ފަށްކުރުމެއް!: ޒަމްޒަމް ވަޅުކޮޅާ އެވަޅުކޮޅާއި ގުޅިފައިވާ އާދައާ ޚިލާފް ވާހަކަތަކެއް-

ޒަމްޒަމް ވަޅުކޮޅާއި ޒަމްޒަމްފެނާއި ބެހޭގޮތުން ބައެއް ކިޔުންތެރިން ސުވާލުކުރައްވަމުން ގެންދަވާތީ މި ގެނެސްދެނީ ގިނަ މަޢުލޫމާތުތަކެއް ހިމެނޭ ލިޔުމެކެވެ. ޒަމްޒަމް ވަޅުކޮޅުގެ ތަފާތު ވާހަކަތައް އަޑުއަހަމުއެވެ. ފުންކޮށްވިސްނައިގެން މިވާހަކަތައް ކިޔައިފިނަމަ ތިބާގެ އީމާންކަން އިތުރުވެގެންދާނެއެވެ. ޒަމްޒަމް ވަޅުކޮޅުގައިވަނީ ހަމައެކަނި ފެން ނޫންކަމާއި އިންސާނުންގެ ބުއްދިއަށް ވިސްނަން ވެސް ނުއެނގޭނެ އެތައް ބައިވަރު ކަންތައްތަކެއްވާކަން އެފެނާއި ގުޅިފައިވާ ޔަޤީންކުރެވޭނެއެވެ. އިން ޝާ ﷲ ޒަމްޒަމްފެން
އާދަޔާ ޚިލާފު ވާހަކަ ތަކެއް
ދުނިޔޭގައި ދިރުން ދެއްވެވި ﷲ އެބިމުގެ އަހުލުވެރިންނަށްޓަކައި ބާވައިލެއްވެވި އެންމެ ޚާއްޞަ އެއްނިޢުމަތަކީ މީރު ފެނުގެ އާރު. ރަސޫލު ބޭކަލުންގެ ބައްޕަ ކަމުގައިވި إبراهيم عليه السّلام ގެ ޢާއިލާއަށް ޚާއްޞަ ހަދިޔާއެއްގެ ގޮތުގައި ބާއްވައި ލެއްވުނު ފެނަކީ ޒަމްޒަމް ގެ ބަރަކާތްތެރި ފެން. އެފެނަކީ ހަނަފަސް ސަހަރާއެއްގެ ގޮތުގައި އޮތް މައްކާގެ ވާދީގައި ދިރުން ދެއްވެވުމަށްޓަކައި މުޢުޖިޒާތެއްގެ ގޮތުގައި ނެރުއްވެވި ފެނެއް.
ޒަމްޒަމް ފެނުގެ ޤަދީމީ ތާރީޚަށް އަވަސް ކަޅިއެއް ހިންގާލާއިރު إبراهيم عليه السّلام އެކަލޭގެފާނުގެ ވެރި ރަސްކަލާނގެ އަމުރުފުޅަށް ތަބަޢުވެ ވަޑައިގަތުމުގެ ގޮތުން އެކަލޭގެފާނުގެ ލޮބުވެތި އަނބިކަނބަލުން ހާޖަރާއި، ދަރިކަލުން އިސްމާޢީލްގެފާނު ގެންދަވާ މައްކާގެ ހަނަފަސް ވާދީގެތެރެއަށް ދޫކޮށްލެއްވި. އެއީ عيسى عليه السّلام ގެ މީލާދުގެ ގާތްގަޑަކަށް 2000 ވަރަކަށް އަހަރު ކުރި. އެދެމައިކަނބަލުންގެ ފުރާޣުގެ ގޮތުގައި ޖަނަވާރު ހަމުގެ ފެންހަމެއްގައި އޮތް ފެންފޮދަކާއި، ކަދުރުކޮޅެއް ދެއްވަވާފައި. އެކަދުރުކޮޅާއި، ފެންފޮދު ދާދި އަވަހަށް ހުސްވި. ދެން ހާޖަރާއި، އެކަމަނާގެ ލޮބުވެތި ދަރިކަލުން ޖެހިވަޑައިގަތީ ބަނޑުހައިކަމާއި، ކަރުހިއްކުމުގެ ވޭން ތަޙަންމަލް ކުރައްވަން. މިޙާލުކޮޅުގައި ނިހާއީ ބޭޤަރާރުކަމުގައި ހުންނަވައިގެން ހާޖަރު އެވާދީގެ ތެރޭގައި ދުވެވަޑައިގެންނެވި. އެކަމަނާގެ ދަރިކަލުން ބަނޑުހައި ފުޅު ކަމާ، ކަރުފުޅު ހިއްކުމުގެ ވޭނުގައި ކީރިތި ކުރައްވަމުން ގެންދެވިއިރު ޚުދު އެކަމަނާވެސް ހުންނެވީ ގަދަހޫނުގެ ސަބަބުން މީހަކަށް ތަސައްވަރުވެސް ކޮށްނުލެވޭފަދަ ޙާލުކޮޅެއް ޖެހިވަޑައިގެންފައި. އެދަނޑިވަޅުގައި އެއްވެސް އެހީތެރި ކަމުގެ ހިލަމެއް ވިޔަސް ފެނިވަޑައިގަންނަވާތޯ އެކަމަނާ ކައިރީގައިހުރި ޞަފާ ފަރުބަދައާއި، މަރުވާ ފަރުބަދަ އާއި ދެމެދުގައި ހިންގެވި. ތުއްޕުޅު އިސްމާޢީލްގެފާނު އޮންނެވި ތަނާ ދިމާއިން އެކަމަނާ އަށް އަޑެއް އިވިވަޑައިގަތީ ހަތްވަނަ ފަހަރަށް މަރުވާ ފަރުބަދައަށް އަރާވަޑައި ގަންނަވަނިކޮށް. އެދިމާލަށް ބެއްލެވުމުން އެކަމަނާއަށް ފެނިވަޑައިގަތީ جبريل ألْأَمِين އިސްމާޢީލްގެފާނު އޮންނެވި ދިމާއަށް ފައިބާވަޑައިގެންނެވި މަންޒަރު. ޖިބްރީލްގެފާނު އެކަލޭގެފާނުގެ ފުންނާބުފުޅުން ނުވަތަ ފިޔަފުޅުން ބިންމަތީގައި ޖެއްސެވި، ނުވަތަ ކޮންނެވި. އެކޮންނެވި ތަނުން ފައިދާވެ ކޯދުލާފައި އަރައިގެން އައީ ޒަމްޒަމްގެ ބަރަކާތްތެރި ފެން. ޒަމްޒަމްގެ ރަޙްމަތް ބާއްވައި ލެއްވިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި މައްކާ އާބާދުވި ދާދި ކުރު މުއްދަތެއްގެ ތެރޭގައި އެސަހަރު ޢަރަބިކަރައިގެ އެންމެ މުހިންމު ޝަހަރަކަށް ވެގެންދިޔަ. އިސްމާޢީލްގެފާނު އަވަހާރަވެ، އެކަލޭގެފާނުގެ ބޭބޭފުޅުންވެސް އަވަހާރަ ވުމަށްފަހު އޭރު މައްކާގައި ވެރިކަންކުރި ޖުރުހުމް ޤަބީލާގެ މީހުން، މައްކާގައި ފިތުނަފަސާދަ އުފައްދަން ފެށި. މައްކާގެ ކަންތައްތައް ބަދަލުވެގެން ދިޔަގޮތުން ޖުރުހުމް ޤަބީލާގެ މީހުން ޝަހަރުން ނިކުމެގެން ހިނގައިދާން ޖެހިދާނެ ކަމުގެ ނިޝާންތައް ފެންނަން ފެށި، ޖުރުހުމްގެ ވެރިޔާ ޒަމްޒަމް ވަޅުކޮޅަށް ފަސްއަޅާ ފޮރުވައިލި، އޭގެ ފަހުން އިތުރު رسُولُ اللهِ ﷺ ގެ ކާފާފުޅު ޢަބްދުލްމުއްޠަލިބު ބިން ޙާޝިމްގެ ދައުރާއި ހަމައަށް އެވަޅުކޮޅުގެ ޚަބަރު އޮތީ ވަންހަނާ ވެފައި، ނަމަވެސް ޢަބްދުލްމުއްޠަލިބުގެ ފާނަށް ހުވަފެންފުޅަކުން ލިބި ވަޑައިގެން އިޝާރާތަކާ ވިދިގެން އެވަޅުކޮޅު އަނެއްކާވެސް ކޮންނެވި. އެއީ އިތުރު رسُولُ اللهِ ﷺ އުފަންވެ ވަޑައިގަތުމުގެ 30 ހަކަށް އަހަރު ކުރިން. އޭގެފަހުން މިއަދާއި ހަމައަށްވެސް ޒަމްޒަމްގެ ބޭނުން ދަނީ ކުރެވެމުން.
ޢަބްދުލްމުއްޠަލިބުގެ ފާނުގެ ޒަމާނުގައި ޒަމްޒަމް ވަޅުކޮޅު ކޮންނެވުމަށް ފަހުވެސް އެވަޅުކޮޅު ހުރީ އާދައިގެ ވަޅެއްގެސިފައިގައި، ވަޅުކޮޅު ވަށައިގެން ހުރީ އާދައިގެ ހިލައިގެ ފާރެއް، ނަމަވެސް މީލާދީން 771 ވަނަ އަހަރުގައި ޢައްބާސީ ޚަލީފާ އަލްމަންޞޫރު ޒަމްޒަމް ވަޅުކޮޅަށް ހިޔާލިބޭ ގޮތަށް ޤުއްބެއް ބިނާ ކުރެއްވި. އޭގެފަހުން އެކި ދައުރުތަކުގައި މުސްލިމް ވެރިން ވަނީ އެވަޅުކޮޅު ހުންނަތަން ހިޔާ ކުރައްވާ ޒީނަތްތެރި ކުރެއްވުމަށްޓަކައި ޚާއްޞަ މަސައްކަތްތަކެއް ކޮށްފައި، ސަޢުދީ ޢަރަބިޔާގެ ރަސްކަން އުފެދުމަށްފަހު ސަޢޫދީ ރަސްރަސްކަލުން ވަނީ ޒަމްޒަމް ވަޅުކޮޅު ހުންނަ ސަރަޙައްދަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނަވާފައި، މިއަދު އެވަޅުކޮޅު ހާމައަށް ފެންނާކަށް ނުހުރޭ، ޒަމްޒަމް ވަޅުކޮޅު ހުންނަނީ ގެފުޅާއި ޖެހިގެންނޭ ބުނެވޭހާ ގާތުގައި، ޠަވާފުކުރާ ސަރަޙައްދުގައި މަޤާމް އިބްރާހީމްގެ ފަހަތުގައި، ޒަމާނުއްސުރެ ހާމަޔަށްހުރި އެވަޅުކޮޅު މިހާރު ހުންނަނީ ޠަވާފުކުރާ ސަރަޙައްދުގެ އަޑިއަށްވާގޮތަށް. އެންމެ ފުރަތަމަ ޒަމްޒަމް ވަޅުކޮޅުހުރީ އަތުން ކޮނެވިފައި، އާދައިގެ ގޮތަކަށް، އޭރު ޒަމްޒަމް ވަޅުކޮޅު މިހާރަށްވުރެ ތިލަ، ނަމަވެސް މިހާރު އެ ވަޅުކޮޅު ވަނީ ކުރިއަށްވުރެ ފުނަށް ކޮނެވިފައި، ސައުދީ ޖިއޮލޮޖިކަލް ސަރވޭގެ ބެލުމުގެ ދަށުން ޒަމްޒަމް ފެނާ ބެހޭ ކަންތައްތައް ބެލެހެއްޓުމަށްޓަކައި ޤާއިމްކޮށްފާ ހުންނަ މުއައްސަސާއެއް ކަމުގަވާ ޒަމްޒަމް ސްޓަޑީސް އެންޑް ރިސަރޗް ސެންޓަރގެ ވެބްސައިޓުގައި ވާގޮތުން މިހާރު ޒަމްޒަމް ވަޅުކޮޅުގެ ފުންމިނަކީ ގާތްގަނޑަކަށް 98 ފޫޓު. ވަޅުކޮޅުގެ ފުޅާމިން އެކި ހިސާބުތަކުގައި ތަފާތު، އެންމެ ހަނި ހިސާބުތަކުގައި ފުޅާމިނަކީ ގާތްގަނޑަކަށް 3.5 ފޫޓު. އެންމެ ފުޅާ ހިސާބުގައި ފުޅާމިނަކީ ގާތްގަނޑަކަށް 7 ފޫޓު. ވަޅުކޮޅުގެ ފެންގަނޑު ފެށެނީ ބިމުގެ ސަތަޙައިން ފެށިގެން 10.6 ފޫޓު އަޑީގައި.
ޒަމްޒަމް ފެނުގެ މަސްދަރަކީ ކޮބައިތޯ ނުވަތަ ޒަމްޒަމް ވަޅުކޮޅަށް ފެން އަންނަ އަސްލަކީ ކޮބާތޯ މީ ވަރަށްގިނަ ބަޔަކު ކުރާ ސުވާލެއް. ބައެއް ތަޙުޤީޤުތަކުން އިނގޭ ގޮތުގައި ޒަމްޒަމް ވަޅުކޮޅަށް ފެން އަންނަ އެއްމެ މުހިއްމު 1 ވަޞީލަތަކީ ވާދީއިބްރާހިމްގެ ހިލަދާނު. އަދި އޭގެއިތުރުން އެ ވާދީގެ ފަސްގަނޑުންވެސް ޒަމްޒަމް ވަޅުކޮޅަށް ފެން އާދޭ. ސައިންސީ ހޯދުމަކުން ފެން އަންނަ ދެ މަސްދަރަކީ މިއީކަމުގައި ދެންނެވިދާނެ، ނަމަވެސް ސައިންސް ގެ ލޮލަށް ނުފެންނަ ރޫޙާނީ މަސްދަރެއް މި ވަޅުކޮޅަށް ވާނަމަ އެކަމަކީ ސައިންސަށް ދެނެގަނެވޭނެ، އަދި ސައިންސަށް ދޮގުކުރެވޭނެ ކަމެއްވެސްނޫން. عبدالله ބިން عبّاس رضي الله عنه ރިވާކުރައްވާފައިވާ حديث ބަސްފުޅެއްގައި ވާގޮތުގައި ޒަމްޒަމް ގެ މަސްދަރަކީ ސުވަރުގޭގެ އާރުކޮޅުތަކުގެ ތެރެއިން އާރުކޮޅެއް. އަޅުގަނޑުމެންނަށް އިނގޭ ކަމަކީ އެ ވަޅުކޮޅުގެ ފެން ބޭނުންކުރެވޭ މިންވަރަށް ބަލާއިރު 1400 އަހަރު ވަންދެން ވަޅުކޮޅުގެ ފެން ހުސްނުވެ ހުރުމަކީ ސައިންސަށް ސަރަޙު ނުކޮށްދެވޭނެ ހަޤީޤަތެއްކަން. ޒަމްޒަމް ގެ މަސްދަރަކީ މައްކާގެ ބިމުގެ އަޑީގެ ހިލަދާން ނުވަތަ ފަސްގަނޑުގައި ހިމެނޭ ފެންފަށަލަ ކަމުގައިވާނަމަ ވަޅުގެ ފެން ބޭނުންކުރާ ނިސްބަތަށް ބަލާއިރު އެ ވަޅުކޮޅު ދޭތެރެދޭތެރެއިން ނަމަވެސް ފެން މުޅިން ހުސްވާންޖެހޭނެ. ނަމަވެސް އެކަން ވެފާ ވަނީ އެހެނަކުން ނޫން. ޒަމްޒަމް ގެ 4000 އަހަރުގެ ތާރީޚުގައިވެސް، އަދި އެވަޅުކޮޅުގެ ބޭނުން މެދުނުކެނޑި ކުރާތާ ވެފަވާ 1400 އަހަރުގެ ތެރޭގައިވެސް އެ ވަޅުކޮޅުގެ ފެން ހިނދިފައެއް ނުވޭ.
ޒަމްޒަމް ފެނަކީ ޚާއްސަ ފެނެއް. ބައެއް ތަޙުލީލުތަކުން ދައްކާގޮތުގައި ޒަމްޒަމް ފެނަކީ ސާފުތާހިރު ބޯފެނާއި ދާދި އެއްފަދަ ފެނެއް، ކުލައެއް ވަހެއް ނެތް ފެނެއް. ނަމަވެސް އެ ފެނުގައި ޚާއްސަ ރަހައެއް ހުރޭ. ފެނުގެ ހައިޑްރޯޖެން އެކްސްޕޯނެންޓަކީ 7.5. އެހެންކަމުން އެ ފެނުގެ އަލްކަލައިން ކޮލިޓީ އާދައިގެ ފެނަށްވުރެ މަތިކަން އިނގޭ. ބުނެވޭގޮތުގައި ޒަމްޒަމް ފެން އެމެރިކާގެ ލެބޯރަޓްރީ ތަކުގައިވެސް ޓެސްޓުކުރެފައިވޭ. އެ ޓެސްޓުތަކުން ދައްކާގޮތުގައިވެސް ޒަމްޒަމް ފެނަކީ އާދައިގެ ސާފު ބޯފެނާ ދާދި އެއްފަދަ، އެކަމަކު ސައިންސްގެ ލޮލަށްވެސް ފާހަގަކުރެވޭފަދަ ޚާސިއްޔަތެއް ލިބިފައިވާ ފެނެއް. މި ޓެސްޓުތަކުން ދައްކާގޮތުގައި ޒަމްޒަމް ފެނުގައި 30ހަކަށް ކެމިކަލްގެ އުންސުރުވޭ. އަދި ޒަމްޒަމް ފެނުގައި ކެލްސިއަމާއި މެގްނީޒިއަމް ސޯލްޓް ހިމެނޭ މިންވަރު އާދައިގެ ފެނާ އަޅާބަލާއިރު މަތި. ހަމައެހެންމެ ޒަމްޒަމް ފެނުގައި އާދައިގެ ފެނުގައި ހިމެނޭވަރަށްވުރެ ގިނައިން ސޯޑިއަމްވެސް ހިމެނޭ. މީގެ ނަތީޖާއަކީ ޒަމްޒަމް ފެނުން އިންސާނާގެ ހަށިގަނޑަށް ލިއްބައިދޭ ފައިދާތައްވެސް ގިނަގުނަވުން.
ޒަމްޒަމް ފެނުގައި ހިމެނޭ ޤުދުރަތީ ފްލޮރައިޑްވެސް އާދައިގެ ފެނަށްވުރެ ގިނަ. އެހެންކަމުން އާދައިގެ ފެނުގައި ދިރޭ ގިނަ ބާވަތްތަކުގެ ޖަރާސީމު އެ ފެނުގައި ނުދިރޭ. ސައިންސް ބުނާގޮތުގައި ކޮންމެ ފެންގަނޑެއްގައިވެސް އަދި ފެންވަޅެއްގައިވެސް ފެން ހުރެ ދުވަސްވާވަރަކަށް އަލްގޭ ނުވަތަ ވަޅުފެހި ފަދަ ދިރުންތައް ހެދޭނެ. މިފަދަ ދިރުންތަކުގެ ސަބަބުން ފެންގަނޑުގެ ވަހާއި ކުލައާއި ރަހަވެސް ތަޣައްޔަރުވެގެންދޭ. ނަމަވެސް ޢަރަބި ކަރާގެ ހޫނުގެ މާޙައުލުގައި، ވޭތުވެދިޔަ 1400 އަހަރުގެ ތެރޭގައި ޒަމްޒަމް ވަޅުކޮޅު އެގޮތުގައި ހުރި ހުރުން، މިދެންނެވި ބާވަތުގެ އެއްވެސް ކަހަލަ ދިރުމެއް އެވަޅުކޮޅުގެ އެއްވެސް ހިސާބެއްގައި އުފެދިފައި ނެތްކަން އެއީ ފެންނާންހުރި ހައިރާން ކުރުވަނިވި ޙަޤީޤަތެއް.
ފަހުގެ ތާރީޚެއްގައި ޒަމްޒަމް ވަޅުކޮޅުން ފެން ނެގުމަށް ވަޅުކޮޅޮގެ ދިޔަ މަދުވާ މިންވަރު ޓެސްޓުކުރުމަށްޓަކައި ސިކުންތަކު 8000 ލީޓަރުގެ ފެން ނެގޭ ޕަމްޕެއް ބޭނުންކޮށްގެން 24 ގަޑިއިރު ވަންދެން ފެން ނެގުނު. މިއީ ޖުމްލަ 691.2 މިލިއަން ލީޓަރުގެ ފެން. އެވަރަށް ފެން ނެގުންއިރު ވަޅުކޮޅޮގެ ދިޔަ ތިރިވެފައިވަނީ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައިގެ މިންވަރަށް. ޕަމްޕުކުރުން ހުއްޓާލުމަށްފަހު އެއްމެ 11މިނިޓުގެ ތެރޭގައި ކުރިންހުރިވަރަށް ވަޅުކޮޅުގެ ފެން ވަނީ އުފުލިފަ.
ޒަމްޒަމް ވަޅުކޮޅުގެ ވާހަކަ ދައްކާއިރު އަޅުގަނޑުމެން މި ދައްކަނީ ހަނަފަސް ސަހަރާއެއްގެ ތެރޭގަ ހުރި ވަޅެއްގެ ވާހަކަ. ބިޔަ ފެންގަނޑެއް، ނުވަތަ ކުޅިއެއް، ނުވަތަ ކޯރެއް ނުވަތަ ކަނޑުގެ އައްސޭރީގައި ހުރި ވަޅެއްގެ ވާހަކައެއްވެސް ނޫން. އެ ވަޅުކޮޅުގެ ފެން މެދުނުކެނޑި ބޭނުންކުރާތާ މިހާރު މިވަނީ 1400 އަށްވުރެ ގިނަ އަހަރު ވެފައި، މިހާރުވެސް ކޮންމެ ދުވަހަކު އެ ވަޅުކޮޅުން އެތައް މިލިއަން ލީޓަރެއްގެ ފެން ނެގޭ، ދުވާލަކު އެތައް މިލިއަން ލީޓަރެއްގެ ފެން ހަދިޔާއެއްގެ ގޮތުގައި ދުނިޔޭގެ ކަންކޮޅުތަކަށް ފޮނުވުމުގައިވެސް ބޭނުންކުރެވޭ. މަސްޖިދުލް ޙަރާމްގެ އިތުރުން މަދީނާގައި ހުންނަ މަސްޖިދުލް ނަބަވީއަށްވެސް އެވަޅުކޮޅުގެ ފެން ހުންނަނީ ގުޅާލެވިފައި. މި ދެމިސްކިތުން ދުވާލަކު އެތައް ހާސް ބަޔަކު ފެންބޮއި، ނަމަވެސް އެވަޅުކޮޅުގެ ފެން ހުހެއްނުވޭ. ޚުދު މައްކާގެ އެހެން ތަންތަނުގައި ކޮނެވޭ ފެންވަޅުތަކުގެ ފެންވެސް މުއްދަތަކަށްފަހު ހުސްވެގެންދޭ. ނަމަވެސް ޒަމްޒަމް ވަޅުކޮޅުގެ ފެން ހަމަ އެހުންނަނީ ހުންނަވަރަށް.
މުސްލިމުން ޤަބޫލުކުރާ ގޮތުގައި ޒަމްޒަމް ވަޅުކޮޅުގެ ފެނަކީ މުޤައްދަސް ފެނެއް. ޚާޞިޔަތު ލިބިގެންވާ ބަރަކާތްތެރި ފެނެއް. ޒަމްޒަމް ފެނަކީ ބަރަކާތްތެރި ފެނެއްކަން ކަށަވަރު ކޮށްދެއްވީ މަތިވެރި މާތް ނަބިއްޔާ މުޙައްމަދު رسُولُ اللهِ ﷺ . އެފެނަކީ ޝިފާއެއް ކަމުގެ ގެރެންޓީ ދެއްވެވީ ވެސް އެކަލޭގެފާނު. ޒަމާނީ ޑޮކްޓަރީ ބޭސްފަރުވާ ނުކުޅެދިފައިހުރި އެތައް ބައްޔަކަށް ﷲގެ އިޒްނަފުޅާއި އެކު މި ޒަމްޒަމްފެނުން ޝިފާ ލިބިފައިވުކަމަކީ، އަދި ލިބެމުންދާ ކަމީ ހެއްކެއް ޤަރީނާއެއް ދައްކަން ޖެހޭވަރަށް ވުރެ ބޮޑަށް ކޮންމެ ދުވަހަކު ތަޖުރިބާ ކުރެވެމުންދާ ޙަޤީޤަތެއް. އެހެންކަމުން ޒަމްޒަމްގެ ބަރަކާތްތެރި ފެނާމެދު މުސްލިމުން ޝައްކެއް ނުކުރޭ، ނުވެސް ކުރާނެ. އެފެންވަނީ 1400 އަހަރުވަންދެން މުއުމިނުންގެ ރޫޙާނީ އަދި މާއްދީ ކަރުހިއްކުން ފިލުވާދީފައި. މުސްލިމުންގެ ހިތްތަކުން ޚާއްޞަ މަޤާމެއް ޙާޞިލް ކޮށްފައި. ނަމަވެސް މި ޒަމްޒަމް ފެނުގެ ނިޢުމަތް ރައްކާތެރިކަމާއެކު މާދަމައަށްޓަކައި ބަހައްޓަން އަޅުގަނޑުމެން ބޭނުންނަމަ، އަޅުގަނޑުމެން ކުރަންޖެހޭ ކަންތައްތަކެއްވޭ. ކުރުގޮތަކަށް ދަންނަވާނަމަ އެކަމަކީ އެނިޢުމަތާމެދު ރައްކާތެރިވެ ފަރުވާތެރިވުން. އެހެނީ ކޮންމެ ނިޢުމަތަކީވެސް އިންސާނާގެ ކުފުރުވެރިކަމުގެ ސަބަބުން ނުވަތަ ޝުކުރުވެރި ނުވުމުގެ ސަބަބުން ނުވަތަ އިހުމާލުވުމުގެ ސަބަބުން ކިލަނބުކޮށް ނަގާލެވިދާނެ ނިޢުމަތްތަކެއް.
--މަސްދަރު: ނަޞޭޙަތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ