮސް، ހޮހޮޅައަށް ވަދެ ހަށިގަނޑު ނަގައިގެން ނިކުމެ، 30 މީޓަރާ ހަމައަށް ދާން ހޭދަވީ ޖުމްލަ 11 މިނިޓެވެ. އެ ތަނުގައި ތިބި ސަަޕޯޓު ޑައިވަރުންނާ ހަމަ ކުރުމަށް ފަހު، ޑީކޮމްޕްރެޝަން (ޑީކޯ) ހަދަން މަޑުކުރީ ފަސް މީޓަރުގަ އެވެ. އެ ފުނުގައި 42 މިނެޓުގެ ޑީކޮމްޕްރެޝަން ފުރިހަމަކުރުމަށް ޖިއަންލޫކާގެ ހަށިގަނޑު ނަގައިގެން އެ މީހުން ފެނުން މައްޗަށް އެރިއިރު އިރުއޮއްސި، ރޭގަނޑު 7:10 ވެއްޖެ އެވެ.
އަދަދު އެކްސްކްލޫސިވް: ޖިއަންލޫކާ ނެގި ޑައިވަރުން ބުނަނީ "އޭނާ ނެގީ ހޮހޮޅައިގެ ދެވަނަ ޗެމްބަރުން" ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ