އަންނަ އަހަރު އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ހދ. ހިރިމަރަދޫ މީހުން ވޯޓުލާނެ އިންތިހާބީ ދާއިރާއަކީ ހދ. ހަނިމާދޫ ކައުންސިލް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން މިއަދު ކަނޑައަޅުއްވައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު 2026 ގެ ތާރީހަކީ ހިރިމަރަދޫގެ ރަށްވެހިން އެ އަތޮޅުގެ ހަނިމާދޫއަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ މަރުހަލާގެ ތެރޭގައި ހިމެނޭ ތާރީހެވެ.
އެހެންކަމުން ރައީސް މިއަދު ނެރުއްވި ގަރާރުގައި ވިދާޅުވީ މި އިސްލާހު ގެނައުމުގެ ބޭނުމަކީ، އިލެކްޝަންސް ކޮމިޝަނުން ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ އެކުލަވައިލާއިރު، މީހުން ދިރިއުޅޭ އެއްވެސް ރަށެއް، ފަޅުރަށެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅައި، އެ ރަށުގެ ރަށްވެހިން އެހެން ރަށަކަށް ބަދަލުކުރާ ހާލަތުގައި، އެފަދައިން ބަދަލުވީ ރަށުގެ ރަށްވެހިންގެ އިންތިހާބީ ދާއިރާ ކަމުގައި އިލެކްޝަންސް ކޮމިޝަނުން ބަލަންވާނީ އެ މީހުން އަލަށް ބަދަލުކުރެވުނު ރަށްކަމަށް ބަޔާންކޮށްފައިވާތީ، ހިރިމަރަދޫގެ ރައްޔިތުންގެ އިންތިހާބީ ދާއިރާއަކީ އެ އަތޮޅުގެ ހަނިމާދޫކަމުގައި ބެލުމަށް މަގުފަހިކޮށްދިނުން ކަމަށެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ ލިސްޓުން ހިރިމަރަދޫ އުނިކޮށް، އެ ލިސްޓު މިހާރު އަޕްޑޭޓު ކޮށްފައިވާ ކަމަށެވެ. ނަމަވެސް، އިސްލާހު ކުރި ލިސްޓަށް އަމަލުކުރާނީ ހިރިމަރަދޫ މީހުން ހަނިމާދޫގައި އާބާދުކޮށް ރަޖިސްޓަރީކޮށް ނިމުމާ އެކު، އެކަން ސަރުކާރުން އާންމުކޮށް އަންގައި އިއުލާންކުރާ ތާރީހުން ފެށިގެން ކަމަށް ގަރާރުގައިވެ އެވެ.
ރައީސްގެ މި ގަރާރާއެކު ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ހިރިމަރަދޫ މީހުން ވޯޓުލާނީ ހަނިމާދޫ ކައުންސިލްގެ މެންބަރުން ހޮވުމަށެވެ.
ހިރިމަރަދޫ މީހުން ވޯޓުލާނެ އިންތިހާބީ ދާއިރާއަކީ ހަނިމާދޫ ކަމަށް ރައީސް ކަނޑައަޅުއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ