އެމެރިކާ އާއި އިސްރާއީލުން އިރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ދެ ހަފުތާގެ މުއްދަތަށް މެދުކަނޑާލަން އެއްބަސްވިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި، އިސްރާއީލުން ލުބުނާނަށް ވަރުގަދަ ހަމަލާތަކެއްދީ 250 އަށް ވުރެ ގިނަ މީހުން މަރާލައި ބޮޑު ގަތުލުއާއްމެއް އިއްޔެ ހިންގައިފިއެވެ.
ލުބުނާނުގެ ސިވިލް ޑިފެންސުން ހާމަކޮށްފައިވާ ގޮތުގައި، ބެކާ ވާދީ އާއި މައުންޓް ލެބަނަން އަދި ސައިދަން ހިމެނޭހެން އެ ގައުމުގެ އެކި ސަރަހައްދުތަކަށް ދިން މި ހަމަލާތަކުގައި 254 މީހުން މަރުވެ، 1,165 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. މި ހިތާމަވެރި ހާދިސާއާ ގުޅިގެން ލުބުނާނުން ވަނީ މިއަދަކީ ގައުމީ ހިތާމައިގެ ދުވަހެއްގެ ގޮތުގައި އިއުލާންކޮށްފައެވެ.
ލުބުނާނުގެ ބޮޑުވަޒީރު ނަވާފް ސަލާމް ވިދާޅުވީ، އިސްރާއީލުން ހިންގަމުންދާ މި ލޭއޮހޮރުވުންތައް ހުއްޓުވުމަށްޓަކައި ސިޔާސީ އަދި ޑިޕްލޮމެޓިކް ހުރިހާ މަގަކުން މަސައްކަތް ކުރާނެ ކަމަށެވެ. އަދި މިއީ އިންސާނިއްޔަތާ ހިލާފު އަމަލެއްގެ ގޮތުގައި ސިފަކުރައްވައި، ބައިނަލްއަގުވާމީ މުޖުތަމައުން މިކަން ހުއްޓުވަން ފިޔަވަޅު އެޅުމަށް އޭނާ ގޮވާލެއްވިއެވެ. ލުބުނާނުގެ މަޖިލިސް ރައީސް ނަބީހް ބެރީ މި ހަމަލާތައް ސިފަކުރެއްވީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފަށް ހިންގި "ހަނގުރާމައިގެ ޖަރީމާއެއް" ކަމަށެވެ.
ހަމަލާތަކުގައި ޒަހަމްވި މީހުންނަށް ފަރުވާ ދިނުމަށްޓަކައި ލޭ ބޭނުންވާތީ، ލުބުނާނުގެ ޑޮކްޓަރުންގެ ޖަމިއްޔާއިން ވަނީ ލޭ ހަދިޔާކުރުމަށް އާންމުންގެ އެހީތެރިކަމަށް އެދިފައެވެ.
އިރާނާއެކު ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް މެދުވެރިއެއްގެ ދައުރު އަދާކުރި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވީ، އެ އެއްބަސްވުމުގެ ދަށުން ލުބުނާނަށް ދޭ ހަމަލާތައް ވެސް މެދުކަނޑާލަން ޖެހޭނެ ކަމަށެވެ. ނަމަވެސް އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ނަތަންޔާހޫ ބުނީ އީރާނާއެކު ވީ އެއްބަސްވުމުގައި ލުބުނާނު ނުހިމެނޭ ކަމަށާއި، ހިޒްބުالله އަށް ހަމަލާދިނުން ކުރިއަށް ގެންދާނެ ކަމަށެވެ.
އެމެރިކާގެ ރައީސް ޓްރަމްޕް ވެސް ވަނީ މިކަމަށް ބާރުދީ، ލުބުނާނުގެ މައްސަލައަކީ ވަކި ކަމެއް ކަމަށާއި އެއީ އެއްބަސްވުމުގެ ބައެއް ނޫން ކަމަށް ބުނެފައެވެ.
އިސްރާއީލްގެ ހަމަލާތަކުގައި ލުބުނާނުން އިއްޔެ އެކަނި 250 އަށް ވުރެ ގިނަ މަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ