ޒިއުރިކް (މާޗް 16) - ފުޓްބޯޅައިގެ ވަރުގަދަ ދެ ބައްރު ކަމަށްވާ ދެކުނު އެމެރިކާ އާއި ޔޫރަޕްގެ ޗެމްޕިއަނުންގެ މެދުގައި ކުޅޭ، "ފައިނަލިސިމާ" ގައި އާޖެންޓީނާ އާއި ސްޕެއިން ބައްދަލުކުރާ މެޗު ގަތަރުގައި ނުކުޅެވި ކެންސަލްކޮށްފި އެވެ.
މި މަހު 26 ވަނަ ދުވަހު، ގަތަރުގެ ވެރި ރަށް ދޯހާގައި ކުޅެން އޮތް ފައިނަލިސިމާ މެޗު ފަސްކުރަން އެންމެ ފުރަތަމަ ނިންމާފައިވަނީ، އެމެރިކާ އާއި އިޒްރޭލުން ފެބްރުއަރީ މަހު 28 ވަނަ ދުވަހު އިރާނަށް ހަމަަލާދީ ފަށާފައިވާ ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގައި މަސްރަހު ގޯސްވެފައިވާތީ އެވެ.
ޔުއެފާ އިން ބުނީ، އެ ފެޑެރޭޝަނުން ވަނީ، ފައިނަލިސިމާ މެޗު ރެއާލް މެޑްރިޑްގެ ދަނޑު ސަންޓިއާގޯ ބާނަބާއުގައި ކުޅެން ނުނީ، ދެ ލެގުގެ ފޯމެޓަށް އެއް މެޗު، ބާނަބައުގައި އަނެއް މެޗު، އާޖެންޓީނާގެ ވެރި ރަށް، ބީނޯޒް އެރީޒްގައި ކުޅެން ހުށަހެޅި ކަމަށެވެ. އެ ޕްރޮޕޯސަލަށް އާޖެންޓީނާ ފުޓްބޯޅަ ފެޑެރޭޝަނުގެ ރުހުން ނުލިބުނު ކަމަށެވެ.
ދެކުނު އެމެރިކާގެ ފުޓްބޯޅަ ފެޑެރޭޝަން، ކޮންމެބޯލް އިން ބުނީ، މި މަހު 27 ވަނަ ދުވަހު އިޓަލީގައި ފައިނަލިސިމާ މެޗު ކުޅެން ލިބުނު ޕްރޮޕޯސަލަށް ތާއީދު ކުރި ކަމަށާއި އެކަމަކު، އެ ގޮތް ސްޕެއިނަށް ކަމުނުގޮސްގެން، މި މަހު 31 ގައި ކުޅެން ވާހަކަ ދެކެވި އެ ގޮތަށް ވެސް އެއްބަސްވެވޭގޮތް ނުވީ ކަމަށެވެ.
ފައިނަލިސިމާ މެޗު، އެމެރިކާގެ މިއާމީގައި ކުޅެން ލިބުނު ހުށަހެޅުމާ އެއްގޮތަށް އެއްވެސް ބައެއްގެ ތާއީދު ނުލިބުނު ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އާޖެންޓީނާ އިން ވަނީ މި އަހަރުގެ ޖޫން/ޖުލައި ގައި އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ބާއްވާ ފީފާ ވޯލްޑް ކަޕަށް ފަހު ފައިނަލިސިމާ މެޗު ކުޅެން ހުށަހަޅައިފަ އެވެ. ސްޕެއިނުން އަންނަނީ އެ ޓީމުގެ އިންޓަނޭޝަނަލް ކަލަންޑަރުން ދުވަހެއް ހޯދައި، ޔުއެފާއާ ގުޅިގެން ފައިނަލިސިމާ މެޗު ތާވަލުކުރުމުގެ މަސައްކަތްތަކެއް ކުރަމުންނެވެ.
އެންމެ ފަހުން، "ފައިނަލިސިމާ" މެޗެއް ކުޅެފައިވަނީ، 2022 ވަނަ އަހަރު އެެވެ. އެ ފަހަރު ޔޫރަޕްގެ ޗެމްޕިއަން އިޓަލީ އަތުން 3-0 އިން މޮޅުވެ، ތަށި އުފުލާލީ އާޖެންޓީނާ އިންނެވެ. މިއީ، ދެކުނު އެމެރިކާގެ ގައުމުތަކުގެ މެދުގައި ކުޅޭ ކޮޕަ އެމެރިކާގެ ޗެމްޕިއަނުންނާއި ޔޫރަޕްގެ ގައުމުތަކުގެ މެދުގައި ކުޅޭ ޔޫރަޕްގެ ޗެމްޕިއަނުން މެޗެއްގައި ނުކުތް ތިން ވަނަ ފަހަރެވެ.
އެ ގޮތުން، އޭގެ ކުރިން، 1985 ވަނަ އަހަރު އުރުގުއޭ އަތުން ފްރާންސް މޮޅުވިއިރު، 1993 ވަނަ އަހަރު ޑެންމާކް އަތުން އާޖެންޓީނާ ވަނީ ޕެނަލްޓީ ޖަހައިގެން މޮޅުވެފަ އެވެ.
ސްޕެއިނާއި އާޖެންޓީނާ ކުޅެން އޮތް "ފައިނަލިސިމާ" މެޗު ކެންސަލް ސްޕެއިނާއި އާޖެންޓީނާ ކުޅެން އޮތް "ފައިނަލިސިމާ" މެޗު ކެންސަލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ