ވީއައިއޭގެ ހިދުމަތްތައް ލަސްވާތީ ޓޫރިސްޓުން އެއާޕޯޓަށް ގެނައުން އަވަސްކުރަން އަންގައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ން ފުރާ ބައިނަލްއަގުވާމީ ފަސިންޖަރުންގެ ފްލައިޓު ފުރުމުގެ މަދުވެގެން ދެ ގަޑިއިރު ކުރިން ފަސިންޖަރުން އެއާޕޯޓަށް ގެނައުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް، ރާއްޖޭގައި ސީޕްލޭންގެ ހިދުމަތް ދޭ މައި ކުންފުނި، ޓީއެމްއޭ އިން ރިސޯޓުތަކަށް އަންގައިފި އެވެ.
ވީ ކިހިނެއް؟ - ޓީއެމްއޭގެ ހެޑް އޮފް ގްރައުންޑް އޮޕަރޭޝަންސް އިންތިހާބު އަހުމަދު، އެ އެއާލައިނުން ހިދުމަތްދޭ ރިސޯޓުތަކަށް ފޮނުވި އީމެއިލްއެއްގައި ބުނީ، ވީއައިއޭގެ ޓާމިނަލް 1 އިން ޗެކް-އިން، އިމިގްރޭޝަން ކްލިއަރެންސް އަދި ސެކިޔުރިޓީ ކްލިއަރެންސްގެ ކަންތައް ނިންމުމަށް ގާތްގަނޑަކަށް ގަޑިއިރެއް ހޭދަވާ ކަމަށެވެ.
ތަފްސީލް - ފަސިންޖަރުންގެ ސެކިޔުރިޓީ ކްލިއަރެންސް ލަސްވުމުގެ ސަބަބުން ބައެއް އިންޓަނޭޝަނަލް އެއާލައިންތަކުގެ ދަތުރުތައް ލަސްވެފައިވާ ކަމަށް އެ އީމެއިލްގައި ފާހަގަކޮށްފައިވެ އެވެ.
ފަތުރުވެރިން އެއާޕޯޓަށް ގެނައުން އަވަސްކުރުމަށް ނިންމާފައިވަނީ ވެސް އެއާލައިންތަކުގެ އެދުމަށެވެ.
ޓީއެމްއޭގެ އީމެއިލްގައި ފާހަގަކޮށްފައިވާ ގޮތުން:
އޮޓޮމޭޓެޑް ބެގޭޖު ހޭންޑްލިން ސިސްޓަމާއި ފަސިންޖަރުން ޗެކްއިންވެ، ސެކިޔުރިޓީގެ ހުރިހާ ކަމެއް ފުރިހަމަ ކުރުމަށް އެވްރެޖުކޮށް ގަޑިއެއްހާއިރު ނަގާތީ އެކަންތައް ފުރިހަމަ ކުރުމުގައި ވަގުތު ނަގާ
ގެސްޓު ޑްރޮޕް އޮފް ޕޮއިންޓުން ޗެކް-އިން ކައުންޓަރާއި ހަމައަށް ދެވެނީ ވެސް ގާތްގަނޑަކަށް 10 ވަރަކަށް މިނެޓުން ހިނގާފައި
ހެނދުނުގެ ޕީކް ގަޑީގައި އެއާ ޓްރެފިކް ކޮންޓްރޯލް ޑިލޭތައް ވެސް އާދޭ
މި ސަބަބުތަކާ އެކު ރިސޯޓުތަކުން އަންނަ ފަތުރުވެރިންގެ ފްލައިޓު ރާއްޖެއިން ފުރުމުގެ 2 ގަޑިއިރު ކުރިން އެ ފަތުރުވެރިން އެއާޕޯޓަށް އަންނަ ފްލައިޓުތައް ޝެޑިއުލް ކުރަން ޓީއެމްއޭ އިން ނިންމާފައިވާކަން ވަނީ އަންގައިފަ އެވެ.
ފާހަގަ ކުރެވޭ - ވީއައިއޭގެ އާ ޓާމިނަލް ނުވަތަ ޓާމިނަލް 1އަށް ހުރިހާ އެއާލައިނެއްގެ އޮޕަރޭޝަންތައް ބަދަލުކޮށްފައިވާއިރު، މީގެ ކުރިން ޓާމިނަލް 2ގައި ކުރިމަތިވި ތޮއްޖެހުން ފަދަ މައްސަލަތައް ކުރިމަތިނުވާނެ ކަމަށް ވަނީ ބުނެފަ އެވެ.
ނަމަވެސް އާ ޓާމިނަލުގައި ވެސް ޗެކް-އިން އަދި އިމިގްރޭޝަނުގައި ވެސް ލަސްތައް ދިމާވާކަން ފަތުރުވެރިން ގޮވައިގެން އެއާޕޯޓުގައި އުޅޭ ރެޕުން ވަނީ ފާހަގަކޮށްފަ އެވެ. އެ މީހުން ބުނާ ގޮތުން ރާއްޖެއިން ފުރާއިރު އަދި އަންނަ އިރު ވެސް އިމިގްރޭޝަން ކައުންޓަރުގައި ލަސްވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ