ގައުމީ ދުވަހަކީ އުންމީދުގެ ދުވަހެއް، މާޔޫސްކަމާ ދުރަށް ދާންވީ ދުވަހެއް: މިނިސްޓަރު

ގައުމީ ދުވަހަކީ އުންމީދުގެ ދުވަހެއް ކަމަށާއި މިއީ މާޔޫސްކަމާއި ހިތާމައާ ދުރަށް ދާންވީ ދުވަހެއް ކަމަށް ދިވެހިބަހުގެ ވަޒީރު އާދަމް ނަސީރު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ. ގައުމީ ދުވަސް ފާހަގަކުރުމުގެ ހއ. އުތީމުގައި މިހާރު ކުރިއަށްދާ ޚާއްސަ ޖަލްސާގައި ވާހަކަދައްކަވަމުން ނަސީރު ވިދާޅުވީ، ޕޯޗުގީޒުންނާ ހަނގުރާމަކޮށް ގައުމު ދިފާއުކުރުމަށްޓަކައި ވަރަށް އާދައިގެ ގޮތެއްގައި އެތައް ދުވަހެއް ވަންދެއް ތައްޔާރުވެ، އެކަމުގައި ދަތި ދުވަސްތަކެއް ހޭދަވި ކަމަށާއި، އެކަމަކު އޭގެ ނަތީޖާއަކަށްވީ ރާއްޖެއަށް ނަސްރު ލިބުން ކަމަށެވެ. ގައުމީ ދުވަސް ބުނެދެނީ އެ ދުވަހަކީ އުންމީދުގެ ދުވަސްކަމޭ، ގައުމީ ދުވަސް ބުނެދެނީ އެއީ މާޔޫސްކަމާ ދުރަށް ދާންވީ ދުވަސްކަމޭ، ބޭރުގެ ވަރަށް ވަރުގަދަ ބާރަކާ އަޅުގަނޑުމެންގެ ވަރަށް އާދައިގެ ގޮތެއްގައި ތައްޔާރުވެލެވުނު ތައްޔާރުވެލުމަކުން ކުރިމަތިލި ވަރަށް ގިނަ ދުވަސްތަކެއް، ވަރަށް ދަތި ދުވަސްތަކެއް އެކަމުގައި ހޭދަކުރެވުނީ،ދިވެހިބަހުގެ މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް އަދި، ގައުމީ ދުވަހަކީ އެއްބައިވަންތަކަމުގެ ވެސް ދުވަހެއްގެ ގޮތުގައި ސިފަކުރައްވައި މިނިސްޓަރު މިސާލު ނެންގެވީ މުޅި ރާއްޖެ، ޕޯޗުގީޒުންނާ ދެކޮޅަށް ކުރި ޖިހާދުގައި ބައިވެރިވުމާއި، އެ ދުވަސްވަރު ރާއްޖޭގެ އެކި ކަންކޮޅުތަކުން އުތީމު މަހާރަދުންނަށް އެހީތެރިކަން ދިން ވާހަކައިންނެވެ. އެއާއެކު، ގައުމީ ދުވަހަށް 500 އަހަރުވަމުން ދާއިރު މި ދުވަހުގެ ޒިކުރާ އެއް ޖީލުން އަނެއް ޖީލަށް ވާރުތަވަމުންދިއުމަކީ ފާހަގަކޮށްލަން ޖެހޭ ކަމެއް ކަމުގައި ވެސް މިނިސްޓަރު ވިދާޅުވިއެވެ. ހަމަ އެހެންމެ، ޤައުމީ ދުވަހަކީ ދީނުގެ ދުވަހެއްގެ ގޮތުގައި ވެސް މިނިސްޓަރުގެ ވާހަކައިގައި ސިފަކުރައްވާފައިވެއެވެ. "އަޅުގަނޑުމެންގެ ދީން، މާތްވެގެންވާ އިސްލާމްދީން ދިވެހީންގެ ތެރެއިން ވަރަށް ބޮޑަށް ހީނަރުވެފަ އޮއްވަ އުތީމު މަހާރަދުންގެ މިންނެތް މަސައްކަތްޕުޅުން ހޯއްދެވި ނަސްރާއި، އަދި އޭގެ ފަހުން ވާދޫ ދަންނަކަލޭފާނު މެދުވެރިކުރައްވައި ހިންގެވި މަދަރުސާއިން ކުރެއްވި މަސައްކަތްޕުޅުން އަލުން ދިވެހީންގެ ދީން އިއާދަވެގެން ދިޔައީ، ރާއްޖެއަށް ފެތުރިގެން ދިޔައީ،" އޭނާ ވިދާޅުވިއެވެ. މި ރަސްމިއްޔާތު ބޭއްވުމުގެ ސަބަބުން ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ އަމިއްލަވަންތަކަމަށާއި ގައުމިއްޔަތަށާއި ސަގާފަތަށާއި އާދަކާދައަށާއި ހުނަރަށް ދެއްވާ އިސްކަމާއި އަދި މިނިވަންކަން ހިމާޔަތްކުރުމަށް ގެންގުޅުމަށް ބޭނުންކުރާ ސިޔާސަތުގެ ބޭނުންތެރިކަން ހާމަވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ވަނީ ރައީސަށް ވަރަށް ބޮޑަށް ތައުރީފްކުރައްވައިފައެވެ. އެހެންވީމާ ގައުމީ ކަންކަމަށް އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މި ދެއްވާ ޚާއްސަ އިސްކަމުގެ އެންމެ ބޮޑު އެއް ބޭނުންފުޅެއްކަމަށް އަޅުގަނޑަށް ވިސްނެނީ ހަމަ ގައިމުވެސް ދިވެހި ދައުލަތުގެ ދެމިއޮތުން، ދިވެހި ޤައުމުގެ ދެމިއޮތުން، ދިވެހީންނަކީ ހަމަ ދުނިޔޭގެ އެހެން ދައުލަތްތައް ފަދައިން އެހެން ޤައުމުތައް ފަދައިން މިނިވަންކަމާއި އިއްޒަތްތެރިކަމާއި ޝުހުރަތު ހައްގު އަދި އެކަން ދާއިމްކުރާ ބައެއްގެ ގޮތުގައި އެކަން ސާބިތުކޮށްދިނުން،ދިވެހިބަހުގެ މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް ގައުމީ ދުވަސް ފާހަގަކުރަމުން އަންނަނީ، އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން، ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވުމުގެ ޒިކުރާ އައުކުރުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް ރަބީޢުލްއައްވަލް މަހުގެ އެއްވަނަ ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ