މުހައްމަދު އުމަރު މަނިކުގެ ޣައިބަށް ކުރެވޭ ކަށުނަމާދު އަސްރު ނަމާދަށް ފަހު

ރާއްޖޭގެ އިގުތިސާދަށް އެންމެ ބޮޑު ކުރިއެރުމެއް ގެނެސްދިން ފަތުރުވެރިކަމުގެ ދާއިރާ ތައާރަފުކުރެއްވުމުގައި އިސް ދައުރެއް އަދާކުރެއްވި މުހައްމަދު އުމަރު މަނިކުގެ ޣައިބަށް ކުރެވޭ ކަށުނަމާދު އިއުލާންކޮށްފިއެވެ. ރިސޯޓުތައް ހިންގާ ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ޔުނިވާސަލް އެންޓަޕްރައިސަސްގެ ޗެއާމަން އެމްޔޫ މަނިކް އަވަހާރަވީ ސިންގަޕޫރުގެ މައުންޓް އެލިޒަބެތު ހޮސްޕިޓަލުގައި މިއަދު އެ ގައުމުގެ ގަޑިން 6:30ގައެވެ. އަވަހާރަވީއިރު އުމުރުފުޅުން 78 އަހަރެވެ. "ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޔޫ މަނިކް އަވަހާރަވީ އާލާސްކަންފުޅު ގޯސްވުމުގެ ސަބަބުން އެ ހޮސްޕިޓަލުން ފަރުވާ ހޯއްދަވާތާ މަހެއްހާ ދުވަސްވީ ފަހުންނެވެ. އެމްޔޫ މަނިކްގެ ޣައިބަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިއަދު އަޞްރު ނަމާދަށް ފަހު، އިސްލާމީ މަރުކަޒުގައެވެ. އެމްޔޫ މަނިކް ވަނީ 1972ގައި ރާއްޖެއަށް ފުރަތަމަ ފަތުރުވެރިން ގެނައުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި ފުރަތަމަ ރިސޯޓު ތަރައްގީ ކުރެއްވުމުގައި އިސް ދައުރެއް އަދާކުރައްވައިފައެވެ. މީގެ އިތުރުން، 19 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ވެސް އިޚުލާސްތެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވެއެވެ. އެމްޔޫ މަނިކް އަވަހާރަވީއިރު އަނބިކަނބަލުންނާއި ދެ ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ