ޑިޖިޓަލް ނުރައްކާތައް ދެނެގަނެ، ކުށް މަދުކުރަން ސައިބާ ސެކިއުރިޓީ ސެންޓަރެއް ހުޅުވައިފި

ރާއްޖޭގައި ޑިޖިޓަލް ދާއިރާއިން ދިމާވެދާނެ ނުރައްކާތައް ދެނެގަނެ އެފަދަ ކުށްތައް މަދުކުރުމަށް ޚާއްސަ ސެންޓަރެއް، ސައިބާ ސެކިއުރިޓީ އޮޕަރޭޝަންސް ސެންޓަރު (ސީއެސްއޯސީ)ގެ ނަމުގައި މިއަދު އިފުތިތާހުކޮށްފިއެވެ. ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އެހީގައި ގާއިމުކުރި ސައިބާ ސެކިއުރިޓީ ސެންޓަރު އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޔޫއޭއީގެ ސައިބާ ސެކިއުރިޓީގެ އިސްވެރިޔާ ޑރ. މުޙައްމަދު އަލްކުވައިތީއާއި ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީނާއި ހޯމް މިނިސްޓަރު އަލީ އިހުސާން ބައިވެރިވެވަޑައިގެންނެވިއެވެ. އެ ރަސްމިއްޔާތުގައި ނަވީން ވިދާޅުވީ ސައިބާސެކިއުރިޓީ ސެންޓަރެއް ހުޅުވުމަކީ ދިވެހި ފުލުހުންނަށް ވަރަށް ތާރީޚީ ކަމެއް ކަމަށެވެ. "މިއީ ހަމައެކަނި ފެސިލިޓީއެއް ހުޅުވުމެއް ނޫން، އަޅުގަނޑުމެންގެ ގައުމުގެ ޑިޖިޓަލް ސްޕޭސް ރައްކާތެރިކުރުމުގެ އައު މަސައްކަތްތަކެއްގެ ފެށުން،" އޭނާ ވިދާޅުވިއެވެ. ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީނާއި ހޯމް މިނިސްޓަރު އަލީ އިހުސާނާއި ޔޫއޭއީގެ ސައިބަ ސެކިއުރިޓީގެ އިސްވެރިޔާ ޑރ. މުޙައްމަދު އަލްކުވައިތީ -- ފޮޓޯ/ ފުލުހުން ނަވީން ވިދާޅުވީ އެ ސެންޓަރު ފަރުމާކޮށްފައިވަނީ ސައިބާ ދާއިރާގައި ގައުމުގެ "ޝީލްޑް އެންޑް ވޮޗް ޓަވަރު"ގެ ގޮތުގައި ޚިދުމަތް ފޯރުކޮށްދީ، ޑިޖިޓަލް ސްޕޭސްގެ ނުރައްކާތައް ދެނެގަނެ، އެ ކަންކަމަށް އިޖާބަދީ، ހުއްޓުވައި، އެފަދަ ކުށްތައް މަދު ކުރުމަށް ކަމަށެވެ. މި ޒަމާނުގައި ގައުމީ ސަލާމަތާއި ރައްކާތެރިކަން ބިނާވެފައިވަނީ ހަމައެކަނި ޖިސްމާނީ ގޮތުން ފުލުހުން ކުރާ މަސައްކަތުގެ މައްޗަށް ނޫންކަމަށާއި، ފެންނަން ނުހުންނަ ސައިބާ ސްޕޭސްގެ ނުރައްކާތަކާ ކުރިމަތިލުމުގެ ގާބިލުކަން ވެސް މުހިންމު ކަމަށް ސީޕީ ވިދާޅުވިއެވެ. "މި ސެންޓަރުން ކަށަވަރުކޮށްދޭނީ ދިވެހިރާއްޖެއަށް ކުރިމަތިވާ ކޮންމެ ސައިބާ ނުރައްކަލަކާ ކުރިމަތިލުމަށް ފުރިހަމައަށް ތައްޔާރަށް، ތިބޭނެކަމަށް،" އޭނާ ވިދާޅުވިއެވެ. އެ ސެންޓަރު ގާއިމުކުރަން ޔޫއޭއީން އެހީވެފައިވާތީ އެއީ ދެ ގައުމުގެ ރަހުމަތްތެރިކަމުގެ ހެއްކެއްގެ ގޮތުގައި ނަވީން ސިފަކުރެއްވިއެވެ. އަދި ރާއްޖޭގެ ޑިޖިޓަލް ކުރިމަގު ރައްކާތެރިކުރުމުގެ މަސައްކަތަށް ޔޫއޭއީން ކުރާ އިތުބާރު ފާހަގަކުރައްވައި، އެ ގައުމުގެ އެހީއަށް ސީޕީ ޝުކުރު ދެންނެވިއެވެ. އެ މަޝްރޫއު ހަގީގަތަކަށް ހެއްދެވުމުގައި ވެދެއްވި އެހީތެރިކަމަށް މިނިސްޓަރު އިހުސާނަށް ވެސް ނަވީން ޝުކުރު އަދާކުރެއްވިއެވެ. https://sun.mv/209791 ޔޫއޭއީގެ ސައިބާ ސެކިއުރިޓީ ކައުންސިލުގެ އެހީތެރިކަމާ އެކު، އެންމެ ޒަމާނީ ވަސީލަތްތަކާއި ޚިދުމަތްތަކާ އެކު ގާއިމުކުރާ ޑާޓާ ސެންޓަރެއްގެ ބިންގާ ވެސް މިއަދު އަޅައިފައިވެއެވެ. އެ ޑާޓާ ސެންޓަރުން ފުލުހުންގެ މަސައްކަތްތައް ޑިޖިޓަލައިޒްކޮށް، ގާނޫނު ތަންފީޒުކުރުމުގެ ގާބިލުކަން އިތުރުކުރެވޭނެ ކަމަށް އެ މުއައްސަސާއިން ބުނެފައިވެއެވެ. ޑިޖިޓަލް ދާއިރާއިން ކުރާ ކުށްތަކުގެ ތެރޭގައި ޝަހުސު އޮޅުވާލައިގެން މީހުންގެ އަތުން ފައިސާ ހޯދުމާއި އެހެނިހެން ގޮތްގޮތަށް ވެސް ސްކޭމް ކުރުމާއި އެޕްތައް ހެކް ކުރުން ހިމެނެއެވެ. ރާއްޖޭގައި މިފަހުން އެފަދަ ކުށްތައް އިތުރުވެ، މަކަރާއި ހީލަތުން ފައިސާ އަތުލުމުގެ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ