ފައިސާ ޗާޕުކުރަނީ މުސާރަ ދޭނެ ގޮތެެއް ނެތިގެން: ޝަމްހީދު ފައިސާ ޗާޕުކުރަނީ މުސާރަ ދޭނެ ގޮތެެއް ނެތިގެން: ޝަމްހީދު

ސަރުކާރުން ފައިސާ ޗާޕުކުރަން ފެށީ ސިޔާސީ ބޭނުމަށް އުފައްދާފައިވާ އެތައް ހާސް ވަޒީފާއަކަށް މުސާރަ ދޭނެ ފައިސާ ދައުލަތުގައި ނެތުމުން ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.
ޕެންޝަން އޮފީހުން ގަނެފައިވާ ބޮންޑުތަކެއް އެމްއެމްއޭއަށް ވިއްކާލުމަށްފަހު، އެ ފައިސާ ފިނޭންސް މިނިސްޓްރީގެ އާ ބޮންޑަކަށް އިންވެސްޓުކުރާ ގޮތަށް ހިންގަން އުޅޭ 2.4 ބިލިއަން ރުފިޔާގެ މުއާމަލާތް ކުރިއަށް ގެންދަން ޕެންޝަން އޮފީހުގެ ބޯޑުން ރުހުން އިއްޔެ ވަނީ ރުހުން ދީފަ އެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި ޝަމްހީދު ވަނީ އެ ނިންމުމާ މެދު ރައްޔިތުން އަމިއްލައަށް ސުވާލު ކުރުމަށް އެދިފަ އެވެ. "ޗާޕުކުރުން ދެންދާނީ ބާރަށް ކުރިއަށް" ކަމަށް ޝަމްހީދު ވިދާޅުވި އެވެ.
"ބިލްތަކަށް ފައިސާ ދައްކާނެ އެހެން ގޮތެއްނެތީ، ބަހަމުންދާހާ ވަޒީފާތަކަށް މުސާރަ ދޭނެ ގޮތެއް ނެތީ. ދިވެހި ދައުލަތުގެ ފައިސާ އަކީ، ތިމާމެންގެ ޕާޓީގެ ހަރުމުދަލަށްވެ، ޕާޓީއަށް ފައިސާ އާއި ވޯޓު ހޯދުމުގެ ބޭނުމުގައި ދައުލަތުގެ މާލިއްޔާ ބޭނުން ކުރަން ފެށުމުގެ ނަތީޖާއަކީ، މިއަދު މުސާރަ ދޭނެހާ ފައިސާ ވެސް ދައުލަތުގައި ނެތުން،" ޝަމްހީދު ލިޔުއްވި އެވެ.
ޕެންޝަން އޮފީހުން މި މުއާމަލާތަށް ފައިސާ ހޯދަނީ ހިންގަނީ ކުރިން ގަނެފައިވާ ބޮންޑުތަކެއް، އެމްއެމްއޭއަށް ވިއްކާލައިގެންނެވެ. އެމްއެމްއޭއިން ލިބޭ ފައިސާ ޕެންޝަން އޮފީހުން އިންވެސްޓު ކުރަނީ ސަރުކާރުން ވިއްކާ ދިގު މުއްދަތުގެ ބޮންޑަކަށެވެ.
ތިން ފަރާތް ބައިވެރިވާ ބޮންޑު ވިއްކުމުގެ މުއާމަލާތާ ގުޅިގެން މިހާތަނަށް ސަރުކާރާއި ޕެންޝަން އޮފީހާއި އެމްއެމްއޭއިން ރަސްމީކޮށް އެއްވެސް ބަހެއް ނުބުނެ އެވެ. ނަމަވެސް ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ ބައެއް މީޑިއާތަކުން ވަނީ މިއީ ފައިސާ ޗާޕުކުރުން ނޫން ކަމަށް ބުނެ މައުލޫމާތު ދީފަ އެވެ.
ނަމަވެސް މި ނޫހުން ވާހަކަ ދެއްކި ފަންނީ މާހިރުން ބުނި ގޮތުގައި، މި މުއާމަލާތަށް އެމްއެމްއޭއިން ފަންޑުކުރަނީ އެމްއެމްއޭގައި ނެތް ރިޒާވެއް ބޭނުންކޮށްގެންނެވެ. މި ހާލަތުގައި އިގުތިސޯދުގައި ދައުރުވާ ފައިސާ އިތުރުވެ އެވެ. އަދި މި މުއާމަލާތުގައި ފައިސާ ޗާޕުކުރުމުގެ ހުރިހާ ސިފައެއް ހަމަވާ ކަމަށް މި ނޫހަށް މައުލޫމާތު ދިން މާހިރުން އިއްތިފާގު ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ