ރިޔާސީ ބަޔާން 2026: މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ދެ ދާއިރާއަކުން އެއް ފަހަރާ މަސައްކަތްކުރުމުގެ އިތުރުން، ޒިންމާދާރު ރައްޔިތެއްގެ ގޮތުގައި އުޅުމަށް ފޯރުކޮށްދޭންޖެހޭ ހުރިހާ ފުރުސަތެއް، ޒުވާނުންނަށް ފޯރުކޮށްދެވޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވި

ޤައުމުގެ އަމަންއަމާންކަމާއި ހަމަޖެހުން ޤާއިމްކޮށް ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ގޮތުން މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށްޓަކައި ދެ ދާއިރާއަކުން އެއްފަހަރާ މަސައްކަތްތަކެއް ކުރެވެމުންދާކަމަށާ، ޒިންމާދާރު ރައްޔިތެއްގެ ގޮތުގައި އުޅުމަށް ފޯރުކޮށްދޭންޖެހޭ ހުރިހާ ފުރުސަތެއް، ޒުވާނުންނަށް ފޯރުކޮށްދެވޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި، 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
މަސްތުވާ ތަކެއްޗާ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ގުޅިފައިވާ ކަމަށް ޤަބޫލު ކުރެވޭ، ގޭންގް ހަދައިގެން ކުށްކުރުމުގެ މައްސަލަ އަށް ދާއިމީ ޙައްލެއް ގެނައުމަކީ ވެސް މި ޤައުމުގައި ހަމަޖެހުމާއި އަމަންއަމާންކަމާއި ރައްކާތެރިކަން ޤާއިމްކުރުމަށް ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމުގައި ދެކެވަޑައިގަންނަވާކަމަށާއި، ޤާނޫނު ވުޖޫދު ކުރެވުނު ހިސާބުން ގޭންގު ހަރަކާތްތައް މަދުވެ، އެކަމުގެ ތެރޭގައި އުޅުނު ގިނަ ޒުވާނުން އެކަމުން ދުރުވާން މަސައްކަތްކުރާކަން ފާހަގަކުރެވޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިފަދަ ޒުވާނުންނަށް ސަރުކާރުން މަރުހަބާ ކިޔައި، ޒިންމާދާރު ރައްޔިތެއްގެ ގޮތުގައި އުޅުމަށް ފޯރުކޮށްދޭންޖެހޭ ހުރިހާ ފުރުސަތެއް ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
މަސްތުވާތަކެތީގެ ސަޕްލައި ނުވަތަ މަސްތުވާ ތަކެތި މުޖުތަމަޢު ތެރޭގައި ލިބެން ހުންނަ ހުރުން މަދުކުރުމާއި މަސްތުވާ ތަކެތީގެ ވަބާއިން ސަލާމަތް ކުރުމަށް ނުވަތަ ރިހެބިލިޓޭޓް ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާއި، މިހާތަނަށް ހޯދިފައިވާ ކާމިޔާބީތަކަށް ތަފްސީލީ ގޮތެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރިޔާސީ ބަޔާނުގައި އަލިއަޅުއްވާލައްވާފައެވެ. މި އޮޕަރޭޝަންތަކުގައި އަތުލައިގަނެވިފައިވާ ތަކެތީގެ ޖުމްލަ މަގުމަތީ އަގަކީ 2.3 ބިލިއަން ދިވެހި ރުފިޔާކަމަށާ، މިއީ ވޭތުވެދިޔަ 3 ދައުރަށްބަލާއިރުވެސް، ދައުރެއްގެ ފުރަތަމަ 2 އަހަރުގެ ތެރޭގައި އެންމެ ގިނަ މަސްތުވާތަކެތި އަތުލެވުނު 2 އަހަރުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަރުވާދީ، ހެޔޮގޮތުގައި މުޖުތަމަޢަށް އަނބުރާ ރުޖޫޢަވެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމަށް ޚާއްޞަ އިސްކަމެއްދެއްވާކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރީހެބިލިޓޭޝަން ޕްރޮގްރާމްތަކަށްވެސް އަލިއަޅުއްވާލައްވާފައެވެ. ޑްރަގް ރީހެބިލިޓޭޝަން ފަރުވާގެ ތެރޭގައި ދީނީ ގޮތުން ފިލާވަޅުތައް ނަގައިދިނުމުގެ ކަންކަން މިހާތަނަށް އެކަށީގެންވާ މިންވަރަކަށް ނެތުމުގެ ސަބަބުން، ފުރިހަމަ އިސްލާމީ ތަރުބިއްޔަތުގެ ފިލާވަޅުތައް ޑްރަގް ރީހެބިލިޓޭޝަން ޕްރޮގްރާމްގެ ރަސްމީ ބަޔަކަށް ހެދުމަށްޓަކައި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ހިންގާ ރިސާލަތު ޕްރޮގްރާމް އެ މިނިސްޓްރީގެ ފަރާތުން ޑްރަގް ފަރުވާ ލިބިގަންނަ ކުދިންނަށް ހިންގައިދިނުމަށް މިހާރު ހަމަޖެހި، މިއަހަރުގެ މެއި މަހުގެ ތެރޭގައި ފެށޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ހަމަމިއާއެކު، ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އޯޕަން ޕްރިޒަން އައިލެންޑް ކޮންސެޕްޓުގައި، މުޅިރަށަކީ ޖަލެއްގެ ގޮތުގައި ކަނޑައަޅާ، އެރަށުގައި ގައިދީންނަށް ދިރިއުޅެވި، މަސައްކަތްތައް ކުރެވޭ ގޮތަށް، ރީހެބިލިޓޭޝަނަށް ފޯކަސްކޮށްގެން ރަށެއް ތަރައްޤީކުރުމަށް ނިންމައި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާ ހަވާލުކޮށްފައިވާނޭކަމާއި، މިޖަލު ގާއިމްކުރުމަށް ކުރަންޖެހޭ އުމްރާނީ މަސައްކަތްތައް މި އަހަރުގެ މެދުތެރޭގައި ފަށައި، މިއަހަރުގެ ނިޔަލަށް އެތަނަށް ގައިދީން ލުމަށް ރާއްވަވާފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަސްތުވާ ތަކެއްޗާއި މަރާމާރީއާއި، ގޭންގް ކުށްތަކާއި އެހެނިހެން ނުރަނގަޅު ޢަމަލުތަކުން ޒުވާނުންނާއި ކުޑަކުދިން ސަލާމަތްކޮށް ފައިދާހުރި، ބޭނުންތެރި ބަޔަކަށް އެ ޒުވާނުންނާއި ކުޑަ ކުދީން ހެދުމަކީ ދައުލަތަކުން އުފުލަންޖެހޭ ޒިންމާއެއްކަމަށެވެ. އެގޮތުން އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭ ދާއިރާއަކީ ޒުވާނުންގެ ތަރުބިއްޔަތުކަން ފާހަގަކުރައްވައި، ރިޔާސީ ބަޔާން ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މާދަމާ މި ލޮބުވެތި ވަޠަން ދަތުރުކުރާނީ މިއަދުގެ ޒުވާނުން އަމާޒު ހިފި މިޞްރާބަކަށް، އެ ޒުވާނުންގެ ހަކަތައިންކަމަށެވެ. އެހެންކަމުން، ޒަމާންތަކެއް ވަންދެން ޒުވާން ޖީލަށް އަޅައިނުލެވި އޮތް އޮތުން ނިމުމަކަށް ގެނެސް، ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށް މިސަރުކާރުން ފެށި ޚާއްޞަ މަސައްކަތެއްކަމަށްވާ ދިވެހި ވަޠަނީ ޙަރަކާތުގެ ތަމްރީނު ޕްރޮގްރާމްގެ ފުރަތަމަ ބެޗުން 344 ޒުވާނުން ތަމްރީނުވެ 2025 ޑިސެމްބަރ 28 ވަނަ ދުވަހު ދަސްވެނިވެފައިވާއިރު، 2 ވަނަ ބެޗުގެ ދަރިވަރުން ތަމްރީނަށް ފުރާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ހަމަމިއާއެކު، ޒުވާނުން މުނިފޫހިފިލުވުމާއި އާޓްސް ދާއިރާއިން ފަންނުވެރިންގެ ހުނަރު ތަރައްގީކުރުމާއި، މަދަނީ ޖަމްޢިއްޔާތައް ބާރުވެރިކުރުމާއި، ޒުވާނުންގެ މެދުގައި ކިޔުމާއި އުނގެނުމުގެ ރޫޙު އަށަގެންނަވުމަށްޓަކައި، ޔޫތު ހަބް ހުޅުވައި އެތަނުގައި ތައްޔާރުކުރެވިފައިވާ ފެސިލިޓީތަކުން ފޯރުކޮށްދޭ ތަފާތު އެކިއެކި ޕްރޮގްރާމްތަކުގެ ޚިދުމަތް ޒުވާނުން ހޯދަމުންދާކަން އެމަނިކުފާނުގެ ބަޔާނުގައި ފާހަގަކުރެއްވިއެވެ.
އަދި، ޒުވާނުން ބާރުވެރިކުރުމުގެ ގޮތުން ފަންނިއްޔާތުގެ ދާއިރާއިން ޒުވާނުން ތަމްރީންކުރުމަށާއި، ނެޝަނަލް ޔޫތު ކޮންފަރެންސެއް ބޭއްވުމަށާއި، އެކި ރަށްރަށުގެ އެކި ދާއިރާތަކުން ޒުވާނުން ހިމެނޭހެން ޔޫތު ޕާލިމަންޓެއް އުފެއްދުމަށް ހަމަޖެހިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ޒުވާނުންގެ ބައިވެރިވުމާއި ޝާމިލްވުން އިތުރުކުރުމަށްޓަކައި ސަރުކާރުގެ ވުޒާރާތަކުން ހިންގާ އެކިއެކި ކަންކަމުގައި ޒުވާނުންގެ ޚިޔާލު ހޯދުމުގެ މަސައްކަތް ފެށުމާއެކު، ޒުވާނުންނަށް އަމާޒުކޮށްގެން ރީ އިންޓަގްރޭޝަން ހަރަކާތްތައް ފެށޭނެކަމަށާއި، ކުށުގެ ވެށިން ޒުވާނުން ސަލާމަތްކޮށް ހަރުކަށި ފިކުރު ނައްތާލުމަށްޓަކައި ޒުވާނުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުވުމުގެ ޚާއްޞަ ޕްރޮގްރާމެއް ފެށުމަށް ނިންމަވާފައިވާނެކަންވެސް އެމަނިކުފާނުގެ ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ