މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ޕްރައިމަރީ ބާތިލް ކޮށްދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެކޯޓުން ބޭރުކޮށްލައިފި އެވެ.
އެމްޑީޕީ ރިޔާސީ ޕްރައިމަރީ ސައްހަ ނޫންކަމަށް ކަނޑައަޅައިދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުއްވީ އަލީ އަމްޖަދު ކިޔާ މީހެކެވެ.
ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި، އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ އިންތިހާބު ސައްހަ ނޫން ކަމަށް ކަނޑައަޅައިދީ ޕާޓީން އިޖުރާއަތުތައް ފުރިހަމަނުކޮށް ވަކިކުރި 39،000 މެންބަރުން ހިމަނައިގެން އަލުން އިންތިހާބު ބާއްވައިދިނުމަަށް ވަނީ އެދިލައްވާފައެވެ.
ސިވިލްކޯޓުން މި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމީ މި މައްސަލަ ހުށަހެޅުއްވި އަލީ އަމްޖަދު އަކީ އެމްޑީޕީ މެމްބަރަކަށް ނުވާތީ އެވެ.
ސިވިލްކޯޓުން ކުރި ހުކުމްގައި އޮތީ، އެމްޑީޕީ ވޯޓާސް ލިސްޓުގައި އަލީ އަމްޖަދުގެ ނަން އޮތަސް އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި އަމްޖަދުގެ ނަން އޮތީ ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓު ކަނޑައެޅުމަށް މިއަހަރުގެ ޖެނުއަރީ މަހުގެ 28 ގައި ބޭއްވި ޕްރައިމަރީގައި ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ކާމިޔާބު ހޯއްދެވީ ބޮޑު ތަފާތަކުންނެވެ. ޕްރައިމަރީގައި ރައީސް ޞާލިޙަށް %61 ލިބިވަޑައިގެންފައިވާއިރު، އެއީ 24572 ވޯޓެވެ. ރައީސް ނަޝީދަށް ލިބިވަޑައިގަތީ 15631 ވޯޓާއެކު %39 އެވެ.
އެމްޑީޕީ ޕްރައިމަރީ ބާތިލްކުރަން ހުށަހެޅި މައްސަލަ ކޯޓުން ބޭރުކޮށްލައިިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ