ހުސްވި 2025 ވަނަ އަހަރުގެ ޑިސެމްބަރ 31ގެ ނިޔަލަށް ދައުލަތުގެ ބަޖެޓަށް ލިބުނު އާމްދަނީ އާއި ޚަރަދުތައް ދައްކުވައިދޭ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ދައްކާގޮތުގައި، ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެ، ޖުމްލަ ޚަރަދުތައް ކުޑަވުމާ ގުޅިގެން ދައުލަތުގެ އޯވަރޯލް ޑެފިސިޓް ވަނީ 2024 ވަނަ އަހަރާ އަޅައިބަލާއިރު 9.6 ބިލިއަން ރުފިޔާއިން ދަށްވެފައެވެ.
މިއީ ކުރީ އަހަރާ އަޅައިބަލާއިރު 73.5 އިންސައްތައިގެ ދަށްވުމެކެވެ.
ނިމިދިއަ އަހަރު މައިގަނޑުގެތެއްގައި ކުރިއެރުން ލިބިފައިވާ ދާއިރާތަކުގެ ތެރޭގައި:
ފަތުރުވެރިކަމުގެ ދާއިރާއިން ލިބުނު އާމްދަނީއާއެކު މުޅި ޖުމްލަ އާމްދަނީ އިތުރުވެއްޖެ
ޑިސެމްބަރ 2025 ގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ މިންވަރު ވަނީ 39.6 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ 2024 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 35.1 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 12.9 އިންސައްތައިގެ ކުރިއެރުމެކެވެ.
2025 ވަނަ އަހަރަށް އަންދާޒާކޮށްފައިވާ އާމްދަނީއާއި ހިލޭ އެހީއަކީ 39.8 ބިލިއަން ރުފިޔާއެވެ. 2025 ވަނަ އަހަރުގެ ބަޖެޓު ހުށަހެޅިއިރު ހިލޭ އެހީގެ ގޮތުގައި 2.6 ބިލިއަން ރުފިޔާ ލިބޭނެކަމަށް ބެލެވުނު ނަމަވެސް، އަހަރު ނިމުނުއިރު ލިބިފައިވަނީ 415.2 މިލިއަން ރުފިޔާއެވެ.
އަންދާޒާތަކަށްވުރެ ހިލޭ އެހީގެ ގޮތުގައި ލިބުނު އާމްދަނީ ދަށްވި ނަމަވެސް، ޓެކްސް އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައިވާ މިންވަރު ވަނީ ބަޖެޓުގެ އަންދާޒާތަކަށްވުރެ 5.5 އިންސައްތަ ނުވަތަ 2.0 ބިލިއަން ރުފިޔާ އިތުރަށް ލިބިފައިވެއެވެ. ޓެކުހުގެ އާމްދަނީގެ ގޮތުގައި ޖުމްލަ 29.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ކުރީ އަހަރު ލިބުނު 26.4 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 10.6 އިންސައްތަ އިތުރު އަދަދެކެވެ. މީގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް، ޓީ.ޖީ.އެސް.ޓީ.ގެ ގޮތުގައި 11.0 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ ކުރީ އަހަރު ލިބުނު 9.5 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 15.2 އިންސައްތައިގެ ކުރިއެރުމެކެވެ. ޓެކްސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީ 10.0 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، މިއީ ކުރީ އަހަރުގެ 8.1 ބިލިއަން ރުފިޔާއާ އަޅާބަލާއިރު %24.0 ގެ ކުރިއެރުމެކެވެ. އަދި ފާސްކުރި މިންވަރަށްވުރެ 2.0 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
ރިކަރަންޓް ޚަރަދު ކޮންޓްރޯލް ކުރެވިފައިވާއިރު، ޖުމްލަ ޚަރަދުތައް ދަށަށް
ޑިސެމްބަރ 2025 ގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ޚަރަދު ހުރީ 43.1 ބިލިއަން ރުފިޔާގައެވެ. މިއީ 2024 ވަނަ އަހަރުގެ 48.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 10.6 އިންސައްތައިގެ ދަށްވުމެކެވެ.
ދައުލަތުގެ މުވައްޒަފުންގެ މުސާރަ އެއްހަމަކުރުން ފަދަ ސިޔާސަތުތައް 2025 ވަނަ އަހަރު ތަންފީޒުކުރުން ފަދަ ކަންކަމުގެ ސަބަބުން ރިކަރަންޓް ޚަރަދުތައް އިތުރުވެ، 36.3 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. މިއީ ކުރީގެ 34.9 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 4.1 އިންސައްތައިގެ އިތުރުވުމެކެވެ. މި އިތުރުވުމުގެ މައިގަނޑު ސަބަބަކީ މުސާރައަށް އައިސްފައިވާ ބަދަލާއެކު މުވައްޒަފުންނަށް ކުރާ ޚަރަދުތައް އިތުރުވެފައިވުމެވެ.
2025 ވަނަ އަހަރު ކެޕިޓަލް ޚަރަދުގެ ގޮތުގައި ހިނގާފައިވަނީ 6.8 ބިލިއަން ރުފިޔާ އެވެ. މިއީ އޭގެ ކުރީ އަހަރުގެ 13.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 48.8 އިންސައްތައިގެ ދަށްވުމެކެވެ. ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ފާއިތުވި ހަފުތާގެ ތެރޭގައި ކެޕިޓަލް ޚަރަދުތައް އިތުރުވެފައިވަނީ މަގުތަކާއި، ބުރިޖު އަދި އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫޢުތަކަށް ކުރެވުނު ޚަރަދުތަކުގެ ސަބަބުންނެވެ.
މިއިން ދޭހަކޮށްދެނީ ޖުމްލަ ޚަރަދުތައް ވަކި މިންގަނޑެއްގައި ހިފަހައްޓަމުންވެސް، އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ސަރުކާރުން އިސްކަންދޭ މިންވަރެވެ.
ދައުލަތުގެ މާލީ ހާލަތު ރަނގަޅުވެ، ޕްރައިމަރީ ބެލެންސް ސަރޕްލަސްގައި
2024 ވަނަ އަހަރުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުގެ އޯވަރޯލް ޑެފިސިޓް ހުރީ 13.1 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގައެވެ. 2025 ވަނަ އަހަރުގެ ނިޔަލަށް މި އަދަދު ވަނީ 3.5 ބިލިއަން ރުފިޔާއަށް ކުޑަކުރެވިފައެވެ. މިއީ ދައުލަތުގެ ޚަރަދުތައް ކޮންޓްރޯލްކުރުމާއެކު އާމްދަނީގެ ސިޔާސަތުތަކަށް ގެނެސްފައިވާ ބަދަލުގެ ހެޔޮ ނަތީޖާއެވެ.
އިންވެސްޓަރުން ދައުލަތުގެ މާލީ ދެމެހެއްޓެނިވިކަން ވަޒަންކުރުމުގައި ބަލާ މުހިންމު މިންގަނޑެއް ކަމަށްވާ ޕްރައިމަރީ ބެލެންސް (ދަރަނީގެ އިންޓްރެސްޓް ޚަރަދު ނުހިމަނައި، އާމްދަނީއާއި ޚަރަދުގެ ފަރަގު) ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ. އެގޮތުން2024 ވަނަ އަހަރު 8.4 ބިލިއަން ރުފިޔާއިން ޑެފިސިޓްވި ޕްރައިމަރީ ބެލެންސް، 2025 ވަނަ އަހަރު ނިމުނުއިރު ހުރީ 1.2 ބިލިއަން ރުފިޔާގެ ސަރޕްލަސްއެއްގައެވެ. މިއީ ފަހުގެ ތާރީޚެއްގައި ފުރަތަމަ ފަހަރަށް ޕްރައިމަރީ ސަރޕްލަސް އެއްގައި މާލީ އަހަރެއް ނިންމާލެވުނު ފުރަތަމަ ފަހަރެވެ.
ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރާ މިންވަރު އިތުރުކޮށް ރިޒާވް ވަރުގަދަކުރުން
ބައިނަލްއަގުވާމީ މާލީ އިދާރާތަކުންނާއި އިންވެސްޓަރުން އެންމެ ބޮޑަށް ސަމާލުކަންދޭ އެއް ކަމަކީ ދައުލަތުގެ މާލީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ބިނާކުރާ ރިޒާވްގެ ދުވެއްޔަށެވެ. އެގޮތުން ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް (އެސް.ޑީ.އެފް.)އަށް 2025 ވަނަ އަހަރު ޖަމާކުރި މިންވަރު ވަނީ 2.7 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ 2024 ވަނަ އަހަރު ޖަމާކުރި 1.4 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 91.2 އިންސައްތައިގެ އިތުރުވުމެކެވެ. މިގޮތަށް ފަންޑަށް ފައިސާ ޖަމާކުރާ މިންވަރު އިތުރުވުމަކީ، ދައުލަތުގެ ދަރަނި އަދާކުރުމުގެ ގާބިލުކަން އިތުރުވެ، ރަސްމީ ރިޒާވަށް ހުރި ޕްރެޝަރުތައް ކުޑަކޮށްދޭނެ ކަމެކެވެ.
ޑިސެމްބަރ 2025 ގެ ނިޔަލަށް ލިބެންހުރި މައުލޫމާތަށް ބަލާއިރު، ފަތުރުވެރިކަމުގެ ދާއިރާގެ ޓެކްސްތަކުން ލިބުނު އާމްދަނީ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން ސަރުކާރުގެ އަންދާޒާތަކާ އެއްގޮތަށް 2025 ވަނަ އަހަރު 2.2 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު ބޭރު ފައިސާގެ އާމްދަނީ ވަނީ 1.2 ބިލިއަން ޑޮލަރަށް އަރާފައެވެ.
އެސް.ޑީ.އެފް.އަށް ފައިސާ ޖަމާކުރި މިންވަރު ވަރަށް ބޮޑަށް އިތުރުވުމަކީ، މާލީ ނިޒާމުގެ ތެރެއިން ދައުލަތުގެ ރިޒާވް ވަރުގަދަކުރުމުގެ މަސައްކަތް ހަލުވިވެފައިވާ ކަމުގެ ނިޝާނެކެވެ. މިއީ ބޭރުގެ އެކި ލޮޅުންތަކުގެ ނުރައްކާ އޮތް، ރާއްޖެ ފަދަ ކުޑަ އަދި ހުޅުވާލެވިފައިވާ އިގުތިސާދެއްގެ ސާބިތުކަން ހިފެހެއްޓުމަށްޓަކައި އެޅޭ މުހިންމު ފިޔަވަޅެކެވެ.
ރައްޔިތުންނަށް ދައުލަތުގެ މާލީ ކަންކަމާގުޅޭ އެންމެ އަދާހަމަ، ސައްހަ މައުލޫމާތު ފޯރުކޮށްދިނުމަކީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އިން ހާއްސަ އަހައްމިއްޔަތުކަމެއްދޭ ކަމެއްކަމުގައި އެ މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ. އަދި އެ މިނިސްޓްރީން ކޮންމެ ހަފްތާއަކު ޝާއިއުކުރަމުންދާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓު އަހަރުގެ ފަހު ދެ ހަފްތާގައި ޝާއިއުނުކޮށް ލަސްވެފައިވަނީ 2025 ވަނަ އަހަރުގެ ބަޖެޓުން ކޮށްފައިވާ ޚަރަދުތަކާއި ލިބިފައިވާ އާމްދަނީ ރިކޯޑުކުރުމުގައި ޕަބްލިކް އެކައުންޓިންގ ސިސްޓަމުގައި ދިމާވި ޓެކްނިކަލް މައްސަލައަކާހުރެ އެ މައްސަލަ ހައްލުކުރުމަށް ވަގުތު ހޭދަވެފައިވާތީކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.
ރިޕޯޓް: މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ
ނިމިދިއަ އަހަރުގެ ބަޖެޓު ޑެފިސިޓް، ކުރީ އަހަރާ އަޅައިބަލާއިރު 73.5 އިންސައްތަ ކުޑަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ