މެޑްރިޑް (އޮގަސްޓް 24) - ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ އިން ފަހަތުން އަރައި 3-2 އިން ލެވަންޓޭ އަތުން މޮޅުވެއްޖެ އެވެ.
އެންމެ ފަހުގެ ޗެމްޕިއަން، ބާސެލޯނާ އިން ވަނީ މި ފަހަރުގެ ލީގުގައި ފުރަތަމަ ދެ މެޗުން ވެސް މޮޅުވެފަ އެވެ. އެ ގޮތުން ފުރަަތަމަ މެޗުން މަޔޯކާ އަތުން މޮޅުވީ 3-0 އިންނެވެ.
އަމިއްލަ ދަނޑުގައި ކުޅުނު ލެވަންޓޭ އިން ރޭގެ މެޗުގެ ފުރަތަމަ ހާފު ނިންމާލީ ދެ ގޯލު ކުރީގައި އޮވެގެންނެވެ. އެ ގޮތުން، 15 ވަަނަ މިނިޓްގައި، އިވާން ރޮމޭރޯ ވަނީ ލިބުނު ފުރުސަތެއްގެ ބޭނުންހިފައި، ގޯލެއް ކާމިޔާބުކޮށް، އެ ޓީމަށް ލީޑުނަގައިދީފަ އެވެ. ނަތީޖާ ހަމަހަމަކުރެވޭތޯ ބާސެލޯނާ އިން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، އެކަން ކާމިޔާބެއްނުވި އެވެ. ލެވަންޓޭ އިން ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ދެ ވަނަ ލަނޑު ޖެހި އެވެ. މިއީ، ޕެނަލްޓީ އަކުން ހޯސޭ ލުއިސް މޮރާލޭސް ޖެހި ގޯލެކެވެ.
ދެ ގޯލު ފަހަތުން ދެ ވަނަ ހާފު ފަށަން ޖެހުނު ބާސެލޯނާ އިން ކުޅުން ރަނގަޅުކުރަން ދެ ބަދަލެއް ގެނަ އެވެ. އެ ގޮތުން، މާކް ކަސާޑޯ އާއި މާކަސް ރެޝްފޯޑްގެ ބަދަލުގައި، ގަވީ އާއި ޑަނީ އޮލްމޯ ކުޅެން އެރުވުމާ އެކު، ކުޅުން ރަނގަޅުވި އެވެ. ބާސެލޯނާ އިން ފުރަތަމަ ލަނޑު ޖެހީ، 49 ވަނަ މިނިޓްގައި ލަމީން ޔަމާލް ދިން ބޯޅައަކުން ޕެޑްރީ އެވެ. އޭގެ ހަތަރު މިނިޓް ފަހުން، ރަފީނިއާ ދިން ބޯޅައެއް ގޯލަށް ވައްދާލައި، ފެރާން ޓޮރޭޒް ބާސެލޯނާ އަށް އެއްވަރުކޮށްދިނެވެ.
މެޗު އެއްވަރުވާން ދަނިކޮށް ބާސެލޯނާ މޮޅުވީ އިތުރު ވަގުތުގެ ފުރަތަމަ މިނިޓުގައި ކާމިޔާބުކުރި ގޯލުންނެވެ. މިއީ، ލަމީން ޔަމާލް ނެގި ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި، ލެވާންޓޭގެ އުނާއި އެލްޖެޒަބާލް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
ބާސެލޯނާ އިން ފަަހަތުން އަރައި ލެވަންޓޭ ބަލިކޮށްފި ބާސެލޯނާ އިން ފަަހަތުން އަރައި ލެވަންޓޭ ބަލިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ