ދޯނި ބަންޑުން ޖަހާލިތާ 24 ގަޑިއިރަށްވުރެ ގިނައިރު: ގެއްލުނު ދެވަނަ މީހާ އަދިވެސް ނުފެނޭ

މުދާ އުފުލާ ދޯންޏެއް ބަންޑުން ޖަހާލިތާ 24 ގަޑިއިރު ވީއިރު، ގެއްލުނު ބިދޭސީ މީހާ ނުފެންނަ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފިއެވެ. ހަތަރު މީހުން ދަތުރުކުރަނިކޮށް، "ބަލްމާ ހައެއް" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއް ބަންޑުން ތާޖް އެގްޒޯޓިކާ ރިޒޯޓު ކައިިރިއަށް ޖަހާލިކަމުގެ ރިޕޯޓުކުރީ، އިއްޔެ ހެނދުނު 07:27 ހާއިރެވެ. އޭރު ގެއްލިގެން ހޯދަމުން ދިޔައީ ދެ މީހުންނެވެ. އެއީ، ދިވެއްސަކާއި ބިދޭސީއެކެވެ. އެމްއެންޑީއެފުން އޭގެ ފަހުން ބުނީ، ދޯނިން ގެއްލުނު ދެ މީހުންގެ ތެރެއިން އެކެއްގެ ހަށިގަނޑު، ތާޖް އެގްޒޯޓިކާ ރިސޯޓުގެ ފަޅުތެރެއިން ފެނުމުން، ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ. މަރުވެފައި އޮއްވާ ފެނުނީ، ބ. ހިތާދޫއަށް ނިސްބަތްވާ އުމުރުން 60 އަހަރުގެ އަލީ ހުސައިނެވެ. އޭނާއަކީ ކަނޑުމަތީގައި މުޅި އުމުރު ހޭދަކުރި ތަޖުރިބާކާރު ކެޕްޓަނެކެވެ. https://sun.mv/216852 މިއަދު 'ސަން'އިން ސުވާލުކުރުމުން އެމްއެންޑީއެފުން ބުނީ، ގެއްލުނު ބިދޭސީ މީހާ އަދިވެސް ހޯދަމުން އަންނަ ކަމަށެވެ. ކަނޑުމަތީގެ މިފަދަ ހިތާމަވެރި ގިނަ ހާދިސާތަކެއް މިދިޔަ އަހަރުގެ ތެރޭ ވެސް ވަނީ ހިނގައިފައެވެ. އަދި އެ ފަދަ ހާދިސާތަކުގައި ގެއްލުނު ބައެއް މީހުން އަދިވެސް ނުފެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ