މިލާން (މާޗް 24) - އިޓަލީން މި އަހަރުގެ ފީފާ ވޯލްޑް ކަޕަށް ކޮލިފައިވުމަށްޓަކައި، ޕްލޭއޮފްގައި ކުޅެން ތައްޔާރުވަމުން އަންނައިރު، މިއީ، އިޓަލީން އެންމެ ފަހުން ބޭއްވި ދެ ވޯލްޑް ކަޕަށް ކޮލިފައިނުވުމުގެ ހަނދާންތަކުގެ ވާހަކަ ދައްކައި، އޭގެ ހަނދާން އާ ކުރަންވީ ވަގުތެއް ނޫން ކަމަށް އިޓަލީގެ ކޯޗު ޖެނާރޯ ގަޓޫސޯ ބުނެފި އެވެ.
އެންމެ ފަހުން ބޭއްވި ދެ ވޯލްޑް ކަަޕަށް ވެސް އިޓަލީ ކޮލިފައިނުވެ އެެވެ. ކުރިން ދެ ފަހަރެކޭ އެއްގޮތަށް މި ފަަހަރު ވެސް އިޓަލީ ކުޅެން ޖެހިފައި މި ވަނީ ކޮލިފައިން ޖާގައެއް ސީދާ ނުލިބުމުން ޕްލޭއޮފްގަ އެވެ. ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ކޮލިފައިން ޕްލޭއޮފުން އިޓަލީ ކެޓީ ސްވިޑެން އަތުން 1-0 އިން ބަލިވެގެންނެވެ. އަދި، ގަތަރުގައި، 2022 ގައި ބޭއްވި ވޯލްޑް ކަޕުން ވެސް އިޓަލީ އަށް ފުރުސަތު ގެއްލުނީ ކޮލިފައިން ޕްލޭއޮފްގައި ބަލިވުމުންނެވެ. ނޯތު މެސެޑޯނިއާ އިން، 1-0 އިން އިޓަލީ ބަލިކުރި ގޯލު ޖެހީ އިތުރު ވަގުތުގައި އަލެކްސަންޑަ ޓްރަޖޯވްސްކީ އެވެ.
މި ފަހަރުގެ ޕްލޭއޮފްގައި އިޓަލީން ފުރަތަމަ ކުޅެން ޖެހޭނީ އަންނަ ބުރާސްފަތި ދުވަހުގެރޭ ނޮދަން އަޔަލެންޑާ ދެކޮޅަށެވެ. އެ މެޗުން މޮޅުވެއްޖެނަމަ، ވޯލްޑް ކަޕްގެ ޖާގަ އަކަށް ޕްލޭއޮފްގެ ޕެތު އޭގެ ފައިނަލުގައި ކުޅެން ޖެހޭނީ، ވޭލްސް އާއި ބޮސްނިއާ ތެރެއިން ޓީމަކާ އެވެ.
ގަޓޫސޯ ބުނީ، މި ވަގުތަށް އިޓަލީން ވިސްނަންވީ ހަމަޖެހިގެން ތިބުމަށް ކަމަށެވެ.
"ތެދެއް، އިޓަލީން މިދިޔަ ދެ ވޯލްޑް ކަޕްގައި ކުޅެފައިނުވޭ ކޮލިފައިނުވާތީ. އެކަމަކު، މިއީ އެ ވާހަކަތައް ދައްކައިގެން ހާސްކަމެއްގެ ތެރެއަށް ދާންވީ ވަގުތެއް ނޫން. އަހަރެމެންގެ އެބަތިބި ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި ކުޅުންތެރިންނާއި ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވެސް ކުޅުނު ކުޅުންތެރިން. އެެހެންވީމަ، ޕްރެޝަރު މެޗުތަކުގައި ކުޅެން އެ މީހުންނަށް އެނގޭނެ،" ގަޓޫސޯ ބުންޏެވެ.
ގަޓޫސޯ ބުނީ ފަރުވާކުޑަކޮށްލައިގެން އަތް ދޫކޮށްލެވޭނެ އެއް ކަމެއް ވެސް ނެތް ކަމަށެވެ. އަދި، އިޓަލީން ކޮލިފައިން ޕްލޭއޮފަށް ނުކުންނަން ޖެހޭނީ އެއްވެސް ބަހަނާއެއް ދެއްކުމެއް ނެތި މެޗުން މޮޅުވުމުގެ ފުރިހަމަ ފޯކަސްއެއް ބަހައްޓައިގެން ކަމަށް ގަޓޫސޯ ވަނީ ބުނެފަ އެވެ.
އިޓަލީން ޕްލޭއޮފަށް ނެގި ޕްރިލިމިނަރީ ސްކޮޑުގައި ވަނީ، ދެ އަހަރަށް ފަހު ލިވަޕޫލްގެ ފޯވާޑް، ފެޑެރީކޯ ކިއޭސާ ހިމަނައިފަ އެވެ.
އެކަމަކު، ފައިނަލް ސްކޮޑު ނަގަން ފިޒިކަލް ޓެސްޓްތައް ހެދުމަށް ފަހު، ކިއޭސާ ވަނީ ޓީމުން ބާކީކޮށްފަ އެވެ. އެއީ، ކިއޭސާ ވެސް އެދިގެން އެއްކޮށް ފިޓްނޫން ކަމަށް ދައްކާތީވެ، ނިންމި ނިންމުމެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ގަޓޫސޯ ބުނީ ޗެލެންޖިން މެޗުތަކަކަށް ނުކުންނައިރު، ފިޒިކަލީ ތައްޔާރު ނޫން ކުޅުންތެރިއަކު ސްކޮޑުގައި ބެހެއްޓުން ވެގެންދާނީ ބޭކާރު ކަމަކަށް ކަމަށެވެ.
ގަޓޫސޯ ބުނީ މިއީ އިޓަލީން ކުރީގެ ދެ ވޯލްޑް ކަޕްގެ ހަަނދާން ކުރަންވީ ވަގުތެއް ނޫން ކަމަށް ގަޓޫސޯ ބުނީ މިއީ އިޓަލީން ކުރީގެ ދެ ވޯލްޑް ކަޕްގެ ހަަނދާން ކުރަންވީ ވަގުތެއް ނޫން ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ