އިތުރު މާކެޓުތައް މެދުވެރިކޮށް ރާއްޖެއަށް މުދާ ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވަނީ ރާއްޖެއަށް މުދާ އެތެރެކުރުމާއި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ.
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ރާއްޖޭއަށް އަސާސީ ކާބޯތަކެތީގެ ބާވަތްތައް ލިބުމުގެ ދަތިކަން ކުރިމަތިވެދާނެ ކަމުގެ ބިރު އޮތްކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.
މިކަމަށް އިޝާރާތްކުރައްވާ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ރާއްޖެއަށް އެތެރެކުރާ އަސާސީ ކާބޯތަކެތި ހުއްޓުމެއް ނެތި އަދި އެއްވެސް ދަތިކަމެއް ނެތި ރާއްޖެއަށް އެތެރެކުރުމަށް މުހިންމު މަސައްކަތްތަކެއް ސަރުކާރުން ކުރަމުންދާ ކަމަށެވެ.
ރާއްޖެއަކީ މުދާ އިމްޕޯޓުކުރާ ޤައުމެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އެހެނިހެން މާކެޓްތަކުވެސް ރާއްޖެއަށް މުދާ އެތެރެކުރުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަަމަށެވެ. އެގޮތުން އިންޑޮނޭޝިއާއި އޮމާންއިން ކުރިން ނުގެންނަ ވަރަށް މިހާރު މުދާ ގެންނަމުންދާކަމަށެވެ. އަދި ޗައިނާ-ރާއްޖެ މިނިވަން ފިޔަފާރި އެއްބަސްވުމުގެ ދަށުންވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ޗައިނާއަކީ ހުރިހާ ބާވަތެއްގެ މުދާ އެތެރެކުރާ ޤައުމެއްކަމަށެވެ. ޚާއްސަކޮށް ކޮމާޝަލް ސެކްޓަރާ ދެމެދު އޮތް ޔަގީންކަމަކީ ބޭނުން އިރަކު ބޭނުން ބާވަތެއް އެތެރެކުރެވޭނެކަންކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު އިތުރަށް ވިދާޅުވީ، މެލޭޝިއާ، އިންޑޮނޭޝިއާ، ތައިލަންޑު އަދި ކެމްބޯޑިއާ މި ސަރަޙައްދުތަކުގައި ވިޔަފާރީގެ ދާއިރާ ވަރުގަދަކޮށް އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
"މީގެ ކުރިން މަސައްކަތް ނުކުރާ އެހެން މާކެޓްތަކާއި އެއްކޮށްވެސް މަސައްކަތް އެބަ ކުރަން. މިސާލަކަށް އެފްރިކާގެ ބައެއް ޤައުމުތަކާއި އެއްކޮށްވެސް ކަންކަމުގައި ކުރިއަށްދާން ވިސްނަން. ކަނޑުމަގުންނާއި ވައިގެމަގުން ލިންކުތަކެއް އެޅެން އެބަޖެހޭ. އެމަސައްކަތްވެސް މިނިސްޓްރީ އޮފް ޓްރާންސްޕޯޓާއެކު އެބަ ކުރިއަށް ގެންދަން. އެފްރިކާގެ ވަރަށް ފުޅާ އޭވިއޭޝަން ނެޓްވޯކުތައް އެބަހުރި. އެނެޓްވޯކްތަކުން ރާއްޖެއަށް ކަނެކްޝަން ފެށޭކަމުގައިވާނަމަ އެކަމުން އުފެދޭނެތާ ސްޕޭސް. އެއަރލައިންތަކުން ކާގޯ ސްޕޭސްކަމުގައިވިއަސް. އެދެބައި އެއްކޮށްދިޔާމަ ސަސްޓެއިންކުރަން ފަސޭހަވާނެ" ވަޒީރު ސައީދު ވިދާޅުވިއެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ ވިޔަފާރީގެ ދާއިރާ ކުރިއަރުވަން ކުރެވުނު މަސައްކަތުގެ ދަށުން ތައިލެންޑާއެެކު ކޮމާޝަން އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާކަމަށެވެ. މިއާއެކު ތައިލަންޑު ހިމެނޭހެން އިތުރު މާކެޓުތަކާއެކު ދުރުރާސްތާ ޕްލޭންއަކަށް މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
އިތުރު މާކެޓުތައް މެދުވެރިކޮށް ރާއްޖެއަށް މުދާ އެތެރެކުރުމަށް މަސައްކަތްކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ