އިނގިރޭސިވިލާތުންވެސް ކުޑަކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަން ވިސްނަނީ

އިނގިރޭސިވިލާތުގައި އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމަށް ވިސްނަމުންދާކަމަށް އެޤައުމުގެ ސަރުކާރުން ބުނެފިއެވެ.
މިކަމާ ގުޅޭގޮތުން އިނގިރޭސި ސަރުކާރުންވަނީ މިކަންކުރަން ފެށުމަށް އާއްމުންގެ ހިޔާލާއި، އެކަމާ ގުޅޭގޮތުން އެހެން ޤައުމުތަކުން ތައްޔާރުކޮށްފައިވާ ދިރާސާތައް އެއްކުރުމުގެ މަސައްކަތް ފަށާފައެވެ. ޔޫކޭއިން ވަނީ މިކަން ފެށުމުގެ ކުރިންވެސް ކުޑަކުދިން ގެންގުޅެމުންދާ ފޯނާއި ޓެބްލެތްފަދަ ޑިވައިސްތަކުން ބަރަހަނާ ސައިޓްތަކަށް ވަނުމާއި އަދި އެފަދަ މަންޒަރުތައް ނުބެލޭނޭ ގޮތް ހެދުމުގެ މަސައްކަތް ފަށާފައެވެ.
އިނގިރޭސި ސަރުކާރުން ކުޑަކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމަށް ނިންމީ ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަން ރައްކާތެރިކުރުމަށް ސަރުކާރުން ގެންގުޅެމުންދާ ސިޔާސަތުގެ ދަށުންނެވެ. އިނގިރޭސިވިލާތުން އެޅުމަށް މަސައްކަތްކުރަމުންދާ މި ފިޔަވަޅުގެ ސަބަބުން ކުރިއަށްއޮތް ތަނުގައި 16 އަހަރުން ދަށުގެ ކުދިންނަށް ކިޔަވާ ތަންތަނުގައި ފޯން ބޭނުންކުރުން ހުއްޓުވުމަށް އިތުރު ބާރެއް ލިބިގެންދާނެކަމަށް ސަރުކާރުން ދެކޭކަމަށް ވަނީ ބުނެފައެވެ.
އިސްޓްރޭލިއާއިން ވަނީ މިދިޔަ ޑިސެމްބަރުމަހު އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކޮށްފައެވެ. އެއީ 2024 ވަނަ އަހަރުގެ ނޮވެމްބަރުމަހު އެގައުމުގެ ސަރުކާރުން ފާސްކުރި 'އޮންލައިން ސޭފްޓީ އެމެންޑްމަންޓް' (ސޯޝަލް މީޑިއާ މިނިމަމް އޭޖް އެކްޓް) ގެ ދަށުން ނިންމާފައިވާ ނިންމުމެކެވެ. މި ނިންމުމާއެކު އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ފޭސްބުކް، އިންސްޓަގްރާމް، ޓިކްޓޮކް، ސްނެޕްޗެޓް، އެކްސް (ކުރިން ޓްވިޓަރ)، ޔޫޓިއުބް، ރެޑިޓް، ޓްވިޗް، ކިކް އަދި ތްރެޑްސް ބޭނުން ނުކުރެވޭނެއެވެ.
އޮސްޓްރޭލިއާގެ އިތުރުން މެލޭޝިއާއިންވެސް ވަނީ ކުޑަކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރަން ނިންމާފައިވާކަމަށެ ބުނެފައެވެ. އެގޮތުން މިކަމުގައި އޮސްޓްރޭލިއާއިން ގެންގުޅުނު އުސޫލްތައް ދިރާސާކުރަމުންދާކަމަށް މެލޭޝިއާގެ ކޮމިއުނިކޭޝަން މިނިސްޓަރު ފަހުމީ ފަދްޒިލް ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ