މަރުގެ އަދަބު ދޭން ބޭނުމެއްނޫން، އުންމީދުކުރަނީ އެ ހާލަތަށް ނުދާނެ ކަމަށް: ރައީސް
ރާއްޖެއަށް 500 ގުރާމަށްވުރެ އިތުރަށް މަސްތުވާތަކެތި އެތެރެކުރާނަމަ އަދަބަކީ މަރުގެ އަދަބުކަމަށް ކަނޑައަޅައި، މަސްތުވާތަކެއްޗާ ބެހޭ ގާނޫނު އިސްލާހުކުރިޔަސް، ސަރުކާރުން އެއްވެސް ހާލެއްގައި މަރުގެ އަދަބު ދޭން ބޭނުންނުވާ ކަމަށާއި، އުންމީދަކީ އެއްވެސް މީހަކު އެގޮތަށް އަމަލުނުކުރުން ކަމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ވަކި ވަރަކަށް ވުރެ އިތުރަށް މަސްތުވާތަކެތި އެތެރެކުރާ ނަމަ މަރުގެ އަދަބު ދެވޭ ގޮތަށް ހެދީ މިދިޔަ ޑިސެންބަރު މަހުގެ ހަވަނަ ދުވަހެވެ. ވެރިކަންކުރާ ޕީއެންސީގެ އޮފީސް އިމާރާތް ހުޅުވައިދެއްވުމަށްފަހު ރައީސް މިހެން ވިދާޅުވީ، ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބު ދޭން މަޝްވަރާއަށް ދާން ނިންމެވިކަން މިދިޔަ ޖުލައި މަހުގެ ފަހުކޮޅު އިއުލާނުކުރެއްވުމާ ގުޅިގެން ބައެއް ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ. "މަރުގެ އަދަބު ދިނުމަކީ އަޅުގަނޑުމެން ކުރަން ބޭނުންވާ ކަމެއްނޫން މި ގައުމުގައި އެއްވެސް ވަރަކަށް، އެއީ އިސްތިސްނާ ހާލަތެއްގައި އެކަން ކުރަން ޖެހިއްޖިއްޔާ މި ގައުމުގަ މި އޮތް ވަބާ ހައްލުކުރުމަށް ޓަކައި ކުރަންޖެހިފައި އޮތް ކަމެއް،" އެމަނިކުފާނު ވިދާޅުވިއެވެ. އަޅުގަނޑު އުންމީދު ކުރަނީ އަދި ޔަގީންކުރަނީ އެ އަދަބު ދޭން ޖެހޭނެ ހާލަތަށް އެއްވެސް ފަރާތެއް އަމަލު ނުހިންގާނެ ކަމަށް،ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރައީސް ވިދާޅުވީ، މިފަދައިން މަސްތުވާތަކެތީގެ ގާނޫނުގައި މަރުގެ އަދަބު ހިމެނީ އެ މައްސަލަ ހައްލުކުރުމުގެ ގޮތުން ކަމަށެވެ. އެއާއެކު އެހެން ސަރުކާރުތަކުން ނުކުރާ ވަރަށް މި ސަރުކާރުން މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް މިހާތަނަށް މަސައްކަތްކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ޑިސެންބަރު 1، 2024ގައި ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު ހުށަހެޅުއްވި އެ ބިލުގެ ޖަދުވަލު އެކެއްގައިވަނީ މަސްތުވާއެއްޗެއް 500 ގްރާމަށްވުރެ ގިނައިން އެތެރެކޮށްފި ނަމަ މަރުގެ އަދަބު ދެވޭނެ ކަމަށެވެ. ބިލުގެ ޖަދުވަލު އެކެއްގައި ހިމެނެނީ، މަަނާކޮށްފައިވާ މަސްތުވާތަކެއްޗާއި އެއިން އެއްޗެއް ނުވަތަ މާއްދާއެއް އެކުލެވޭ ނުވަތަ ހިމެނޭ އެއްޗިއްސެވެ. ޖަދުވަލު ދޭއްގައި ހިމެނެނީ، ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާތަކެއްޗާއި އެއިން އެއްޗެއް އެކުލެވިގެން ތައްޔާރުކުރާ އުފެއްދުންތަކެވެ. އަދި، ޖަދުވަލު ތިނެއްގައި ހިމެނެނީ، މަަސްތުވާތަކެތި އުފެއްދުމަށް ބޭނުންކުރެވިދާނެ އާލާތްތަކާއި އެއްޗެއްސާއި ކެމިކަލް ނުވަތަ މާއްދާތަކެވެ. މަސްތުވާތަކެއްޗާބެހޭ ގާނޫނުގައި މިހާރު އޮތް ގޮތުން މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް ދެވޭ އެންމެ ބޮޑު އަދަބަކީ އުމުރަށް ޖަލަށްލުމެވެ. މި ބިލު ހުށަހެޅުމުގެ ބޭނުމެއްގެ ގޮތުގައި ވަނީ، މަސްތުވާތަކެއްޗާ ގުޅޭ ކުށްތައް އިތުރުވަމުންދާތީ އެކަންކަން ހުއްޓުވުމަށް ޓަކައި ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ލިބިދޭ ބާރުތައް އިތުރުކުރުމެވެ. އަދި، މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ މީހުންނަށް ހަރުދަނާ ގޮތެއްގައި ފަރުވާދީ، ހެޔޮގޮތުގައި މުޖުތަމައަށް އަނބުރާ ރުޖޫއަވެވޭނެ ފުރުސަތު ދިނުމަށްޓަކައި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ ނިޒާމު އިސްލާހުކޮށް އެ ނިޒާމު އިތުރަށް ހަރުދަނާކުރުމެވެ. މި ބިލުގައި ހިމަނާފައިވާ މައިގަނޑު ކަންތައްތަކަކީ: ގާނޫނުގެ ދަށުން ކޮންޓްރޯލްކޮށްފައިވާ މަސްތުވާއެއްޗެހީގެ އިތުރުން އަލަށް ކޮންޓްރޯލްކުރަންޖެހޭ މަސްތުވާތަކެތި ކޮންޓްރޯލްކުރެވޭނެ ނިޒާމެއް ތައާރަފުކުރުން. މަސްތުވާތަކެއްޗާ ގުޅޭ އިތުރު ކުށާއި އަދަބު ކަނޑައެޅުން. މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ މީހުންނަށް ދެވޭ ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާކުރުން. ޑުރަގު ކޯޓު ހިންގުމުގެ އުސޫލުތަކާއި ޑުރަގު ކޯޓުގެ ފަރުވާގެ ޕްރޮގްރާމާ ގުޅޭ އުސޫލުތައް މުރާޖައާކުރުން. މަސްތުވާތަކެއްޗާ ގުޅޭ ކުށްތައް ހުއްޓުވުމަށްޓަކައި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް އިތުރު ބާރުތައް ލިބިދިނުން. ކުށް ކޮށްގެން ހޯދާ މުދާ ހިފެހެއްޓުމާއި އެފަދަ މުދާ ދައުލަތަށް ނެގުމުގެ އުސޫލު މުރާޖާކުރުން.މީގެ އިތުރުން، މަސްތުވާތަކެއްޗާ ގުޅިފައިވާ ކުށްކުށާއި، މަސްތުވާތަކެތި ބޭނުންކުރުމާ ގުޅިގެން ހިންގޭ ހަރުކަށި އަމަލުތަކާއި، މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން އުފެދޭ ސިއްޙީ މައްސަލަތައް ރައީސުލްޖުމްޙޫރިއްޔާއަށް އަންގައިދިނުމަށް ވަނީ ހިމަނާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ