ސެޓްލްމަންޓް އެއްބަސްވުމަކަށް ފައިސާ ނުދީގެން އިންޑިއާ ކުންފުންޏަކުން ސަރުކާރާ ދެކޮޅަށް ދައުވާކޮށްފި
ރައީސް ޔާމީންގެ ވެރިކަމުގައި، ތ. ވޭމަންޑޫއާއި ޅ. ނައިފަރުގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރަން ހަވާލުކުރި އެއްބަސްވުމަކާ އެއްގޮތަށް ފައިސާ ނުދައްކައިގެން އިންޑިއާ ކުންފުންޏަކުން ދިވެހި ސަރުކާރާ ދެކޮޅަށް ދައުވާކޮށްފިއެވެ. މިއީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވޭމަންޑޫއާއި ނައިފަރުގައި ނަރުދަމާ ނިޒާމު ގާއިމުކުރަން ހަވާލުކުރި އެއްބަސްވުމަކާ އެއްގޮތަށް ފައިސާ ނުދައްކާ އޮތް މައްސަލައެއްގައި އެމްޑީޕީ ސަރުކާރުން ހެދި ސެޓުލްމަންޓް އެއްބަސްވުމަކަށް މި ސަރުކާރުން އަމަލު ނުކުރުމުން ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީއާ ދެކޮޅަށް ދައުވާ ކުރި މައްސަލައެކެވެ. 2017 ވަނަ އަހަރުގެ މި ޕްރޮޖެކްޓާ ގުޅިގެން ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީއާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކޮށްފައި ވަނީ އިންޑިއާގެ އެލްއީ ޓްރިވޭނީ ޖޭވީ ކިޔާ ކުންފުންޏަކުންނެވެ. އެ ކުންފުނިން ވަނީ، މިދިޔަ ހަފްތާގައި އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ 10 މިލިއަން ރުފިޔާ ހޯދަން އެ ކުންފުނިން ދައުވާ ކުރާ މައްސަލައެކެވެ. ނައިފަރާ ވޭމަންޑޫގެ ނަރުދަމާގެ މަޝްރޫއުގެ އެއްބަސްވުމުގެ ދަށުން ލިބެންޖެހޭ ފައިސާތަކެއް ނުލިބިގެން ފައިސާ ހޯދުމުގެ މައްސަލަ ހައްލުކުރުމަށް އާބިޓްރޭޝަންގެ ނޯޓިސް ކުރިން ފޮނުވާފައިވެއެވެ. އަދި އިންޑިއާގެ ނިއު ދިއްލީގެ ހައިކޯޓަށް އެ މައްސަލަ ކުރިން ހުށަހެޅިއެވެ. އެއާއެކު، ސަރުކާރުން ވަނީ އެ ކުންފުންޏާއެކު އައުޓް އޮފް ކޯޓް ސެޓްލްމަންޓެށް ހެދުމަށް، އާބިޓްރޭޝަނުން ގިނަ މަޝްވަރާތަކެއްކޮށް، ސެޓުލްމަންޓް އެއްބަސްވުމެއް ހަދައިފައެވެ. އެ އެއްބަސްވުން ހަދާފައިވަނީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ނިމި، ދެ ވަނަ ބުރުގެ ވޯޓަށް ތައްޔާރުވަމުން ދަނިކޮށެވެ. އެއީ ސެޕްޓެމްބަރު 24، 2023ގަ އެވެ. އެ އެއްބަސްވުމުގެ ދަށުން، އިންޑިއާގެ ހައި ކޯޓުގައި އޮތް މައްސަލަ އެ ކުންފުނިން ނެގީ، މައްސަލަ ނަގާތާ 15 ދުވަހުގެ ތެރޭ ބަދަލުގެ ގޮތުގައި 648،508 ޑޮލަރު (10 މިލިއަން ރުފިޔާ) ދޭން ސަރުކާރުން އެއްބަސްވުމުންނެވެ. އެހެންނަމަވެސް ވެރިކަން ބަދަލުވެ، އާ ސަރުކާރުން ފައިސާ ނުދިނުމުން އެންމެ ފަހުން މައްސަލަ އަލުން ކޯޓަށް ހުށަހެޅީއެވެ. އެލްއީ ޓްރިވޭނީ ޖޭވީ ކުންފުނިން ކޯޓުގައި އެދިފައިވަނީ ސެޓްލްމަންޓް އެއްބަސްވުމުގެ ދަށުން އެއްބަސްވެފައިވާ ބަދަލުގެ ފައިސާ ހައުސިން މިނިސްޓްރީން ދައްކަން އަމުރުކޮށްދިނުމަށެވެ. އޭގެއިތުރުން، އިންޓްރަސްޓް ގޮތުގައި އަރާފައިވާ ފައިސާއާއި ޝަރީއަތުގެ ޚަރަދު ނަގައިދިނުމަށް ވެސް ދައުވާކޮށްފައިވެއެވެ. ޅ. ނައިފަރުގައި ފެނާއި ނަރުދަމާ އަދި ތ. ވޭމަންޑޫގައި ނަރުދަމާގެ މަސައްކަތް ކުރަން އިންޑިއާގެ ޖޮއިންޓް ވެންޗާ ކުންފުންޏެއް ކަމަށްވާ އެލްއީ ޓްރިވެނީ ޖޭވީއާ ހަވާލުކުރީ، 2017 ވަނަ އަހަރުގެ ޖޫން މަހުގެ 18 ވަނަ ދުވަހުއެވެ. އެ މަސައްކަތުގެ އެއްބަސްވުމުގައި ސަރުކާރުން ސޮއިކުރީ، އޭރުގެ އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް އަދި އެ ކުންފުނީގެ ޑިރެކްޓަރު ވިނޭ ކުމާރު ސިންގްއެވެ. އެންވަޔަރްމަންޓް މިނިސްޓްރީން އޭރު ބުނީ އެ ދެ މަޝްރޫއު ހިންގަނީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) އަދި އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ގެ ލޯނު އެހީގައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ