ޗާގޯސް މޮރިޝަސްއަށް ދޫކޮށްނުލަން އެމެރިކާގެ މެމްބަރުން ގޮވާލައިފި

ޗާގޯސް އައިލެންޑްސްގައި ގާއިމުކޮށްފައިވާ އަސްކަރީ މަރުކަޒުގެ ސިޔާދަތީ ބާރު މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން ނިންމާފައިވާ ނިންމުން ހުއްޓުވުމަށް އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ރައީސް ޑޮނަލްޑް ޓްރަމްޕަށް ބާރުއަޅުއްވައިފި އެވެ.
އެ ބޭފުޅުން އިންޒާރު ދެއްވާ ގޮތުގައި، އީރާނާ އެކު އޮތް ނުތަނަވަސްކަން އިތުރުވަމުންދާ މި ދަނޑިވަޅުގައި މިފަދަ ނިންމުމެއްގެ ސަބަބުން އެމެރިކާގެ ގައުމީ ސަލާމަތަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ އެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އަދި ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތަށް އިއްޔެ ފޮނުއްވި ސިޓީއެއްގައި، ރިޕަބްލިކަން ޕާޓީގެ ހަތަރު މެންބަރަކު ވިދާޅުވެފައިވަނީ، މި އެއްބަސްވުމަކީ އެމެރިކާގެ އެންމެ މުހިންމު އެއް އަސްކަރީ މަރުކަޒު ކަމަށްވާ ޑިއޭގޯ ގާސިއާ ބޭސްގެ މުސްތަގުބަލަށް އޮތް ނުރައްކަލެއް ކަމަށެވެ. އަދި މި އެއްބަސްވުމަށް އެމެރިކާ ސަރުކާރުން ދީފައިވާ އެންމެހާ ހުއްދަތަކެއް ބާތިލުކުރުމަށް ވެސް އެ ބޭފުޅުން ވަނީ ގޮވާލައްވާފަ އެވެ.
އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލި ނަމަވެސް، ކުރިއަށް އޮތް 99 އަހަރަށް ޑިއޭގޯ ގާސިއާ ބޭސް އަހަރަކު ގާތްގަނޑަކަށް 100 މިލިއަން ޕައުންޑަށް ކުއްޔަށް ހިފުމަށް ވަނީ ނިންމާފަ އެވެ. މިއީ އެމެރިކާއަށް އެ ބޭސް ބޭނުންކުރުމުގެ ފުރުސަތު ދެމެހެއްޓުމަށްޓަކައި ނިންމި ނިންމުމެކެވެ. އިނގިރޭސިވިލާތުން ހާމަކޮށްފައިވާ ގޮތުގައި، މި އެއްބަސްވުން ރަސްމީކޮށް ތަސްދީގުކުރުމުގެ ކުރިން އެމެރިކާގެ މަޝްވަރާ ހޯދާނެ އެވެ.
މި މައްސަލައިގައި ޓްރަމްޕްގެ ވިސްނުން އެކި ފަހަރު އެކި ގޮތަށް ހުރި ނަމަވެސް، މިދިޔަ ހަފުތާގައި އޭނާ ވަނީ މި އެއްބަސްވުމާ ދެކޮޅަށް ވަރަށް ބޮޑަށް ވާހަކަދައްކަވާފަ އެވެ. އޭނާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޑިއޭގޯ ގާސިއާ ބޭސް އެހެން ބަޔަކަށް ދޫކޮށްލައިގެން ނުވާނެ ކަމަށެވެ. ވައިޓް ހައުސްގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި، ރައީސްގެ ނިންމެވުން ވަރަށް ސާފެވެ.
އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ ކަންބޮޑުވުމަކީ، މޮރިޝަސް އާއި ޗައިނާއާ ދެމެދު އޮންނަ ގާތް ގުޅުމުގެ ސަބަބުން، އެމެރިކާގެ އަސްކަރީ ސިއްރުތައް ބޭރުވުމުގެ ފުރުސަތު އޮތުމެވެ. ސެނެޓާ ޖޯން ކެނެޑީ ވިދާޅުވި ގޮތުގައި، ޗައިނާ އާއި އީރާނަށް މި ބޭސްގެ މުހިންމުކަން ވަރަށް ރަނގަޅަށް އެނގެ އެވެ.
ޑިއޭގޯ ގާސިއާއަކީ އެމެރިކާގެ ބޮން އަޅާ ބޯޓުތަކާއި ކަނޑުގެ ސިފައިންނާއި ސެޓެލައިޓް އޮޕަރޭޝަންތަކަށް ބޭނުންކުރާ ވަރަށް މުހިންމު މަރުކަޒެކެވެ. ވަކިން ހާއްސަކޮށް އީރާނަށް ހަމަލާދޭން ޖެހިދާނެ ހާލަތަކަށް އެމެރިކާ ތައްޔާރުވަމުންދާއިރު، މި ތަނުގެ ބޭނުންތެރިކަން ވަނީ އިތުރުވެފަ އެވެ.
ނަމަވެސް، އިނގިރޭސިވިލާތުން އަދި މިހާތަނަށް އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަވެރި އޮޕަރޭޝަންތަކުގައި މި ބޭސް ބޭނުންކުރުމުގެ ހުއްދައެއް ނުދެ އެވެ.
އިނގިރޭސިވިލާތުން ބުނަމުންދަނީ، ބައިނަލްއަގުވާމީ ގާނޫނީ ފިއްތުންތަކާ ހުރެ، މި އެއްބަސްވުމަކީ އެ އަސްކަރީ މަރުކަޒުގެ މުސްތަގުބަލު ރައްކާތެރިކުރުމަށް އޮތް ހަމައެކަނި މަގު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ