ބާސެލޯނާ އިން ކޮވިޑްގެ ދުވަސްވަރު ނުދެވިހުރި ކުޅުންތެރިންގެ މުސާރަ ހަމަޖައްސައިދީފި

ސްޕެނިޝް ލަލީގާގެ ޗެންޕިއަން ބާސެލޯނާ އިން އެންމެ ފަހުން މެސީ، އުމްޓިޓީ، ކުޓީނިއޯ، ކޫމަން އަދި 2020 ގެ ސްކޮޑުގެ ބާކީ ތިބި ކުޅުންތެރިންގެ ފަސްކުރި މުސާރައިގެ ކަންތައް ހައްލު ކުރެވިފައިވާކަމަށް އެކުލަބުން ބުނެފިއެވެ.
އެގޮތުން ފަސްކުރި މުސާރައިގެ އެންމެ ފަހުގެ ޕޭމަންޓަށްވާ 16 މިލިއަން ޔޫރޯ ޖޫން މަހުގެ 30 ވަނަ ދުވަހު ދެއްކުމަށް، މިހާރު ކްލަބުގެ ފައިނޭންޝަލް ޑިޕާޓްމަންޓުން ވަނީ ހުއްދަ ދީފައެވެ.
2020 ވަނަ އަހަރު ބާސާގެ ސްކޮޑުގެ ގިނަ ކުޅުންތެރިން ވަނީ މުސާރަ ފަސްކުރަން އެއްބަސްވެފަ އެވެ. އެގޮތުން ފަސްކުރި މުސާރައިގެ ޖުމްލަ އަދަދު ވަނީ 121.7 މިލިއަން ޔޫރޯއަށް އަރައެވެ. އަދި ބާސާއިން މި ފައިސާ ދެއްކުމަށް ކުޅުންތެރިނާއެކު އެއްބަސްވީ އަށް އިންސްޓޯލްމަންޓަކަށް ބަހާލައިގެންމެވެ.
އެގޮތުން އިންސްޓޯލްމަންޓް ޕޭމަންޓް 2021، 2022، 2023 އަދި 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އިތުރުން 2022، 2023، 2024 އަދި 2025 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ދެއްކުމަށް އެކުލަބުން ވަނީ އެއްބަސްވެފައެވެ. މިގޮތުން އެއްބަސްވުމުގައި އެންމެ ފަހުން ބަޔާންކޮށްފައިވާ ފައިސާ ދައްކަން ޖެހެނީ 30 ޖޫން 2025 ގަ އެވެ.
މުސާރަ ފަސްކުރި ކުޅުންތެރިންގެ ތެރެއިން ބާސެލޯނާ އިން އެންމެ ބޮޑު އަދަދެއް ދައްކަންޖެހުނީ އެޓީމުގެ ކުރީގެ ކެޕްޓަން ލިއޮނަލް މެސީއަށެވެ. އެގޮތުން މުސާރައިގެ ގޮތުގައި މެސީއަށް ދޭންޖެހޭ 47.6 މިލިއަން ޔޫރޯގެ ތެރެއިން ބާކީ ނުދެވިހުރި 5.96 މިލިއަން ޔޫރޯ ކުޅުންތެރިޔާއެކު އެއްބަސްވެފައިވާ ގޮތުގެ މަތިން މިމަހުގެ 30 ގައި ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ