މަސައްކަތު ވަގުތުން 2 ގަޑިއިރު މަދު ކުރިޔަސް އެއްވެސް ޚިދުމަތަކަށް ބުރުލެއް ނާރާނެ: އޭވްސެކަމް

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް (އޭވްސެކަމް) އޮފިސަރުންގެ މަސައްކަތު ވަގުތުން ދެ ގަޑިއިރު އުނިކުރި ނަމަވެސް ދެވޭ އެއްވެސް ޚިދުމަތަކަށް ބުރުލެއް ނާރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެ ޚިދުމަތުން މިއަދު ބުނެފިއެވެ. ސިވިލް ސާވިސްގެ ދަށުން މަސައްކަތްކުރާ އޭވްސެކަމް އޮފިސަރުންގެ މަސައްކަތު ގަޑިއާއި، ޗުއްޓީ އަދި ބަންދު ދުވަސްތަކާއި ހިންގުމުގެ އިސްފަންތީގެ މުވައްޒަފުން އަމަލުކުރަންޖެހޭ ގޮތުގެ ގަވައިދަށް ގެނައި އެއްވަނަ އިސްލާހުގައި އޮތީ ރަސްމީ މަސައްކަތު ވަގުތަކީ އަށްގަޑިއިރު ކަމަށް ބުނާ މާއްދާ، ހަ ގަޑިއިރަށް އިސްލާހުކޮށްފައެވެ. އެކަމާ ގުޅޭގޮތުން 'ސަން' އަށް މައުލޫމާތުދެމުން އޭވްސެކަމްއިން ބުނީ އެ ކުންފުނީގެ މަސައްކަތު ވަގުތަކީ ހަ ގަޑިއިރު ނަމަވެސް އެއާޕޯޓުގެ އޮޕަރޭޝަންތަކަށް ބެލުމަށްފަހު މުވައްޒަފުންގެ މަސައްކަތުގެ ވަގުތު އިތުރުކުރަން ޖެހިއްޖެ ހާލަތުގައި އިތުރު ވެސް ކުރާނެ ކަމަށެވެ. މިސާލަކަށް ޕީކް ސީޒަނާ ދިމާކޮށް އެއާޕޯޓު ބާރުބޮޑުވާނަމަ އެ ވަގުތަކަށް ޚިދުމަތް އެންމެ ފުރިހަމައަށް ދެވޭނެ ގޮތަކަށް މުވައްޒަފުންގެ ޑިއުޓީ ރޯސްޓާ އަޅާނެ ކަމަށް ބުންޏެވެ. އެ ބަދަލު ގެންނަން ޖެހުނު ސީދާ ސަބަބެއް ނުބުނި ނަމަވެސް މިވަގުތު އެ ބަދަލު ގެނައީ އެ ޚިދުމަތުގައި ތިބޭ މުވައްޒަފުންނަށް ވެސް ބެލުމަށްފަހު ކަމަށާއި، އެ ބަދަލާއެކު އޭވްސެކަމްގެ އެއްވެސް ޚިދުމަތަކަށް ބުރުލެއް ނާރާނެ ކަމުގެ ޔަގީންކަން އެ ޚިދުމަތުން ވަނީ ދީފައެވެ. އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް 'ސަން' އާ ވާހަކަދައްކަވަމުން ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހު ވިދާޅުވީ ސީއެސްސީއިން އެ ބަދަލު ގެނެސްފައި ވަނީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން އެކަމަށް އެދި ހުށަހެޅުމުން ކަމަށެވެ. އެ އިސްލާހުގައި ވަނީ ކުރިން ގަވައިދުގައި އޮންނަހެން، ރަމަޟާން މަހު، ލުއިވާނެހެން މަސައްކަތު ވަގުތު އިންތިޒާމުު ކުރެވޭނެ ކަމަށެވެ. އެއާއެކު އިތުރު ވަގުތު ނުވަތަ އޯޓީގެ ގޮތުގައި ހިސާބުކުރާނީ ދުވާލަކު ހަގަޑިއިރަށްވުރެ އިތުރަށް މަސައްކަތްކުރަން ޖެހި، ހުއްދަ ލިބިގެން މަސައްކަތް ކުރި ވަގުތަށެވެ. އަދި އެ ދުވަހަކު މަސައްކަތަށް ހާޒިރުވާންޖެހޭ ވަގުތަށްވުރެ ތިން ގަޑިއިރު ލަސްވެއްޖެނަމަ އެއީ މަސައްކަތްނުކުރާ ދުވަހެއްގެ ގޮތުގައި ބަލައި، މަސައްކަތް ނުކުރުމުގެ ހުއްދަ ދެވޭނެއެވެ. މިހާރު ވެސް ބައެއް އިދާރާތައް ފިޔަވައި، ސިވިލް ސާވަންޓުންގެ ރަސްމީ މަސައްކަތު ވަގުތަކީ ހަ ގަޑިއިރެވެ. އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑަކީ ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ މުއައްސަސާއެކެވެ. މިއީ ރާއްޖޭގެ ވައިގެ ބަނދަރުތަކުން ދަތުރުކުރާ ފަސިންޖަރުން ބަލައި ފާސްކޮށް، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރާ މުއައްސަސާއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ