މެސީގެ މިއާމީ ކަޓުވާލައި ޕީއެސްޖީ ކްލަބް ވޯލްޑް ކަޕްގެ ކުއާޓާ އަށް މެސީގެ މިއާމީ ކަޓުވާލައި ޕީއެސްޖީ ކްލަބް ވޯލްޑް ކަޕްގެ ކުއާޓާ އަށް

އެޓަލަންޓާ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 29) - ލިއޮނަލް މެސީގެ ކެޕްޓަންކަމުގައި ކުޅޭ އިންޓަ މިއާމީ 4-0 އިން ބަލިކޮށް، އެ ޓީމު ކަޓުވާލައި، ޔޫރަޕްގެ ޗެމްޕިއަން ޕީއެސްޖީން މިހާރު ކުރިއަށްދާ ފީފާ ކްލަބް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.
މިއީ، މީގެ ދެ އަހަރު ކުރިން، ޕީއެސްޖީ ދޫކޮށްލި ފަހުން މެސީ، އޭނާގެ ކުރީގެ ކްލަބާ ދެކޮޅަށް ކުުޅުނު ފުރަތަމަ މެޗެވެ. މުޅި މެޗުގައި ވެސް މެސީ އަށް ގޯލެއް ޖަހަން ދެ ފުރުސަތެއް ލިބުނުއިރު، އޭރިއާތެރެއިން ބޮލުން ޖެހި ބޯޅަ ޕީއެސްޖީގެ ކީޕަރު، ޖިއަންލުއީޖީ ޑޮނަރުންމާ ވަނީ މަތަކޮށްފަ އެވެ. އަދި، ލިބުނު ހިލޭ ޖެހުމަކުން މެސީ ފޮނުވާލި ބޯޅަ ދިފާއީފާރުގައި ޖެހިފައި ވީ ބްލޮކެވެ.
މާސެޑީސް ބެންޒް ސްޓޭޑިއަމްގައި ކުޅުނު މެޗު ފަށައިގެން، ހަތަރު ވަނަ މިނިޓްގައި ޕީއެސްޖީން ލީޑުނެގި އެވެ. މި ލަނޑު ޖެހީ، ހަތަރު ވަނަ މިނިޓްގައި ހިލޭ ޖެހުމަކުން އޭރިއާތެރެއަށް ހުރަސްވި ބޯޅައަކުން ޖޮއާއޯ ނެވޭސް ބޮލުން ޖެހި ގޯލުންނެވެ. އަަދި، މެޗުގެ 39 ވަނަ މިނިޓްގައި، ޕީއެސްޖީގެ ފަބިއަން ރުއީޒް ދިން ބޯޅައެއް، ހުސްކޮށް އަރައި ގޯލަށް ފޮނުވާލައި، ޖޮއާއޯ ނެވޭސް އެ ޓީމަށް ލީޑުފުޅާކޮށްދިނެވެ.
މެޗުގެ 44 ވަނަ މިނިޓްގައި، ޕީއެސްޖީން ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައެއް މިއާމީގެ ޑިފެންޑަރު، ޓޯމަސް އަވީލެސް ގައިގައި ޖެހިފައި ބައިކޮޅަށް ވަދެ، އެ ޕީއެސްޖީން ލީޑުފުޅާކުރި އެވެ. އަދި، އޭރިއާތެރެއިން ލިބުނު ބޯޅައެއް ގޯލުގެ ތެރެއަށް ވައްދާލައި، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި، އަޝްރަފް ހަކީމީ ވަނީ ޕީއެސްޖީގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ.
ދެ ވަނަ ހާފުގައި އިތުރު ގޯލު ޖަހަން ޕީއެސްޖީ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުނުއިރު، އިންޓަ މިއާމީގެ ލުއިސް ސުއަރޭޒަށް މެސީ ދިން ބޯޅައެއް ރަނގަޅަށް ކޮންޓްރޯލް ނުކުރެވި ފުރުސަތު ގެއްލުނީ އެވެ.
ޕީއެސްޖީން ކުއާޓާ ފައިނަލުގައި ކުޅޭނީ ފްލަމެންގޯ ނޫނީ ބަޔާން މިއުނިކާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ