މަގުބޫލު ކޮމެޑީ "ދަމާލް"ގެ ހަތަރުވަނަ ބައި ޖޫން މަހު

ބޮލީވުޑްގެ ކާމިޔާބު ކޮމެޑީ ފްރެންޗައިސް "ދަމާލް"ގެ ހަތަރުވަނަ ފިލްމު ސިނަމާތަކަށް ގެންނަ ތާރީޚު އިއުލާނުކޮށްފިއެވެ. ޓީ-ސީރީސްއަށް އިންދަރު ކުމާރު ޑައިރެކްޓްކުރާ "ދަމާލް 4" ބެލުންތެރިންނަށް ގެނެސްދޭން ނިންމާފައިވަނީ މި އަހަރުގެ ޖޫން މަހުގެ 12 ވަނަ ދުވަހެވެ. ފިލްމު ރިލީޒްކުރާ ތާރީޚާ އެކު ޓީ-ސީރީސް ފިލްމްސްއިން ވަނީ ޚާއްސަ ޕޯސްޓަރެއް ވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. ފިލްމު "ދަމާލް 4"ގެ މައިގަނޑު ކާސްޓުންގެ ތެރޭ އަރުޝަދު ވަރުސީ، ޖާވިދް ޖެފްރީ، ރިތޭޝް ދޭޝްމުކްގެ އިތުރުން އަޖޭ ދޭވްގަން ހިމެނެއެވެ. މި އެކްޓަރުންނަކީ ކުރީގެ ބައިތަކުން ވެސް ފެނިފައިވާ މި ފްރެންޗައިސްގެ ވަރަށް މުހިއްމު ތަރިންނެވެ. މި ފަހަރުގެ ފިލްމުން ފެންނާނެ އާ ތަރިންގެތެރޭ ސަންޖީދާ ޝައިހް އަދި އަންޖަލީ އާނަންދު ހިމެނޭއިރު ފިލްމީ ތަރިން ކަމަށްވާ ރަވީ ކިޝަން އަދި ސަންޖޭ މިޝްރާ ވެސް ފިލްމުގެ މުހިއްމު ރޯލްތަކުން ފެންނާނެއެވެ. ފިލްމު "ދަމާލް 4"ގެ ކާސްޓުގައި ހިމެނޭ ތަރިން--ފޮޓޯ/އެންޑީޓީވީ ފިލްމު "ދަމާލް"ގެ ފުރަތަމަ ބައި ބެލުންތެރިންނަށް ގެނެސްދީފައި ވަނީ 2007 ވަނަ އަހަރުއެވެ. އޭގެ ފަހުން 2011 ވަނަ އަހަރު ގެނެސްދިން "ޑަބަލް ދަމާލް" އަކީ މި ފިލްމުގެ ތިންވަނަ ބައެވެ. ފިލްމު "ދަމާލް 4" ގެ ޑައިރެކްޓަރު އިންދަރު ކުމާރު އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ އަޖޭ އަދި ސިދާތް މަލްހޯތްރާގެ އިތުރުން ބަތަލާ ރަކުލް ޕްރީތު ސިންގް މުހިއްމު ރޯލް ކުޅުނު ފިލްމު "ތޭންކް ގޯޑް"އެވެ. ފިލްމު "ދަމާލް 4" މި އަހަރު ސިނަމާތަކަށް ގެންނާނެކަން އިއުލާނުކުރިއިރު ފިލްމުގެ މަސައްކަތް މިދިޔަ އަހަރުގެ އޭޕްރިލް މަހުން ފެށިގެން އަންނަނީ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ