އޭޑީކޭ ހޮސްޕިޓަލުން 13 ބުރީގެ އާ އިމާރާތެއް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އޭޑީކޭ ހޮސްޕިޓަލުން 13 ބުރީގެ އާ އިމާރާތެއް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އޭޑީކޭ ހޮސްޕިޓަލް ތަރައްގީކުރުމުގެ ހަތަރުވަނަ ފިޔަވަހީގެ ދަށުން، 13 ބުރީގެ އާ އިމާރާތެއް ބިނާކުރުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މިއީ އޭޑީކޭ ހޮސްޕިޓަލުގެ ހިދުމަތްތައް ފުޅާކޮށް، ދިގު މުއްދަތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
އޭޑީކޭ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި، މި އެއްބަސްވުމުގައި އޭޑީކޭގެ ފަރާތުން ސޮއިކުރެއްވީ އެ ހޮސްޕިޓަލުގެ ޗެއާމަން އަދި ސީއީއޯ އަހުމަދު ނާޝިދު އެވެ. މި މަސައްކަތް ހަވާލުކުރި ބައިނަލްއަގުވާމީ ކުންފުނި، ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއާމަން ޒޫ ވެއިޑޮންގް އެވެ. ރޯޓައިމް އަކީ ދުނިޔޭގެ އެކި ގައުމުތަކުގައި ސިއްހީ އުމްރާނީ ވަސީލަތްތައް ބިނާކުރުމުގެ ބޮޑު ތަޖުރިބާއެއް ލިބިފައިވާ ކުންފުންޏެކެވެ.
މި ރަސްމިއްޔާތުގައިއޭޑީކޭގެ ޑައިރެކްޓަ އޮފް ސްޓްރެޓެޖީ އެންޑް އިނޮވޭޝަން އަދީލް ޝަރީފު ވިދާޅުވީ، އޭޑީކޭއިން ގައުމަށް ހިދުމަތްކުރާތާ 39 އަހަރު ފުރެން ގާތްވެފައިވާއިރު، މި މަޝްރޫއަކީ ހިދުމަތަށް އޮތް ޑިމާންޑާ އެއްވަރަށް ހޮސްޕިޓަލުގެ ގާބިލްކަން އިތުރުކުރުމަށް ފެށި މަސައްކަތެއް ކަމަށެވެ. އަދި މި އައު އިމާރާތަކީ ރާއްޖޭގެ ސިއްހީ ދާއިރާގައި ދެމެހެއްޓެނިވި ގޮތެއްގައި އުމްރާނީ ތަރައްގީ ގެނައުމުގެ ނަމޫނާއަކަށް ވެގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި މަޝްރޫއުގެ ޕްލޭނިން އަދި އިވެލުއޭޝަން މަރުހަލާގައި ގެޑޯ ކޮންސަލްޓިން އާއި އެޕޮކް އެސޯސިއޭޓްސްގެ ފަންނީ އެހީތެރިކަން ލިބިފައިވާއިރު، ފަސްޓް ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަނާއި ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުން ލިބުނު އެއްބާރުލުން އޭޑީކޭއިން ވަނީ ފާހަގަކޮށްފައެވެ.
ރޯޓައިމްގެ ޗެއާމަން ޒޫ ވެއިޑޮންގް ވިދާޅުވީ، މިއީ އެ ކުންފުނިން މާލޭގައި ކުރިއަށްގެންދާ ސިއްހީ ދާއިރާގެ ފުރަތަމަ ބޮޑު މަޝްރޫއު ކަމަށާއި، އޭޑީކޭއިން އެ ކުންފުންޏަށް ކުރި އިތުބާރަށް ޝުކުރު އަދާކުރާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ